19 Nov 2025, 09:44
އެ ރިހުން މަޑުމަޑުން ހަށިގަނޑުގެ ހުރިހާ ސެލްތަކަކަށް ފެތުރެން ފަށައިފިއެވެ.
ރަނީމްގެ މޫނުމަތީން ފެނުނު މާޔޫސްކަމާއި އެމޫނުމަތީގެ އަސަރުތަކުން ރައާބިލްއަށް އެއްޗެއް ނުބުނެ ނުހުރެވުނެވެ. ރަނީމްގެ ހިތުގެ އިޙްސާސްތައް ވަރަށް ރަނގަޅަށް އޭނައަށް ވަޒަންކޮށްލެވުނެވެ. ލޯތްބާ ދުރުގައިހުުރުމަކީ ކިހާ ވޭންދެނިވި ކަމެއްކަން ޚުދު އޭނަވެސް ވަނީ އިޙްސާސް ކޮށްފަ އެވެ.
"ދަރިފުޅާ... ބައްޕައަށް އެމީހުންގެ ޤައިދުން ނުކުމެވުނީ ނާވީގެ ސަބަބުން..." ރައާބިލް ރަނީމްގެ ކޮނޑުގައި މަޑުމަޑުން ފިރުމައިލިއެވެ. "ނާވީ ދަރިފުޅު ދެކެ ވާ ލޯތްބަކަށް ބައްޕަމެން ޝައްކެތް ނުކުރަން."
"އެކަމަކުވެސް މަންމައާއި ބައްޕައަށް ލިބުނު އަނިޔާގެ އަސްލަކީ ނާވީގެ ޢާއިލާ. ވިއިރު އަހަރެން ލޯބި ހާސިލްކުރަން އެހާ އަމިއްލަ އެދުން ބޮޑު މީހަކަށް ވުމަކީ އިންސާފަނަށް ވާނެތަ؟" ރަނީމްއަށް އެހެން ބުނެވުނީ އިސްއޮބައިލަމުން މަޑުމަޑުންނެވެ. ބައްޕަ އެހެން އެބުނީ އޭނާގެ ސަބަބުންނެވެ. ނާވީ ދެކެ އޭނާ ވާ ލޯބި ބައްޕަ އާއި، މަންމައަށް ވެސް އެނގެއެވެ.
"ދަރިފުޅާ. ނާވީއަކީ ގޯސް ޒުވާނެއް ނޫން. ހަޤީޤަތް ނޭނގޭއިރުވެސް އޭނަ މަސައްކަތްކުރީ ދަރިފުޅު ސަލާމަތްކުރުމަށް. ދަރިފުޅު ރައްކާތެރިކުރުމަށް. ނާވީ ހުރިހާކަމެއް އެކުރަނީ ދަރިފުޅަށް ޓަކާ. އޭނަ އެ ދެކޮޅު ވަނީ އަމިއްލަ ޢާއިލާއާ. މިއަދު ނާވީގެ ހަޤީޤަތް އެނގުނު ނަމަވެސް, އިންޖާބު ނާވީއަށް ވެސް އަނިޔާވެރިވާކަށް ފަހެއް ނުޖެހޭނެ." ރައާބިލް ބުނެލިއެވެ. ރަނީމް އޭނާގެ ލޮލުން އައި ކަރުނަތައް ފުހެލިއެވެ. އޭނައަށް ފިނި ހިތަކުން ނާވީއާ މެދު ވިސްނައިލަން އެހިނދު މަޖުބޫރުވިއެވެ. ނާވީގެ ތެދުވެރިކަން ވަނީ އޭނާއަށް ފެނިފައެވެ. އޭނަ ދެކެ ލޯބިވާ މިންވަރުވެސް ވެއެވެ. އަމިއްލަ ބައްޕައާ ވެސް ނާވީ ވަނީ ކުރިމަތިލާފައެވެ. އެ ހުރިހާކަމެއް ހެކިވަމުން ދިޔައީ ނާވީ އޭނާ ދެކެ ވާ ލޯތްބެވެ. އޭނާއަށްޓަކައި ޤުރުބާންވާންވެސް ނާވީ ތައްޔާރަށް ހުރިކަމެވެ. ވީއިރު އެ ލޯތްބަށް އޭނަ ފުރަގަސް ދޭނީ ކިހިނަކުން ހެއްޔެވެ؟
"ދަރިފުޅަށް ނާވީއާ ދުރުގައި ހުރެވޭނެތަ؟" ރައާބިލް ސުވާލުކޮށްލިއެވެ. އެއާއެކު ރަނީމް ރައާބިލްއާ ހަތަރު ކަޅި ހަމަކޮށްލިއެވެ. އެއަށްފަހު ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރައިލިއެވެ. ދޮލޮލުން އައި ކަރުނަތައް، ކޯތާފަތް މައްޗަށް ފައިބައިގެން އެހިނދު ދާން ފަށައިފިއެވެ.
