އޭނަގެ ފައިން ފެށިގެން ބޮލާ ހިސާބަށް ބަލައިލި ރަނީމްއަށް އޭނަގެ ނޫ ލޮލުގެ އިތުރުން ދެން އެންމެ އަޅައިގަތީ އޭނާގެ އިސްތަށިގަނޑެކޭ އެއްގޮތަށް އެމީހާގެ މުށިކުލައިގެ އިސްތަށިގަނޑެވެ.

އެއީ ނާވީ އެކޭ އެއްގޮތަށް އިންސާނެއް ނޫންކަން ރަނީމްއަށް ފަހުމްވިއެވެ. އޭނައަށް އަނެއްކާވެސް ބަލައިލެވުނީ ސަމްރާއަށެވެ. ސަމްރާ އެ މީހާއަށް ބަލަހައްޓައިގެން އޮތްއިރު އޭނާގެ ތުންފަތްމަތީގައި ހިނިތުންވުމެއްވީ ނަމަވެސް، ދެލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެ. އެމީހަކު މަންމައަށް އެނގޭކަމުގައި ރަނީމްގެ ހަވަނަ ހިއްސު އެވަގުތު އޭނާގެ ގާތުގައި ބުނަން ފަށައިފިއެވެ. އިތުރަށް އެ ސުވާލުގެ ޖަވާބު ހޯދުމުގެ ނިޔަތުގައި އޭނާއަށް ބަލައިލެވުނީ ނާވީއަށެވެ. ނާވީގެ މޫނުމަތީން ފެންނަމުން ދިޔަ އަސަރުތައް ދެނެގަތުމަކީ އޭނައަށް ފަސޭހަކަމަކަށް ނުވިއެވެ. އެ ފިރިހެންމީހާއަށް ބަލައިލިއިރު އޭނަގެ ތުންފަތް މަތީންވެސް ފާޅުވަމުން ދިޔައީ ހިނިތުންވުމެކެވެ.

"ނާވީ..." ރަނީމްއަށް ޖަވާބަކަށް އެދި ނާވީއަށް ގޮވައިލެވުނެވެ.

"ދަރިފުޅާ..." ޖަވާބު ބޭނުންވީ ނާވީގެ ފުށުން ނަމަވެސް، އޭނައަށް އެންމެ ފުރަތަމަ އަޑު އިވުނީ އެ ފިރިހެން މީހާގެ އަޑެވެ. އެއީ ބަރު ފިރިހެން އަޑެކެވެ. އެމީހެއްގެ ދުލުން ދަރިފުޅާއޭ ކިޔާފައި ގޮވައިލި އަޑު އިވުމުން ރަނީމް އިތުރަށް ހައިރާންވުން ނޫންކަމެއް ނުވިއެވެ. ޖަވާބަކަށް އެދި ސަމްރާއަށް ބަލައިލެވުމާއެކު, ދެބުމަ ގާތްކޮށްލެވުނީ ހައިރާންކަމާއެކުގައެވެ.

"ދަރިފުޅު...." ރަނީމްއަށް އަމިއްލަ ނަފްސަށް އަޑު އިވޭވަރަށް އެ ލަފުޒު ތަކުރާރުކޮށްލެވުނެވެ.

"މަންމާ...." އޭނައަށް ދެވަނަ ސިކުންތުގައި ސަމްރާއަށް ގޮވައިލެވުނެވެ.

"މީ ދަރިފުޅުގެ ބައްޕަ...." ދެވަނަ ފަހަރަށްވެސް ރައާބިލް ވާހަކަ ދެއްކިއެވެ. ސަމްރާގެ އަތުގައި ހިފައްޓައިލުމަށްފަހު، ރަނީމް އެމީހާއަށް ބަލައިލިއެވެ. އޭނަގެ ބައްޕަ ވަނީ މަރުވެފައެވެ. އެއީ ކުޑައިރުން ފެށިގެން މިއަދާ ހަމައަށް އޭނައަށް އެނގިފައިވާ ގޮތެވެ.

