12 Nov 2025, 18:25
އެހިސާބުގައި ހުރި ނިކަ ގަހެއްގައި ތިބި ދޫނިތަކެއް ރޮއިގަތްފައި، އުދުހިގަތުމާއެކު ޝާރިފަށް ލިބުނު ސިހުމާއެކު، ހާމިދާ ގާތަށް ޖެހިލެވުނެވެ. އޭރު އެތަނަށް ވަށައިގެން ބަލަމުން ދިޔަ ހާމިދުގެ ތުންފަތް މަތީގައިވަނީ ހިނިތުންވުމެކެވެ.
އެއީ އޭނަ ބޭނުންވާ ފަދަ މާހައުލެކެވެ. އޭނައަށް ކަމުދާ ކަހަލަ ތަނެކެވެ. އެތަނަށް ވަތް ފުރަތަމަ ފަހަރުވެސް އޭނައަށް އެތަނުގެ ނާމާންކަން ވަޒަންކޮށްލެވުނެވެ. މީހުން އެފަދަ ވާހަތައް ދައްކަނީ ކީއްވެގެންކަންވެސް އެނގުނެވެ. އެތަނަކީ މީގެ ކުރިން އެ ރަށުގައި އުޅުނު މީހަކު ސިހުރު ހެދުމަށްޓަކައި ބޭނުންކުރި ތަނެކެވެ. އެތަން ޖިންނި ޝައިތާނުންގެ ހާއްޔަކަށް ވެފައިވަނީ އެހެންވެގެންނެވެ. މީހުން އެތަނަށް ވަނުމުން ބިރު ދައްކާ ފައްސާލަނީވެސް އެތަނުގައި އުޅޭ ނުބައި މާރިދުންނާއި ޖިންނީންނެވެ. އެތަނުގައި ސިހުރު ހަދަމުން ދިޔަ މީހާ ނިޔާވީ ވެސް އެތަނުގައެވެ. ސިހުރު ހަދަމުން ދަނިކޮށެވެ. ސިހުރަކީ މީހުން ހީކުރާ ވަރަށްވުރެ ނުރައްކާތެރި އެއްޗެކެވެ. އެ ހަދާ މީހާއަށް ވެސް ބައެއް ފަހަރު ނުރައްކަލާ ކުރިމަތިލާން ޖެހެއެވެ. ނުބައިކޮށް ހެދިއްޖެނަމަ އެ ސިހުރު ހަދާ ބަޔަކަށްވެސް އެ ސިހުރު ޖެހިދާނެއެވެ. ވުމާއެކު އެއީ ވިސްނުންތެރިކަމާއެކު ކުރަން ޖެހޭ ކަމެކެވެ. އެ މީހާއަށް ވެސް ވީ އެހެންނެވެ. މަރުވީ އޭނަ އަމިއްލައަށް ހެދި ސިހުރެއްގެ ސަބަބުންނެވެ.
"މިތަން ރަނގަޅު..." ހާމިދު ޝާރިފަށް ބަލައިލިއެވެ. އޭނަ ތައްޔާރުވަމުން އެދަނީ ސިހުރު ހެދުމަށެވެ. ފައިސާއަށްޓަކައި، ހާމިދަކީ ކޮންމެ ފަދަ ކަމެއްވެސް ކުރާނެ މީހެކެވެ. ސިހުރަކީ މާތް ﷲ ޙަރާމް ކުރައްވާފައިވާ ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ފާފައެއް ނަމަވެސް، އެ ކަމަށް ބިރުވެތިވުމަކީ ހާމިދު ދަންނަކަމެއް ނޫނެވެ. އޭނާ ވަނީ ﷲއަށް އުރެދި، ޝައިތާނުންނަށް އޭނާގެ އަމިއްލަ ނަފްސުވެސް ވިއްކާލާފައެވެ. ފައިސާއާ މުދަލަށްޓަކައި އާޚިރަތް ވިއްކާލާފައެވެ. ސިހުރުގެ ސަބަބުން މުޖުތަމައު ފަސާދަވެ ގުޅުންތައް ހީނަރުވެ ޢާއިލާތައް ރޫޅިގެން ދެއެވެ. އެކަމުގެ ވޭނުގައި މުޅި ހަޔާތް ވޭތުކުރަން ޖެހޭ މީހުންވެސް މަދެއް ނޫނެވެ. އެކަން ހާމިދަށްވެސް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންނަމަވެސް، އޭނަ އެކަމާ ވިސްނަން ބޭނުންނުވަނީއެވެ. ފައިސާއާ މުދަލަށްޓަކައި އެފަދަ ބޮޑު ފާފައެއް ކުރާއިރު އެކަމުން ލިބޭނެ ދެރައާއި އަޒާބާ ދޭތެރޭ ވިސްނޭވަރަށް ވުރެ އޭނަގެ ވިސްނުން ވަނީ ފަސާދަވެފައެވެ. އޭނަ ވަނީ ސިހުރުގެ އަޅަކަށް ވެފައެވެ. އެކަން ނުހުއްޓޭނެހާ ބޮޑަށް އެކަމުގެ ތެރޭގައި ޤައިދުވެފައެވެ.