"އެކަމަކު ބައްޕާ... މިއަދު އަހަރެން... އަހަރެން ނާވީއާ އެކުގައި ހުރިނަމަވެސް، އެކަމުގެ ނުރައްކާ ކުރިމަތިވާނީ ހަމައެކަނި އަހަންނަށް އެކަންޏެއް ނޫނެއްނު. އެކަމުގެ ސަބަބުން ނާވީއަށް ގެއްލުންލިބޭނެ. ބައްޕައަށް ލިބުނު ފަދަ އަނިޔާއެއް ނާވީއަށް ލިބޭކަށް ދުވަހަކުވެސް ބޭނުމެއް ނޫން..." ރަނީމްއަށް ބުނެވުނެވެ.
"އެހެންވީމަ ދަރިފުޅު ދެން ނާވީގެ ކުރިމައްޗަށް ނުދާނީތަ؟ ދަރިފުޅު ނާވީއާ ބައްދަލުކުރަން ނޫޅޭހާ ހިނދަކު އޭނަ ދެނެއް ދަރިފުޅުގެ ކުރިމައްޗަކަށް ނާރާނެ. ދަރިފުޅާ ކުރިމަތިލުމަކީ ނާވީއަށް ފަސޭހަކަމެއް ނޫން. އޭނަ މިތަނުން އެ ދިޔައީވެސް އެހެންވެގެން..." ރައާބިލް ބުނެލިއެވެ.
"އަހަރެން ނާވީއާ ބައްދަލުކުރާނަން." ރަނީމް ބުނެލިއެވެ. ދެން ފާއިތުވެގެން ދިޔައީ ހަމަހިމޭންކަމުގެ ވަގުތުކޮޅެކެވެ. އެކަކުވެސް އެއްޗެއް ނުބުނެއެވެ.
ސަމްރާއާ ރައާބިލްގެ އަތުގައި ހިފާލައިގެން ރަނީމް ވެސް އިނީއެވެ. އެހެން އިނދެފައި އޭނަ އަނެއްކާވެސް ރައާބިލްއަށް ބަލައިލިއެވެ. އަތުގައި އޮތް އުޅާއަށް އިޝާރާތްކޮށްލާފައި ވާހަކަ ދައްކަން ފެށިއެވެ.
"އަހަންނަށް ދުވަހަކުވެސް މިއުޅާ އަތަކުން ވަތްކެއް ނުކުރެވޭނެ ދޯ..." ރަނީމް ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. "މި އުޅާ އަތުގައި އޮތަސް ނެތަސް، ހުރިހާ ކޮޅަކުންވެސް ވަނީ ނުރައްކާ. އަތުން މިއުޅާ ވަކިކުރާ ހިސާބުން އެމީހުންނަށް އަހަންނަކީ ކާކުކަން އެނގޭނެ. އޭރުންވެސް ލިބޭނީ އަނިޔާ. އިންސާނެއްގެ ދަރިއަކަށް އަހަރެން ވީތީ. މި އުޅާ އަތުގައި އޮތް ހާ ހިނދަކުވެސް ކުރިމަތިވާނީ ނުރައްކާ. ނާވީ އިންސާނަކާ ގުޅޭކަށް އެމީހުން އާއިލާގެ އެކަކުވެސް އެއްބަހެއް ނުވާނެ."