"މަންމާ... އެއީ ތެދެއްތަ؟" ރަނީމްއަށް އެ ސުވާލުކޮށްލެވުނީ ސަމްރާއާއެވެ. އޭނާގެ ސިކުނޑި ވެސް ހީވަނީ ގަނޑުވެފައިވާ ހެންނެވެ. އެއީ އޭނާގެ ބައްޕަ ކަމުގައި ޤަބޫލުކުރާނީ ކިހިނަކުން ހެއްޔެވެ؟ ހަޤީޤަތް ހާމަކޮށްދިނުމަށް އެދި ސަމްރާއަށް ބަލައިލެވުނު ސަބަބަކީ އެއީއެވެ. ސަމްރާ ބޯ ޖަހައިލުމަށްފަހު، އިޝާރާތްކޮށްލީ އެ ދައްކާ ވާހަކައެއް އަޑު އަހާށޭ ބުނާ ފަދައަކުންނެވެ.

"އެއީ... ދަރިފުޅުގެ... ބައްޕަ... އެއީ...... އިންސާނެއް ނޫން..." ސަމްރާ އުނދަގުލުން ވާހަކަ ދެއްކިއެވެ. ރަނީމްއަށް ވަގުތުން ސަމްރާގެ އަތުން އަތް ދޫކޮށްލެވުނެވެ. އޭނަގެ ދެލޯ ބޮޑުވެގެން ދިޔުމާއެކު ހިންދިރުވައިލެވުނެވެ. ނާވީއާ ރައާބިލްއަށް ބަލައިލެވުނެވެ. ނާވީ ބޯ ޖަހައިލުމުން، ރައާބިލްގެ ފައިން ފެށިގެން ބޮލަށް ރަނީމްއަށް ނަޒަރު ހިންގައިލެވުނެވެ. ރައާބިލްގެ އިސްތަށިގަނޑަށް ނަޒަރު ހުއްޓުމާއެކު އޭނައަށް އަމިއްލަ އިސްތަށިގަނޑުގައި އަތް ލެވުނެވެ.

"ބައްޕަގެ ފަރާތުން ރަނީމްއަށް ލިބުނު ހަމައެކަނި ސިފައަކީ ތީ..." ރައާބިލް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"އެކަމަކު... އެހެން ކިހިނެއްވާނީ؟ އަހަރެންގެ ބައްޕަ ވަނީ ނިޔާވެފައި... ނާވީ.... ކިހިނެއް މިވަނީ؟" ރަނީމްއަށް ހިންދިރުވައިލެވުނެވެ. މުޅި ހަނޑިގަނޑުގައި ފިނިކަމެއް ދައުރުކޮށްލުމާއެކު، އޭނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އިވުނު ހަޤީޤަތުން ސިކުނޑިއަށް ބާރު ބޮޑުވެ ބޮލަށް ވެސް ގޮތެއް ވެގެން ދިޔައެވެ.

"އެނގޭ ޤަބޫލުކުރަން ދަތިވާނެކަން. އެކަމަކު ތީ މި ބައްޕަގެ ދަރިއެއް. މާފުކުރަން މިހާ ލަހުން ދަރިފުޅު ކައިރިއަށް އާދެވުނީތީ!" ރައާބިލްގެ ދެލޮލުން ކަރުނަ ނީރައިލިއެވެ. "ޤަބޫލުކުރޭ، އެއީ ބައްޕަ ބޭނުންވި ގޮތެއް ނޫން... އެކަމަކު ޙާލަތު ނިޔާކުރި ގޮތް. ދަރިފުޅާ މަންމަ ދޫކޮށްފައި ދާން ބައްޕައަށް މަޖުބޫރުވީ. ދަރިފުޅާ މަންމަ ހިމާޔަތްކުރުމަށް ބައްޕަ ވަރަށް މަސައްކަތްކުރިން. ދަރިފުޅުގެ އަތުގައި އަޅާފައި ތި އޮތް އުޅާއަކީ ވެސް އެކަމުގެ ހެއްކެތް... މިއަދު ބައްޕަ މިއައީ ދަރިފުޅުގެ ހިތުގައި އުފެދިފައިވާ ހުރިހާ ސުވާލެއްގެ ޖަވާބު ދޭން... ބޭނުން ސުވާލެއް ކުރޭ..."

