ރާއްޖޭގެ ނޫސްވެރިކަމުގައި ހުރި ކަންބޮޑުވުންތައް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ޔޫރަޕް އިއްތިހާދު (އީޔޫ)އާ ހިއްސާކޮށްފިއެވެ.

ލަންކާގައި އީޔޫގެ ވަފުދާ ބައްދަލުކުރައްވައި، އެމްޖޭއޭއިން ވަނީ، ރާއްޖޭގެ ނޫސްވެރިކަމާއި މިފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އަމަލު ކުރަން ފެށި މީޑިއާ 'ކޮންޓްރޯލް' ގާނޫނާ ގުޅޭ ކަންބޮޑުވުންތައް ވެސް ހިއްސާކުރައްވާފައެވެ.

އެމްޖޭއޭއިން ލަންކާއަށް ކުރައްވާ ދަތުރުގައި ބައިވެރިވެވަޑައިގަންނަވަނީ، އެ ޖަމިއްޔާ އުފެއްދުމުގައި އިސްކޮށް އުޅުއްވި 'ދައުރު' ނޫހުގެ މެނޭޖިން އެޑިޓަރު އަހްމަދު ޒާހިރު (ހިރިގާ)އާއި އެމްޖޭއޭގެ ރައީސް އަހުމަދު ނާއިފްއާއި ނައިބު ރައީސް މުހައްމަދު ޝަހުޒާންގެ އިތުރަށް މުހައްމަދު ޖުނައިދެވެ.

އެކަމާ ގުޅުން ހުރި އިތުރު މައުލޫމާތު ހިއްސާކުރައްވައި، ޒާހިރު 'ސަން'އަށް ވިދާޅުވީ، އެ ބައްދަލުވުމުގައި ސެލްފް ރެގިއުލޭޓަރީ މެކޭނިޒަމް އުފެއްދުމަށް ޕްރެސް ކައުންސިލެއް އުފެއްދުމަށް އީޔޫއިން ފަންނީ ލަފާ ދިނުމަށް އެދިފައިވާނެ ކަމަށެވެ.

އީޔޫގެ އިތުރަށް އެމްޖޭއޭއިން ވަނީ، ލަންކާގެ ޕްރެސް ކޮމްޕަލައިޓްސް ކޮމިޝަނާ ބައްދަލުކޮށްފައެވެ.

މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް އަމަލުކުރަން ފެށި އާ ގާނޫނާ ގުޅޭ ގޮތުން ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ބިލު މަޖިލީހަށް ހުށަހެޅި ދުވަހުން ފެށިގެން، ބިލާ ދެކޮޅަށް ނޫސްވެރިން ސިލްސިލާ މުޒާހަރާތައް ވެސް ކޮށްފައިވެއެވެ.