ރަނީމްގެ ވާހަކައަށް ބުނާނެ އެއްޗެއް ރައާބިލްއަކަށް ނޭނގުނެވެ. ރަނީމްގެ ރައްކާތެރިކަން ކަށަވަރުވާނީ ކިހިނެއްކަމެއް ޚުދު އޭނައަކަށްވެސް ނޭނގެއެވެ. ކޮންމެ ކޮޅަކުންވެސް ރަނީމް ހުންނަނީ ނުރައްކަލުގެ ތެރޭގައެވެ. ރައާބިލްގެ މޫނުމަތީގެ ކުލަވަރުތަކުން ދޭހަކުރާނެ މާނައެއް ރަނީމްއަކަށްވެސް ނޭނގުނެވެ.
"ދަރިފުޅު ބޭނުންތަ ދަރިފުޅުގެ އަސްލު ބާރުތައް އެނގެން؟" އިރުކޮޅެއްގެ ހިމޭންކަމަކަށް ފަހު ރައާބިލް ސުވާލުކޮށްލުމާއެކު ރަނީމްއަށް ބަލައިލެވުނީ ސަމްރާއަށެވެ. ސަމްރާގެ ހުއްދަ ލިބުމާއެކު ރަނީމް ރައާބިލްއަށް ބަލައިލިއެވެ. އަދިލަަސްލަހުން ބޯ ޖަހައިލިއެވެ. އޭނަ އޭނަގެ އަސްލު އެނގެން ބޭނުމެވެ. ހުރިހާ ހަޤީޤަތެއްވެސް މެއެވެ.
"ފަހަރުގައި ބާރުތައް އަމިއްލަ މީހާގެ ބާރުގެ ދަށަށް ގެނައުމަކީ ދަރިފުޅަށް އުނދަގޫކަމަކަށް ވެދާނެ. އެ ދުވަހު އުޅާ ނެގުމުން ދަރިފުޅުގެ ކައިރީގައި އުފެދުނު ކުދި އަލި ގުޅަތަކަކީވެސް އެކަމުގެ ސަބަބުން އުފެދުނު އެއްޗެއް. ބިރުގަތުމުން ނޭނގި ނަމަވެސް ދަރިފުޅަށް ބާރުތައް ބޭނުންކުރެވުނީ..." ރައާބިލް އޮޅުން ފިލުވައިދިނެވެ. ރަނީމް ބޯ ޖަހައިލީއެވެ. ރައާބިލް އެހެން ބުނުމުން ކުޑަކޮށް ޖެހިލުންވި ނަމަވެސް އާއެކޭ ބުނެލިއެވެ.
*****
ގޮނޑު ދޮށުގެ ރާޅު ޖަހާ ފަށުގައި ނާވީ ހުއްޓިލައިގެން ހުއްޓެވެ. އޭނަގެ ނަޒަރު ހުރީ މޫދުގެ ލޮނުގަނޑަށް ހުއްޓިފައެވެ. ހުސްފަޔާ ހުރިއިރު، ގޮނޑު ދޮށަށް ބީއްސަމުންދިޔަ ރާޅުތައް އޭނާގެ ފައިގައި ބޮސްދެމުން ދިޔައެވެ. މާހައުލުގައިވަނީ ތެތްފިނިކަމެކެވެ. ޖެހެމުން ދިޔަ ލުއި ރޯޅިތަކުގައިވެސް ފިނިކަމުގެ އަސަރުތައް ހުއްޓެވެ.