ރައާބިލް އެހެން ބުނެލުމާއެކު ދެލޯ ފެންކަޅިވެފައިވާ ޙާލު ރަނީމްއަށް ސަމްރާއަށް ބަލައިލެވުނެވެ. އޭނައަށް އެ ހަޤީޤަތް ޤަބޫލުކުރަން އަދިވެސް ދައްޗެވެ. އެއީ ހޭލާ ހުންނައިރު ފެންނަ ހުވަފެނެއް ބާއޭ ވެސް ހިތަށް އަރަމުން ދިޔައެވެ. ސަމްރާ ބޯ ޖަހައިލުމުން އޭނައަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ. ނާވީވެސް ރަނީމްއަށް ބަލަހައްޓައިގެން ހުރީއެވެ.

ރަނީން އޭނާގެ އަތުގައި އޮތް އުޅާއަށް ބަލައިލުމާއެކު، އިތުރު ކަންތައްތައް އެނގެން ބޭނުންވެ ހުރެ ރައާބިލްއަށް ބަލައިލިއެވެ.

"ތި އުޅާ ތީ ރަނީމްގެ ރައްކަލަކަށް ބައްޕަ ދިން އެއްޗެއް، ރަނީމް މި ދުނިޔެއަށް އުފަންވީއްސުރެ ތި އުޅާ ހަށިގަނޑުން ވަކިނުކުރުމަކީ ބައްޕަގެ ވަސިއްޔަތެއް. ތި އުޅާގެ ބޭނުމަކީ ރަނީމް ރައްކާތެރިކުރުން. ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްކުރުން.." ރައާބިލް ބުނެލިއެވެ. އޭނަ ވިސްނުންތެރިކަމާއެކު، ވާހަކަ ދައްކަމުން ދިޔައެވެ.

"އެހެންވެތަ މި އުޅޭ ހަށިގަނޑުން ވަކިކޮށްލުމުން އަހަންނަށް ގޮތްތަކެއް ވަނީ.... އެކަމަކު... އެކަމަކު.... މީ އަހަރެންގެ ރައްކާތެރިކަމަށް އަޅާފަ އޮތް އެއްޗެއްނަމަ ކީއްވެ ނާވީއަށް އަހަންނާ ކައިރިވެވެނީ؟" ހިތުގައި އެއްފަހަރާ އެތަކެއް ސުވާލުތަކެއް އުފެދުނު ނަމަވެސް އެ ހުރިހާ ސުވާލެއް ކުރާނެ ގޮތެއް ރަނީމްގެ ސިކުނޑިއަކަށް ނައެވެ. ސިކުނޑި މަސައްކަތް ކުރަމުން ދިޔަވަރަކަށް އެ ސުވާލުތައް ކުރުމަށް ރަނީމްގެ ނަފްސު އޭނައަށް ބާރު އަޅަމުން ދިޔައެވެ.

"އާނ. ތި އުޅާ ހަށިގަނޑުން ވަކިކޮށްލުމުން ރަނީމްއަށް ބަދަލުތަކެއް އަންނާނެ.... ނާވީއަށް ރަނީމްއާ ކައިރިވެވެނީ ތި އުޅާ ދަރިފުޅު ހިމާޔަތްކޮށްދެނީ ތި ހީކުރާ ގޮތަށް ނޫން ކަމަށްވާތީ............ ދަރިފުޅަށް މިހުރިހާ ދުވަހު އެއްވެސް އިތުރު ގޮތެއް ނުވެ އިންސާނުންގެ ތެރޭގައި އުޅެވުނީ ތި އުޅާގެ ސަބަބުން..." ރައާބިލް އެ ހިސާބަށް ބުނެފައި މަޑުޖެހިލިއެވެ. ރަނީމްއަށް ކަންތައްތައް ނަގައިގަނެވުމުން އޭނަ ބިރުން އުޅެފާނެތީއެވެ. ވީވެސް އެހެންނެވެ. ރަނީމްގެ މޫނުމަތީންވެސް ޖެހިލުންވުމެއްގެ އަސަރު ފެނިލިއެވެ.