"ހިނގާ މިތަނުން ދާން..." ދުރުގައި އެމީހުންނާ ދިމާލަށް ބަލަހައްޓައިގެން އިން ކަޅުކަޅު ބުޅާ ފެނުމާއެކު ޝާރިފަށް ހިންދިރުވައިލެވުނެވެ. އޭނަ އެ ބުޅަލަށް ބަލައިލިވަގުތު އެ ބުޅަލުގެ ދެލޮލުން ވިދާލި ރަތްކުލައިގެ އަލިކަން ޝާރިފްގެ ލޮލުގައި އަޅައިގަތެވެ.
"ކިހިނެއްވީ؟ ބިރުގަތީތަ؟ އެނގޭތަ އެއީ ބުޅައެއް ނޫންކަން؟" ހާމިދު ޝާރިފަށް ބަލައިލުމަށްފަހު، ވާހަކަ ދެއްކިއެވެ. ޝާރިފަށް ނޭނގޭ އެތަކެއް ކަމެއް އޭނާއަށް އެނގޭކަމުގައި ހާމަކޮށްކަން ހާމިދު ބޭނުންވީއެވެ. ޝާރިފް ބޭނުންވީ އެތަނުން ދުވެފިލަން ނަމަވެސް، އެންމެ ފިޔަވަޅެއްވެސް އޭނައަކަށް ނޭޅުނެވެ. ހާމިދަށް ބަލަހައްޓައިގެން ހުރެވުން ނޫންކަމެއް ނުކުރެވުނެވެ.
ޝާރިފަށް ނޭނގުނު ނަމަވެސް، ހަޤީޤަތަކީ، އެ ކަންތައް ހާމިދަށް އެނގެނީ އޭނާގެ ކައިރީގައި ހަރަކާތްތެރިވާ ޖިންނީންގެ ފަރާތުންކަމެވެ. ސިހުރުވެރިން ސިހުރު ހަދަނީ ޖިންނި ބޭނުންކޮށްގެންނެވެ.
"ހިނގާ ދާން..." ހާމިދު ބުނެލިއެވެ.
އެ ބުޅާ އެތަނުން ދާކަށް ނޫޅުނެވެ. ކުރިއަށް އަންނާނަށް ވެސް ނޫޅުނެވެ. އެ ސޮރު އޮތްތަނުގައި އޮތީއެވެ. އެ ދެމީހުންނާ ދިމާލަށް ބަލަހައްޓައިގެންނެވެ.
"ހާސްނުވޭ. އަހަރެން ހުއްޓާ އެ އެއްޗަށް ނުކެރޭނެ މިހިސާބާ ކައިރިވާކަށް..." ހާމިދު ޔަޤީންކަން ދިންއިރު އެ އަޑުގައިވަނީ ބޮޑާކަމެކެވެ. އޭނާގެ އަޑުން ފަޚުރުވެރިކަން ފާޅުވަމުން ދިޔައެވެ. ކުޑަވެސް ބިރުވެރިކަމެއް ނެތް ޙާލުގައި އޭނާގެ މޮޅުކަމާ މެދު އަމިއްލަ ނަފްސަށް ވެސް ތައުރީފްކޮށްލެވުނެވެ.
އޭނަ ސިހުރު ހެދުމަށްޓަކައި ރަނގަޅު ސަރަހައްދެއް ކަނޑައެޅުމަށްފަހު، ޝާރިފް ގޮވައިގެން އެތަނުން ނުކުންނަން ހިނގައިގަތެވެ. ޝާރިފް ހާމިދާއެކު ގޮސް އެ ގަސްތަކުގެ ތެރެއިން ނުކުތެވެ. އޭރު އޭނާ ހުރީ ދާހިތްލާ ފޯވެފައެވެ. ކުރެވެން މިއުޅެވޭ ކަމާ މެދު ޝާރިފްއަށް ފުރަތަމަ ފަހަރަށް ވިސްނައިލެވުނެވެ. އެއީ ރަނގަޅުކަމެއްނޫންކަމުގައި ސިކުނޑި ގޮވަމުން ދިޔަ ގޮވުމަށް އިޖާބަދޭން އެހިނދު ބޭނުންވިއެވެ.