މާހައުލު ކިތަންމެ ހިތްގައިމު ވި ނަމަވެސް، އެ ހިމޭންކަމާއި އަމާންކަމަކުން ނާވީގެ ހިތަކަށް މިރޭ ހަމަޖެހުމެއް ނުލިބުނެވެ. އެހެނެއްކަމަކު އޭނާގެ ހިތާ ސިކުނޑީގައި އުފެދިފައިވަނީ ވަރުގަދަ ހައިޖާނުގަނޑެކެވެ. ނަފްސުގައި އުފެދިފައިވާ ގިލަންވެރިކަމެއްގެ ސަބަބުން މުޅި މީހާގެ އެތެރެ ހަށިވަނީ ހަލަބޮލި ކުރުވާފައެވެ. ރަނީމްގެ އާއިލާއަށް ކުރިމަތިވެފައިވާ އެ ޙާލަތުގެ ޒިންމާ ނަގަން ޖެހޭނީ، އޭނާގެ ޢާއިލާއިންކަމަށްވާއިރު ހަޤީޤަތް އެނގުމުން ރަނީމް އޭނައާ ގުޅެން ބޭނުންވެދާނެހެއްޔެވެ؟ ރަނީމް އޭނާގެ ގާތަށް އަތުވެދާނެހެއްޔެވެ؟ އޭނަގެ ލޯތްބަށް ފުރުސަތު ދީފާނެ ހެއްޔެވެ؟ އޭނައަށް މާފުކޮށްފާނެހެއްޔެވެ؟ އޭނަ ރަނީމްދެކެވާ ލޯތްބަށް އިތުބާރު ކޮށްފާނެހެއްޔެވެ؟ އޭނަ އިންތިހާއަށް ރަނީމް ބޭނުމެވެ. ރަނީމްއާ ދުރުގައި ހުރުމަކީ އޭނައަށް ކެތްވާނެ ކަމެއް ނޫނެވެ. އެހެންނަމަވެސް ރަނީމް، އެގޮތް ބޭނުންވާނަމަ އޭނާ ހިތާ ދެކޮޅަށްވެސް އެކަމާ އެއްބަސްވާނެއެވެ. ސަބަބަކީ އޭނައަށް އަމިއްލަ ހިތުގެ އިޙްސާސްތަކަށް ވުރެ ރަނީމްގެ އިޙްސާސްތައް މުހިންމުވީމައެވެ. އެހިތުގެ ހަމަޖެހުން މުހިންމުވީމައެވެ. ދުނިޔޭގައި ހުރިހާ ދުވަހަކު އޭނަ ރަނީމްގެ އުފާތަކަށް އިސްކަން ދޭނެއެވެ. މުސްތަޤްބަލުގައި ވާނީ ކިހިނެއް ނޭނގުނު ނަމަވެސް ނާވީއަށް އެނގޭ އެއްކަމެއް އެބަ އޮތެވެ. އޭނަގެ ހިތުން ރަނީމްގެ ލޯބި ދުވަހަކުވެސް ފުހެއެއް ނުލެވޭނެއެވެ. އެ ހިތުގެ އެންމެ ފުނުގައި ފެވިފައިވާ ރަނީމްގެ ނަން ދުވަހަކުވެސް ފަނޑެއް ނުވާނެއެވެ. އަދި ދުނިޔޭގައި ހުރިހާ ދުވަހަކު އޭނާއަށް ރަނީމްގެ މަތީން ހަނދާންވެސް ނައްތައެއް ނުލެވޭނެއެވެ.
"ކަލޭ އެކޭ އެއްގޮތަށް އޭނަވެސް ކަލޭ ދެކެ އިންތިހާއަށް ލޯބިވޭ..." ނާވީގެ ފަހަތުގައި ހުރި ދައިސަމް ވާހަކަ ދެއްކިއެވެ.
"އަހަންނާ މެދު އެހިތުގައި ކިލަނބުކަމެއް އުފެދިދާނެތީ އަހަރެން ޖެހިލުންވޭ. ރަނީމްގެ މަންމައާއި ބައްޕައަށް ކުރިމަތިވި ހުރިހާކަމެއްގެ ޒިންމާ ނަގަންޖެހޭނީ އަހަރެންގެ ކާފައާއި ބައްޕަ..." ނާވީގެ އަޑުގައި ވަނީ މާޔޫސްކަމެކެވެ.