"އަހަންނަކީ... އަހަންނަކީ އިންސާނެއް ނޫންތަ؟" ރަނީމްއަށް ބުނެވުނެވެ. ހިންދިރުވައިލެވުމާއެކު އޭނަގެ އަޑުވެސް މަޑުވިއެވެ. ރައާބިލް ބޯ ޖަހައިލިއެވެ. އޭނަ ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ. އަދި ސަމްރާއާ ރަނީމްއާ ދާދި ގާތަށް ގޮސް ހުއްޓުނެވެ.

"އާނ. ދަރިފުޅާ... ރޭގައިވީ ކަންތައްތަކަކީ ވެސް ދަރިފުޅަށް ފެނުނު ހުވަފެނެއް ނޫން. އެއީ ހަޤީޤަތް. ދަރިފުޅު ތި އުޅާ އަތުން ވަކިކޮށްލުމަށްފަހު، ހަޤީޤަތް ހޯދުމަށް ނާވީގެ ގާތަށް ދިޔައިމެއްނު... ދައިސަމް އައުމުން އޭނަ ގާތު ނާވީ އެދުނީ ބައްޕަ ގެނައުމަށް. ދަރިފުޅު ޚަބަރު ހުސްވީ ބައްޕަ ކުރި ކަމެއްގެ ސަބަބުން. އެވަގުތު ހަޤީޤަތް ކިޔައިދިނުމަށް ބައްޕަ ބޭނުންނުވީ... ދަރިފުޅުގެ މަންމައާ ވާހަކަ ދެއްކުމަށްފަހު މި ގޮތަށް ކަންތައްކުރަން ނިންމީ..." ރައާބިލް އޮޅުން ފިލުވައިދިނެވެ.

"އަހަރެންގެ ބުރަކަށީގައި ދެފަރާތުން ދިގަށް ހުރީ ނޫކުލައިގެ ނިޝާނުގެ މާނައަކީ ކޮބާ؟ ރޭގެ ފަހުން އަހަންނަށް އިތުރު ބަދަލެއް ނައި ނަމަވެސް، އެ ނިޝާން އަދިވެސް އެބަހުރި..." ރަނީމް ބުނެލިއެވެ. އޭނާގެ އަޑު ތުރުތުރު އަޅަމުން ދިޔައެވެ. ކޮޅަށް ހުންނަންވެސް ދަތިވިއެވެ. ކޮށްފައި ނުކުރާނެ ސުވާލެއް ނޭނގޭ ވަރަށް ސިކުނޑީގައި ތަފާތު ސުވާލުތައް ބުރުޖަހަމުން ދާން ފެށިއެވެ.

"އެއީ ވެސް ދަރިފުޅުގެ ބާރުތަކުން ބާރެއް... ތި އުޅާ ހަށިގަނޑުން ވަކިކޮށްލުމުން އެ ބާރުތައް ދަރިފުޅަށް ލިބޭނެ...." ރައާބިލް އިތުރަށް އޮޅުން ފިލުވައިދެމުން ދިޔައެވެ. "މި ބުނާ ބާރަކީ ދަރިފުޅުގެ ވަރަ.... ދަރިފުޅު މަންމަގެ ބަނޑުގައި ވަނިކޮށް ތީ ކޮން ކަހަލަ ކުއްޖެއްކަން ބައްޕައަށް އެނގުނު. އެދުވަހުން ފެށިގެން ދަރިފުޅުގެ ރައްކާތެރިކަމާ މެދު، ބައްޕަ ދިޔައީ ވިސްނަމުން. ހަޤީޤަތުގައި ބައްޕަ ބޭނުންވީ އެއްވެސް ޖިންނިއަކަށް ކައިރިނުވެވޭ ފަދަ އެއްޗެއް ދަރިފުޅުގެ ގައިގައި އަޅުވަން. އެކަމަކު އެކަން ނުކުރެވި އުޅެނިކޮށް ބައްޕަ މަންމައާ ވަކިވާން ޖެހުނީ. އެއަށްފަހު ބައްޕައަށް މަންމައާ ދިމާވީ އިހަށް ދުވަހު. އެކަމަށް ބައްޕައަށް އެހީވީ ނާވީ. ނާވީ އެހީނުވި ނަމަ އަދިވެސް ބައްޕައަށް ދަރިފުޅުމެން ކައިރިއަކަށް ނާދެވުނީސް..." ރައާބިލް ބުންނެވެ. އެ ހަޤީޤަތް ހާމަވުމުން އަމިއްލަ މީހާ ހަމައަކަށް އެޅުވުން ރަނީމްއަށް ދަތިވިއެވެ. އޭނަގެ ހިތް ތެޅެން ފެށިލެއް ބާރުކަމުން ހީވީ މޭ ފަޅާފައި ނުކުމެދާނެހެންނެވެ.