"ކިހިނެއްވީ؟" އަތުގެ ނުފުށުން ނިތްކުރިމަތީގައި ހުރި ދާތިކިތައް ޝާރިފް ފުހެލިތަން ބަލަން ހުރެފައި ހާމިދު ސުވާލުކޮށްލިއެވެ.
"ނޫން.. ކަމެއް ނުވޭ...." ޝާރިފް ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނަ ހިތުގައިވި ނުތަނަވަސްކަން ސިއްރުކުރިއެވެ.
"މިކަން ކުރަން ބޭނުންނުވަނީތަ؟"ޝާރިފްގެ ވިސްނުން ބަދަލުވެދާނެ ފަދަ އިޝާރާތްތަކެއް އޭނާއަށް ލިބުމާއެކު ހާމިދު ބުމަ އަރުވައިލިއެވެ. ޝާރިފްއަށް ސީދާ ނޫނެކޭ ނުވަތަ އާއެކޭ ބުނާކަށްވެސް ނުކެރުނެވެ. ހަޤީޤަތުގައި އޭނާގެ ސިކުނޑި ވަނީ ހަލަބޮލިވެފައެވެ. ހާސްވެފައެވެ. ސިހުރާ މެދު ދެވަނަ ވިސްނުމަކަށް ދިޔުމަށް އޭނާގެ ސިކުނޑި ބާރު އަޅަން ފެށިއެވެ.
"މި ނޫން އިތުރު ގޮތަކަށް އެ މަންޖެއެއް ނުލިބޭނެ. ޝާރިފް ބޭނުންވަނީ އުމުރަށް އޭނަ ގެއްލެންތަ؟ އެހެންމީހެއްގެ ހައްޤަކަށް ވާތަން ބަލަން ކެތްވާނެތަ؟ އެހެންވިއްޔާ މި ހިސާބުން އަހަރެން މިކަންތައް ހުއްޓާލާނަން. އެކަމަކު ދެވަނަ ފަހަރަށް އެކަމަށް އެދި އަހަރެންގެ ގާތުގައި ނުބުނާތި. އަހަރެން މި ރަށަށް މިއައީވެސް އެތަކެއް ބަޔަކު އަހަރެން ގެންދަން ބޭނުންވެފަ ހުއްޓާ. ޝާރިފްގެ އެކުވެރިޔާގެ އެދުމަށް ޝާރިފަށް އެހީވުމަށްޓަކާ...." ހާމިދު ބުނެލިއެވެ. އޭނަ ޝާރިފްގެ ސިކުނޑިއާ ކުޅެން މަސައްކަތްކުރިއެވެ.
"ޝާރިފް..." ޝާރިފް ހިމޭންކަން އިޚްތިޔާރުކުރުމުން އަނެއްކާވެސް ހާމިދު ގޮވައިލިއެވެ.
"ޝާރިފް ކޮންކަމަކާ ހާސްވަނީ؟ މިކަމުން ޝާރިފްއަށް އެއްވެސް ގެއްލުމެއް ނުވާނެޔޭ. މިއީ ޝާރިފް އެކަނި ކުރާކަމެއް ނޫން. އެތައް ސަތޭކަ ބަޔަކު، އެމީހުންގެ އެދުންތައް ހާސިލްކުރުމަށް ސިހުރު ހަދާ..." ހާމިދަށް އެއީ މާ ބޮޑުކަމެއް ނޫނެވެ. އޭނައަކީ އެކަމުގެ މާހިރެކެވެ. ދެމަފިރިން ދުރުކުރުވާ، ލޯބިވެރިން ދުރުކުރާ، ޢާއިލާތައް ރޫޅާލުމަކީ އޭނައަށް މާ އުނދަގޫކަމެއް ނޫނެވެ. ސިހުރުގެ ބޮޑު ފާފައިގެ ތެރޭގައި ނަފްސު ޤައިދުވެފައިވާ ހާމިދު އާޚިތަރާ ދޭތެރޭވެސް ވިސްނަން ބޭނުންނުވާފަދައެވެ.