"ކަލޭ ދެކެ އެ އިންސި......" ދައިސަމްއަށް އެހިސާބަށް ބުނެފައި މަޑުޖެހިލެވުނެވެ. އިރުކޮޅަކަށްފަހު އަނެއްކާވެސް އޭނަ ވާހަކަ ދައްކަން ފެށިއެވެ. "ކަލޭ ދެކެ ރަނީމް ލޯބިވާވަރު އަހަންނަށް ފެނުނު. އޭނަ ކަލޭގެ ކައިރިއަށް އަންނާނެ... ޔަޤީންކުރޭ..."
ނާވީއާ އެއްހަމައަކަށް ޖެހިލާފައި، ދައިސަމް ނާވީއަށް ބަލައިލިއެވެ. ނާވީ ހިތި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލިއެވެ.
"އޭނަ އަންނާނެނަމަ މިހާރު އަންނާނެ..." ފަސްއެނބުރި ބަލައިލުމަށްފަހު، އެނބުރި މޫދުގެ ލޮނިގަނޑަށް ނަޒަރު ހުއްޓާލުމަށްފަހު، ނާވީ ވާހަކަ ދެއްކިއެވެ.
"ދެން ކީއްވެ އަދިވެސް ތިޔަ އިންތިޒާރު ކުރަނީ؟ އޭނަ އަންނާނެކަމަށް ޚުދު ކަލޭގެ ހިތުގައިވެސް އުންމީދުވާތީ..." ދައިސަމްއަށް ބުނެވުނެވެ. ނާވީ އެއްޗެއް ނުބުނި ނަމަވެސް، އެއީ އޭނާގެ ހިތުގެ ޙާލަތުކަން ޚުދު އޭނައަށްވެސް އެނގެއެވެ. ރަނީމްއަށްޓަކައި އިންތިޒާރުކުރަން އޭނާއަށް މަޖުބޫރުކުރަނީ އަމިއްލަ ނަފްސެވެ. އޭނަ ރަނީމް ދެކެ ވާ ލޯބީގެ ހައްޤުގައެވެ. އެހެންނަމަވެސް އިންތިޒާރުގެ ވަގުތުތައް ދިގުލައިގެން ދާން ފެށުމުން އެންމެފަހުން ނާވީ މާޔޫސްކަމާއެކު ކަރު އެލުވައިލިއެވެ. އެއަށްފަހު އޭނަ ތުނޑިމަތީގައި ދުއްވައިގަތީއެވެ. ވަކި ހިސާބަކުން އެރި އައްޔާއެކު، ނާވީ ގެއްލުނީއެވެ. އެ މަންޒަރު ބަލަން ހުރި ދައިސަމް ނާވީގެ ފަހަތުން ދިޔުމުގެ ޚިޔާލު ދޫކޮށްލިއެވެ. ރަނީމް އަންނާނެކަމުގެ ޔަޤީންކަން އޭނާއަށް އޮތީތީއެވެ. ރަޙްމަތްތެރިޔާއަށް އެހީވާން ދައިސަމްގެ ހިތް އެދެމުން ދިޔައީތީއެވެ.
*****
ގެސްޓް ހައުސްއިން ނުކުތުމަށްފަހު ދެފަރާތަށް ބަލައިލި، ހާމިދުގެ އަތުގައި މުށިކުލައިގެ ދަބަހެއް އޮތެވެ. އޭގައި ހުރީ އޭނާގެ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނެވެ. އޭނާ އިންތިޒާރުކުރަމުން ދިޔައީ، ޝާރިފް އަންނާނެ އިރަކަށެވެ. ރުއްފަލަށް ދެވެން އޮތީ ޝާރިފް އައުމުންނެވެ. ޝާރިފްގެ އަތުގައި މިރެއަށް ބޭނުންވާ ބައެއް ސާމާނު ހުންނާނެތީއެވެ.