"ނާވީ... އެރޭ ނާވީ އަހަރެންގެ އަތުން އުޅާ ނަގަންބުނީ އަހަރެންގެ ހަޤީޤަތް އެނގެން ބޭނުންވެގެންތަ؟ އެކަމަކު... އެކަމަކު ކީއްވެ؟ ނާވީއަށް އަހަރެންގެ ބައްޕަ އެނގުނީ ކިހިނެއް؟" ދެފަރާތުން ބޮލުގައި ހިފައްޓައިލަމުން ރަނީމްއަށް ސުވާކޮށްލެވުނުއިރު، އޭނާއަށް ހަށިފުރާ ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އޭނަގެ އަޑުވެސް ބާރުވެގެން ދިޔައެވެ. ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަން ފެށީ އިޚްތިޔާރަކާ ނުލައެވެ. ނާވީ ރަނީމްއާ ކައިރިއަށް ޖެހިލާފައި ރަނީމްގެ ކޮނޑުގައި ހިފައްޓައިލިއެވެ. ރަނީމް ރޯތަން ފެނުމުން ސަމްރާއަށްވެސް ރޮވެން ފަށައިފިއެވެ.

"އެންމެން ކީއްވެ އަހަންނަށް އޮޅުވާލީ... ކިހިނެއްތަ މިވަނީ؟ ހުރިހާކަމެއް ފެށިގެން ނިމެންދެން އަހަންނަށް ކިޔައިދީ. އެހެންނޫނީ އަހަރެން މޮޔަވެދާނެ..." ރަނީމްއަށް ބުނެވުނެވެ. އޭނައަށް އެނދުގެ ކައިރިއަށް ތިރިވެ ސަމްރާގެ އަތުގައި ހިފައްޓައިލެވުނެވެ. ސމްރާ ރޯތަން ފެނި، ރަނީމް ސަމްރާގެ ކަރުނަތައް ފުހެދިނެވެ.

"މަންމައަށް... މާފުކުރޭ.... ހަޤީޤަތް ސިއްރުކުރެވުނިތީ... އެކަމަކު... އެއީ...ދަރިފުޅު ރައްކާތެރިކުރަން..." ސަމްރާ ބުނެލިއެވެ.

"ދަރިފުޅާ..." ރައާބިލް ރަނީމްގެ އަތުގައި ހިފައްޓާފައި ކޮޅަށް ނެގިއެވެ. އެއަށްފަހު އެ ކަރުނަތައް ލޯތްބާއެކު ފުހެދިނެވެ. އޭރު ރައާބިލްގެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ. ނާވީވެސް ރަނީމްއަށް ހިތްވަރު ދެމުން ދިޔައެވެ. ބަހާއި އަމަލުންނެވެ. ރަނީމް ދެން އަޑު އަހަން ޖެހޭ ހަޤީޤަތްތަކުން އިތުރަށް ރަނީމް ހާސްވާނެކަން ނާވީއަށް އެނގެއެވެ. ވީއިރު އެ ވާހަކަތައް ކިޔައިދިނުމުގެ ކުރިން ރަނީމް ހަމައަކަށް އަޅުވަން ޖެހެއެވެ. އޭނަގެ ހަޤީޤަތް ޤަބޫލުކުރުވަން ޖެހެއެވެ.

"ދަރިފުޅަށް ލިބިފައިވާ ބާރުތަކަކީ ބައްޕަގެ ފަރާތުން ލިބިފައިވާ ބާރުތަކެއް. އިންސިއެއްގެ ބަނޑުން އުފަންވި ނަމަވެސް، އިންސިއަކަށް ވުރެ ބޮޑަށް ދަރިފުޅު ގާތްވަނީ ބައްޕަމެންގެ ނަސްލާ...." ރައާބިލް ބުނެލިއެވެ. އޭނަ ލޯތްބާއެކު ވިސްނައިދެމުން ދިޔައެވެ. ހުރިހާ ވާހަކައެއް ކިޔައިދިނުމަށްޓަކާ އޭނަ ފުންނޭވާއެއް ދޫކޮށްލިއެވެ.