ޝާރިފް ވިސްނައިލިއެވެ. ހާމިދު އެބުނީވެސް ތެދެކެވެ. މިއީ އޭނަ އެކަނި ކުރާކަމެއް ނޫނެވެ. ވީއިރު ބިރުގަންނަންވީ ކީއްވެހެއްޔެވެ؟ އޭނަ ބޭނުންވަނީ ރަނީމްއެވެ. ރަނީމް އޭނާގެ ހައްޤަކަށްވާށެވެ. ވީއިރު އޭނަވެސް ކޮންމެވެސް ޤުރުބާނީއެއް ވާން ޖެހޭނެ ނޫންހެއްޔެވެ؟ ޝާރިފް އޭނާގެ އަމިއްލަ ނަފްސާ ހަނގުރާމަކުރަން ފެށިއެވެ.
"އަހަރެން ބޭނުން ޖަވާބެއް... ޝާރިފް ބޭނުމީ އުމުރަށް އެ ކުއްޖާ ނުލިބުމުގެ ހިތާމަކުރަންތަ؟" ހާމިދު އަނެއްކާވެސް އަހައިލިއެވެ. ޝާރިފް ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރައިލުމާއެކު، ހާމިދުގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނަގެ މަޤްސަދު ކާމިޔާބު ވީތީއެވެ.
"ދެން އެކަމާ މާ ބޮޑަށް ނުވިސްނާ!" ޝާރިފްގެ ކޮނޑުގައި އަތްޖައްސައިލުމަށްފަހު، ހާމިދު ބުނެލިއެވެ. ޝާރިފް ބޯ ޖަހާލާފައި ސައިކަލަށް އަރާ އިށީނުމުން، ހާމިދުވެސް އޭނާގެ ފަހަތަށް އަރާ އިށީނެވެ. ހާމިދާއެކު ގެސްޓްހައުސްްއަށް ދިޔުމަށްފަހުޝާރިފް، ދިޔައީ އޭނާގެ ކެބިންއަށެވެ. ލެޕްޓޮޕް ކައިރީގައި އިށީނުމަށްފަހު، އޭނަ ލެޕްޓޮޕް ހުޅުވައިލިއެވެ. ގެސްޓް ހައުސްގެ އަހަރީ ދުވަހުގައި ނަގާފައި ހުރި ފޮޓޯތަކުގެ ފޯލްޑަރ ހުޅުވާލާފައި އެ ފޮޓޯތައް އޭނަ ބަލަން ފެށިއެވެ. އޭގެން ރަނީމް އެކަނި ހުރި ފޮޓޯއެއް ފެނޭތޯއެވެ. އެކަން ކާމިޔާބު ވުމުން ފޮޓޯގަނޑުގެ ޕްރިންޓެއް ނެގިއެވެ. އެއަށްފަހު އެއަށްބަލަހައްޓައިގެން ޝާރިފްއަށް އިނދެވުނެވެ.
"ކީއްވެތަ އަހަރެންގެ ލޯތްބަށް ފުރަގަސް ދިނީ؟" ޝާރިފްއަށް ސުވާލުކޮށްލެވުނެވެ. އެއަށްފަހު ފޮޓޯގަނޑުގައި ފިރުމައިލެވުނެވެ. ރަނީމް އޭނާގެ ކައިރީގައި ހުރިނަމަ ވެސް ފިރުމާލާނެހާ ލޯބިންނެވެ. ދެވަނަ ސިކުންތުގައި ދެބުމަ ކުޑަކޮށް ގާތްކޮށްލެވުނީ ރަނީމް އޭނާގެ ލޯތްބަށް ފާޅުގައި ދެކޮޅު ހެދީތީއެވެ.