ޝާރިފް ލަސްވެގެން ފޯނު ނެގުމަށްފަހު ގުޅައިލަންވެގެން އުޅުނު ވަގުތު ސައިކަލެއް އައިސް މަޑުކޮށްލައިފިއެވެ. އޭގައި އިން ޝާރިފް ފެނުމާއެކު ހާމިދު ގޮސް ޝާރިފްގެ ކައިރީގައި މަޑުކޮށްލިއެވެ. އެއާރބްލޭޑް ސައިކަލުގެ މަޑިއާ ހުންގާނާ ދޭތެރޭގައި ބަހައްޓާފައި ހުރި ކުކުޅު ކޮއްޓަށް ބަލައިލި ހާމިދުގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
"ދެން ކޮބާ ބާކީ ސާމާނު؟" ހާމިދު ސުވާލުކޮށްލިއެވެ.
"މި ދަބަހުގައި ހުންނާނެ." ޝާރިފް އޭނާގެ ކޮނޑުގައި އަޅުވާފައި އޮތް ދަބަހަށް އިޝާރާތްކޮށްލިއެވެ. ހާމިދު ޝާރިފްގެ ފަހަތަށް އަރާ އިށީނުމުން ޝާރިފް ސައިކަލު ދުއްވައިލީ ރުއްފަލާ ދިމާލަށެވެ. ވަކި ހިސާބަކުން ޝާރިފް ސައިކަލުގެ ދުވެލި މަޑުކޮށްލިއެވެ. ރުއްފާތެރެއިން ލާފައި ފުނަފަލާ ހިސާބަށް ދާން އޭނަ ޖެހިލުންވީއެވެ. އެތަން އޮތްލެއް އަނދިރިކަމުންނެވެ.
"އަހަރެން ނުދިޔަޔަސް ވާނެއެއްނު." ޝާރިފް ބުނެލިއެވެ.
"އެ ގަސްތަކާ ކައިރިއަށް ގޮސް މަޑުކޮށްލާ. އަހަރެން ފައިބައިގެން އެތެރެއަށް ހިނގައިގަތީމަ ފަސްއެނބުރި ބެލުމެއްނެތި އައި ކޮޅަށް ދޭ..." ހާމިދު ބުނެލިއެވެ. ޝާރިފް ހާމިދުގެ ބަހަށް ކިޔަމަންވުމުގެ ގޮތުން ބޯ ޖަހައިލިއެވެ. އޭނަ އެބުނި ގޮތަށް ކަންތައްކުރިއެވެ. ފުނަ ގަސްތަކާ ގާތަށް ދެވުމުން ޝާރިފްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެހިސާބުގައި ރޫހާނީ ބާރެއްވާހެން ހީވާން ފެށީ އޭނާ ބިރުން އިންވަރުން ކަންނޭނގެއެވެ.
ހާމިދު ސައިކަލުން ފޭބުމުން ޝާރިފް އޭނާގެ އަތުގައި އޮތް ދަބަހާ ކުކުޅު ކޮށި ހާމިދުގެ އަތަށް ދިނެވެ.
"ކޮބާ ފޮޓޯގަނޑު؟ މީގައި އޮންނާނެތަ؟" ދަބަހަށް އިޝާރާތްކޮށްލާފައި އޭނާ ސުވާލުކޮށްލިއެވެ.
"އޯހް. ހަނދާންނެތުނީ... މިއޮތީ..." ޝާރިފް އޭނާގެ ޖީބަށް އަތް ލާފައި ނެގި ރަނީމްގެ ފޮޓޯގަނޑު ހާމިދަށް ދިއްކޮށްލިއެވެ.
"އެންމެ ރަނގަޅު! ދެން ދޭ..." ފޮޓޯގަނޑަށް ބަލައިލާފައި ޝާރިފްގެ ކޮނޑުގައި އަތް ޖައްސާލާފައި، ހާމިދު ބުނެލިއެވެ.