ރައާބިލް ފެށިގެން ނިމެންދެން ހުރިހާ ވާހަކައެއް ރަނީމްއަށް ކިޔައިދިނެވެ. އޭނައާ ސަމްރާއާ ދިމާވިގޮތުން ފެށިގެން އެ ދެމީހުންގެ ގުޅުމަށް ނިމުން އައި ގޮތެވެ. ސަމްރާއަށް އެ ޙާލަތު ކުރިމަތިވީ ކީއްވެގެން ކަމެވެ. އަދި އެ އުޅާގެ ހަޤީޤަތެވެ.

"އެ މީހުންނަށް ދަރިފުޅަކީ ފުރިހަމަ އިންސާނެއް ނޫންކަން އެނގުނު ނަމަ ދަރިފުޅުވެސް، ގެންދިޔައީސް... ގެންގޮސް އަނިޔާ ދިނީސް. ނޫނީ ދަރިފުޅު މަރާލީސް..." ރައާބިލް ބުންޏެވެ. އެހިސާބަށް ބުނެފައި، އޭނަ ހިމޭންވިއެވެ. ނާވީއަށް ބަލައިލުމާއެކު ނާވީގެ މޫނުމަތީން ކުޑަ ނުތަނަވަސްކަމެއްގެ އިތުރުން ހިތާމައިގެ އަސަރު ފެނިލިއެވެ. ރައާބިލް އޭނައަށް ނުކިޔައިދޭ ކަންތައްތަކެއް ހުރިކަން އެނގުނު ރަނީމް، ސުވާލުކުރިއެވެ. އޭނަ ހުރިހާކަމެއްވެސް އެނގެން ބޭނުންވިއެވެ. ނާވީގެ މޫނުމައްޗަށް އެ ހިނދު އައިބަދަލުތައްވެސް ރަނީމްއަށް ފާހަގަކުރެވުނެވެ. މިރޭ ނާވީގެ މޫނުމަތިން ފެންނަމުން ދިޔަ ކުށްވެރި އަސަރުތައް އޭނާގެ ހިތަށްވެސް އުނދަގޫކުރުވައިފިއެވެ. ރައާބިލްއަށް ބަލައިލުމަށްފަހު، ނާވީ ބޯ ޖަހައިލީ އެހުރިހާކަމެއް އެގުމުގެ ހައްޤު ރަނީމްއަށް އޮތްކަން އޭނާ ޤަބޫލުކުރާތީއެވެ. ދޮގެއްގެ މައްޗަކަށް ގުޅުމެއް ބިނާއެއް ނުވާނެއެވެ.

ރައާބިލް، އިންޖާބާ ނަމީރުގެ ވާހަކަތައް ރަނީމްއަށް ކިޔައިދިނެވެ. އެއީ ރަސްމަތި ފުށުގެ އާއިލާކަމާއި އެމީހުންގެ އަނިޔާވެރިކަމެވެ. ފަންސަވީސް އަހަރު އޭނަ އެ އަނިޔާގައި ހޭދަކުރި ގޮތެވެ. ނަމީރުގެ އަޑު އިވުމާއެކު ރަނީމްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އޭނައަށް ބަލައިލެވުނީ ނާވީއަށެވެ. ނާވީގެ ފަރާތުން އޭނައަށް އަޑު އިވިފައިވާ ގޮތުގައި ނާވީއަކީ ރަސްމަތި ފުށުގެ ޢާއިލާއަކަށް ނިސްބަތްވާ ޖިންނިއެކެވެ. އަދި ނަމީރަކީ ނާވީގެ ބައްޕަގެ ވެސް ނަމެވެ. ރަނީމްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އޭނައަށްހުރިހާކަމެއް ސާފުވެގެން ހިނގައްޖެއެވެ. ނާވީއަށް މަންމަ ފެނުމުން އައި ބަދަލުތަކުގެ ސިއްރަކީވެސް އެއީތާއެވެ. މަންމައަށް ކުރިން ނަމީރު ފެނިފައިވުމާއެކު، ނާވީ ފެނުމުން އަނެއްކާ މާޒީ ހަނދާންވީއެވެ. ހުރިހާކަމެއް ގުޅުވެމުން ދިޔަ ވަރަކަށް އޭނާއަށް އަނެއްކާވެސް ރޮވޭ ގޮތްވިއެވެ.