ހާމިދު އެހެން ބުނިތާ ލަސްތަކެއްނުވެ، ޝާރިފް ސައިކަލު ސްޓާރޓް ކޮށްލާފައި، އައިކޮޅަށް ދުއްވާލައިފިއެވެ. ބާރު ސްޕީޑުގައި އޭނާ ރުއްފާތެރެއިން ލާފައި ގޮސް މަގަށް ނުކުމެއްޖެއެވެ. އަދި ފަސްއެނބުރި ބަލައިލުމެއްނެތި ގޮސް ލޯމަތީން އޮބާލައިފިއެވެ. ޝާރިފް ދިޔަ މަންޒަރު ބަލަން ހުރި ހާމިދު ހިނިތުންވެލާފައި، އޭނާގެ އަތުގައި އޮތް އެއްޗެއްސަށް ބަލައިލިއެވެ. ހީވީ މާ އުނދަގުލަކާ ނުލާ އޭނާ ކުރަން އެ އުޅޭ ކަންތައް ކާމިޔާބު ވާނެކަމުގެ ޔަޤީންކަން އޮތްލެއް ބޮޑުކަމުން އަމިއްލަ ނަފްސާ ބަދަލު ކޮށްލި ހިނިތުންވުމެއް ހެންނެވެ. އޭނަ ކުކުޅު ކޮއްޓާ ދެ ދަބަހާ ހިފައިގެން، އެތެރެއަށް ވަދެގެން ދާން ފެށިއެވެ. އެއާއެކު ދުރުގައި ހުރި މަގު ބައްތީގެ އަލިކަންވެސް އެކީ ކެނޑިޖެއެވެ. އާއެކެވެ. ލައިޓް އެނދީއެވެ. ގަސްތައް ބޯ އެ ވަލުތެރޭގައި މިހާރު އެއްވެސް އަލިކަމެއް ނެތެވެ. ފަނި ފަކުސަ ގޮވާއަޑު ކެނޑި ނޭޅި އިވެމުން ދިޔައެވެ. ހާމިދު އޭނަ ގެނައި ޓޯޗު ދިއްލާލަމުން ކުރިއަށް ދާން ފެށިއެވެ. އެތެރެއަށް ވަންނަމުން ދިޔަ ވަރަކަށް އެތަނުގެ ޙާލަތު އޭނައަށް ސާފުވަމުން ދިޔައެވެ. އެތަނަކީ ޖިންނީންނާ މާރިދުންގެ ހާއްޔެކެވެ. އެއީ ނާމާން ސަރަހައްދެކެވެ. އެތަނުގައި މިވަގުތުވެސް އެފަދަ އެތަކެއް މަޅްލޫޤުންނެއް އެބަ ތިއްބެވެ. އެހުރިހާކަމެއްވެސް ހާމިދަށް އެނގެއެވެ. އޭނާގެ ކައިރީގައި ހަރަކާތްތެރިވާ ވަފާތެރި ޖިންނީން ހާމިދާ ވާހަކަ ދައްކަމުން ދިޔައެވެ.
ކޮށީގައި އިން ކުކުޅުވެސް ކުއްލިއަކަށް ބާރަކަށް ހަޅޭއްލަވަން ފެށިއެވެ. ހިމޭން މާހައުލުގައި އެ އަޑު ގުގުމައިގެން ދިޔައީ ބިރުވެރިކަމާއެކު ނަމަވެސް، އެއިން އެއްވެސް ކަމަކުންވެސް ހާމިދަކަށް އަސަރެއް ނުކުރެއެވެ. އޭނާ ހުރީ ވަރަށް ހަމަޖެހިލާފައެވެ. ކުރިން އޭނަ ބެލި ހިސާބަށް އާދެވުމާއެކު، އެ އެއްޗެހި އެތަނުގައި ބަހައްޓާފައި ވަށައިގެން ވި މާހައުމަށް ބަލައިލިއެވެ. ދުރުގައި ހުރި ނިކަގަހެއްގައިތިބި ދޫނިތަކެއް ވެސް ރޮއިގަތްފައި އުދުހިގަތްއަޑު ކުކުޅުގެ ރުއިމާއެކު ފަޒާގައި ހިފާލައިފިއެވެ.