ރަނީމްއަށް ބަލައިލަން ނުކެރިގެން އެންމެ ފަހުން ނާވީ އިސްޖަހާލައިފިއެވެ. އޭނާގެ ހިތަށް ވެސް އަސަރުކުރިއެވެ. މިވަގުތު ނާވީ ބޭނުންވަނީ ރަނީމް ގެނެސް އޭނާގެ އަތުތެރޭގައި ހައްޔަރުކޮށްލަން ނަމަވެސް، އެހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. މާޔޫސްކަމާއެކު އިސްޖަހާލެވުނުއިރު، އޭނާގެ ނަފްސު ހީވަނީ ކުށްވެރިކަމުގެ ހިލަހިލާގަނޑަކުން ގައިދުކޮށްފައިވާ ހެންނެވެ. ރަނީމްގެ މަންމަ ސަމްރާއާއި، ޚުދު ރަނީމްއަށްވެސް މީގެ ކުރިން އަނިޔާ ލިބިފައިވަނީ އޭނާގެ ޢާއިލާގެ ފަރާތުންނެވެ. ރަނީމް ދެކެ އޭނަ އަދި، ކިތަންމެ ލޯބިވިއެއްކަމަކު އެއީ ބަދަލުކުރެވޭނެ ހަޤީޤަތެއް ނޫނެވެ.

"އަހަރެންގެ މަންމައަށް އެ ޙާލަތުކުރިމަތިވީ ނާވީގެ ޢާއިލާގެ ސަބަބުންތަ؟" ރަނީމްއަށް ރޮވެން ފެށިއެވެ. ޤަބޫލުކުރަން ބޭނުންނުވި ނަމަވެސް ނާވީގެ ފުށުން ފެންނަމުން ދިޔަ އަސަރުތައް ހެކިދެނީ އެއީ ތެދެއްކަމެކެވެ. ރަނީމްއަށް ދެން ބަލައިލެވުނީ އޭނާގެ މަންމައަށެވެ. އެހިނދު އަނެއްކާވެސް ގޮސް މަންމަގެ ގައިގައި ބައްދައިގަނެވުމާއެކު އޭނައަށް ރޮވެން ފެށިއެވެ. މި ފާއިތުވެ ދިޔަ ފަންސަވީސް އަހަރު، މަންމަ އެ ހޭދަކުރީ އެ ބަލި ތަންމަތީގައެވެ. މަންމަގެ މުޅި އުމުރު އެ ހޭދަކުރީ ހިތާމަޔާއި ހިތްދަތިކަމުގައެވެ. މަންމަ ކުރި ކުށަކީ އެހެން ނަސްލެއްގެ މީހެއް ދެކެ ލޯބިވުމެވެ. އެލޯބީގެ ސަބަބުން އެ މަންމަގެ ޙަޔާތް ވީރާނާވެ ދިޔައީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. ރަނީމް ގިސްލާފައި ރޯން ފެށުމުން، ރައާބިލް އެމީހުންނާ ކައިރިއަށް ޖެހިލިއިރު، ނާވީ ފިޔަވަޅު އެޅީ ފަހަތަށެވެ. މިވަގުތު ރަނީމްގެ ގިސްލުން އަޑު އަހާނެ ހިތްވަރު އޭނަގެ ނެތްފަދައެވެ. އެ ރުއިމާ ކެކުޅުމުގެ އަޑު، އޭނާގެ ހިތް ކުދިކުދި ކޮށްލައިފިއެވެ. އެތެރެ ހަށި ހަލަބޮލިކުރުވައިފިއެވެ. ކެތްނުކުރެވޭ ދަރަޖައަށް އިޙްސާސްތަކާ ޖަޒުބާތުތައް އުތުރިގެންފިއެވެ. ރަނީމްއާ އޭނާގެ މަންމައަށް ކުރިމަތިވެފައިވާ ހުރިހާކަމެއްގެ ޒިންމާ އެޅޭނީ އޭނާގެ ޢާއިލާގެ ބޮލުގައެވެ. ރަނީމް އޭނައަށް ދުވަހަކު މާފެއް ނުކުރާނެއެވެ.

އަނެއްކާވެސް ނާވީ ފިޔަވަޅު އަޅައިލީ ފަހަތަށެވެ. އެހެން ހުރުމަށްފަހު އޭނާ އެތަނުން ގެއްލުނީއެވެ. ރޯން އިން ރަނީމްއަށް އެކަމުގެ ހިލަން ނުވިއެއްކަމަކު ރައާބިލްއަށް އެކަން އެނގި އޭނައަށް ފަހަތް ބަލައިލެވުނެވެ. ރަނީމްގެ ކޮނޑުގައި އަތް ޖައްސައިލުމަށްފަހު، އޭނަ ދެފަހަރަކު މަޑުމަޑުން ޖަހައިލިއެވެ.

"ބައްޕާ..." ރަނީމްއަށް ފުރަތަމަ ފަހަރަށް ރައާބިލްއަށް ގޮވައިލެވުނެވެ. އެ އަޑު ކަންފަތުގައި ޖެހުމާއެކު، ރައާބިލްގެ ދެލޮލުން އައި ކަރުނަތައް، ފައިބައިގެން ދާން ފަށައިފިއެވެ. ރަނީމް ހަމައަކަށް އެޅިލުމަށްފަހު ފަސް އެނބުރުނެވެ. ނާވީ ނެތްކަން އޭނާއަށް ރޭކާލީ ދެނެވެ.

"ނާވީ..." ވަށައިގެން ބަލައިލުމާއެކު އޭނައަށް ބުނެވުނެވެ. ޖަވާބަކަށް އެދި މިފަހަރު އޭނާއަށް ބަލައިލެވުނީ، ރައާބިލްއަށެވެ. "ބައްޕާ... ނާވީ ކޮބާ؟ ދިޔައީތަ؟"

ރައާބިލް އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ. ރަނީމްއަށް ތުންފަތުގައި ދަތް އަޅައިލެވުނެވެ. ނާވީ ދިޔަ ސަބަބު އޭނާއަށް ނަގައިގަނެވުނެވެ. ސަމްރާއަށް ބަލައިލެވުމާއެކު އިސްޖަހައިލެވުނެވެ. މަންމަގެ އެ ޙާލަތުގެ ޒިންމާ ނަގަންޖެހޭނީ ނާވީގެ ޢާއިލާއަށްވީ ހިނދު ނާވީއާ އޭނަ ގުޅިގެން އުޅޭނީ ކިހިނަކުން ހެއްޔެވެ؟ އޭނާގެ ބައްޕަ ފަންސަވީސް އަހަރު ވޭނާ ކެކުޅުމުގައި އެ ހޭދަކުރި އަނިޔާގެ ޒިންމާ ނަގަން ޖެހޭނީ ނާވީގެ ޢާއިލާއަށް ވީ ހިނދު، އެ ހުރިހާކަމެއް ހަނދާން ނައްތާލާފައި ނާވީއާ ގުޅޭނީ ކިހިނަކުން ހެއްޔެވެ؟ މިއަދުވެސް އޭނާގެ ބައްޕަ ނާވީގެ ޢާއިލާއަށް ފެނިއްޖެނަމަ، ހައްޔަރުކޮށްގެން ގެންގޮސް އަނިޔާކުރާނެއެވެ. އެ ހުރިހާކަމެއްގެ ސަބަބުން، ރަނީމްގެ ހިތުގައި މަޑުމަޑު ރިހުމެއް އުފެދެން ފެށިއެވެ. އެ ރިހުން މަޑުމަޑުން ހަށިގަނޑުގެ ހުރިހާ ސެލްތަކަކަށް ފެތުރެން ފަށައިފިއެވެ.

(ނުނިމޭ)