ދަބަހުން ނެގި ސާމާނުތަކާއި އުއްބައްތިތައް އޭނަ ބޭނުންވާ ގޮތަށް ގަހެއްގެ ކައިރީގައި އަތުރައިލުމަށްފަހު، އަލިފާންގަނޑެއްވެސް ރޯކޮށްލައިފިއެވެ. އަލިފާންގަނޑު ހުރީ ކަޅުކުލައިގެ ފޮތިގަނޑުގެ މެދުގައެވެ. ހާމިދު އިނީ އެއްފަރާތުގައި އިށީނދެގެންނެވެ. އޭނާ ރަނީމްގެ ފޮޓޯގަނޑަށް ބަލައިލިއެވެ. އަދި އޭނާގެ ފޮތްބޮނޑިން ފޮތެއް ނެގިއެވެ.
*****
"ރަނީމް..." ރަނީމް ބޭނުންވާ ގޮތެއް އެނގުމުގެ ނިޔަތުގައި ރައާބިލް ގޮވައިލިއެވެ. ރަނީމް އެ އުޅާ އަތުން ނަގަން ބޭނުންނަމަ މިވަގުތު ނެގިޔަސް އެންމެ ރަނގަޅުކަމުގައި އޭނަ ބުނެލިއެވެ.
އެއީ ރަނީމް ބޭނުންވާގޮތް ނަމަވެސް، އޭގެ ކުރިން ނާވީއާ ބައްދަލުކުރުމަށް ރަނީމްގެ ޒަމީރު ގޮވަން ފެށިއެވެ. އޭނަ ސަމްރާއާއި ރައާބިލްއަށް ބަލާލާފައި އެތަނުން ދިޔުމުގެ އިޒުނައަކަށް އެދުނެވެ. ހުއްދަ ލިބުމާއެކު ރަނީމް އަވަސްވެގަތީ ނާވީ ހޯދަން ދިޔުމަށެވެ. އޭރު އެގާރަ ގަޑި ބަޔަށް ވުރެ ބޮޑުވެއްޖެއެވެ. އެހާ ދަންގަޑިއެއްގައި ރަނީމް އެކަނި ދާތީ ސަމްރާ ކަންބޮޑުވިކަން އެނގުނު ރައާބިލް ވާހަކަ ދެއްކިއެވެ.
"ކަންބޮޑުނުވޭ. ނާވީ ރުއްފަލުގައި ރަނީމްގެ އިންތިޒާރުގައި އެބަހުރި." ސަމްރާ ހިތްހަމަޖެހުނީ ދެނެވެ.
ރަނީމް ގެއިން ނުކުތުމާއެކު ރުއްފަލާ ދިމާލަށް ދުއްވައިގަތެވެ. އުނދޯލި އެލުވާފައި ހުންނަ ގަސްކައިރިއަށް ގޮސްފައި ވަށައިގެން ބަލައިލުމަށްފަހު، ނާވީއަށް ރަނީމް ގޮވައިލިއެވެ. ގޮނޑު ދޮށަށް ފައިބާވެސް އޭނާ ނާވީއަށް ގޮވިއެވެ. ނާވީގެ ހިލަމެއް ނުވުމުން ޝަކުވާ ކުރާ ޙާލު އޭނާއަށް އިސްޖަހައިލެވުނެވެ. ދެލޮލަށް ކަރުނަތައް ޖަމާވީ ބޭއިޚްތިޔާރުގައެވެ. ނާވީ އޭނަ ދޫކޮށްލާފައި ދިޔައީބާއޭ ހިތަށް އެރުމާއެކު އޭނާގެ ހިތްވެސް ހީވީ ގެނބިގެން ދިޔަ ހެންނެވެ.
(ނުނިމޭ)