"އެހެން މީހެއްގެ ހައްޤަކަށް ރަނީމް ވާތަން ބަލާކަށް އަހަންނަކަށް ކުޅަދާނައެއް ނުވާނެ... ރަނީމް ވާން ޖެހޭނީ އަހަރެންގެ މީހަކަށް، އާނ...ހަމަ އެކަނި އަހަރެންގެ މީހަކަށް. އެކަމަށްޓަކައި ކޮންމެ ފަދަ ކަމެއް ކުރަން ޖެހުނަސް އެކަމެއް އަހަރެން ކުރާނަން...." ޝާރިފް ހީވަނީ އޭނާގެ ނަފްސަށް އަދިވެސް ވިސްނައިދޭން މަސައްކަތްކުރާ ހެންނެވެ. ސިކުނޑީގެ ތެރޭގައި އުފެދިފައިވާ ހައިޖާނުގަނޑުގެ ތެރެއިން އޭނާ ކުރަން އެ އުޅޭކަމަކީ އެންމެ ރަނގަޅުކަމެއްކަމުގައި ޤަބޫލުކުރަން މަސައްކަތްކުރާ ހެންނެވެ. މިހާ ހިސާބަށް އައިސްފައި އެއްގޮތަކަށް ވެސް ފަހަތަށް ޖެހޭކަށް އޭނަ ބޭނުމެއް ނޫނެވެ. އެކަމަށްޓަކައި މިހާރުވެސް އެތަކެއް ފައިސާއެއްވެސް ހޭދަކުރެވިއްޖެއެވެ. ހާމިދު އެ ބުނާހެން އެކަމަކީ އަދި އަލަށް އޭނަ ކުރާކަމެއް ނޫނެވެ. އެތަކެއް ބަޔަކު ފަންޑިތަ ހަދައިގެން ލޯބި ހާސިލްކުރެއެވެ. ކުރެވޭ ކަމުގެ ގޯސްކަން އެނގުނު ނަމަވެސް އެކަމާ މެދު ޝާރިފް ވިސްނަން ބޭނުންނުވާފަދައެވެ. ނޫނީ ހިތުގެ މުރާދު ހާސިލްކުރުމަށްޓަކައި ދަހިވެތިވެފައިވީލެއް ބޮޑުކަމުން އޭނަ އެކަމާ އަޅާކަން ބޭނުންނުވެސް ވަނީއެވެ. ޝާރިފް ފުންނޭވާއެއް ދޫކޮށްލިއެވެ. މޭޒުމަތީގައި ފޮޓޯގަނޑު ބާއްވާފައި ދެން އޭނަ އަވަސްވީ، ރަނީމްއާ ރަނީމްގެ ޢާއިލާއާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށެވެ. އޮފީސް ފައިލްތަކުގެ ތެރެއިން ރަނީމްގެ މަންމައާ ބެހޭ މައުލޫމާތު އޭނާއަށް ފެނުނެވެ. އެ މައުލޫމާތު ފެނުނީ ޔޫނުސްގެ ފައިލްތަކެއްގެ ތެރެއިންނެވެ. އެއީ ޔޫނުސް ރަނީމްގެ މަންމަގެ ބަލި ހާލަތަށް އެހީވެފައިވާ ފައިލުތަކުންނެވެ. ރަނީމްގެ ބައްޕަވަނީ ނިޔާވެފައި ކަމުން އޭގެ އެއްވެސް މައުލޫމާތެއް ނުލިބުނެވެ. ހާމިދު އެ މައުލޫމާތު ބޭނުންވެދާނެކަމަށް ރަށުގައި އުޅޭ އެކުވެރިއަކަށް ގުޅާފައި، ރަނީމްގެ ބައްޕަގެ މައުލޫމާތެއް ލިބޭތޯ އޭނަ ބެލިއެވެ. އެހެންނަމަވެސް އެކަންވެސް ކާމިޔާބު ވާގޮތެއް ނުވިއެވެ. އެންމެފަހުން ޝާރިފް ނިންމީ އޭނާއަށް ލިބުނު މައުލޫމާތުތައް، ހާމިދާ ހިއްސާކުރާށެވެ.
މޭޒުމަތީގައި އޮތް ފޯނު ވައިބްރޭޓްވީ އެވަގުތެވެ. އެއީ ހާމިދުގެ މެސެޖެކެވެ. ޝާރިފް އެ މެސެޖު ނަގާ ލިޔެފައި އޮތް އެއްޗެއް ބަލައިލިއެވެ. އޭގައި އޮތީ ހާމިދު މިރެއަށް ބޭނުންވާ އެއްޗެހީގެ ލިސްޓެކެވެ. އުއްބައްތީގެ އިތުރުން އަލިފާން ރޯކުރެވޭ ފަދަ އެއްޗެއް ހޯދުމަށް އެދިފައިވެއެވެ. އޭގެ އިތުރުން ދިރޭ ކުކުޅެއް ހޯދުމަށްބުނެފައި އޮތެވެ. އަދިވެސް ބައެއް އެއްޗެހި އެ ލިސްޓުގައި ހުއްޓެވެ. އެ ލިސްޓަށް ބަލަހައްޓައިގެން އިން ޝާރިފް ފުންނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު އޭނާ ތެދުވެގެން ގޮސް ކެބިން އިން ނުކުތީ އެ ބުނާ އެއްޗެހި ހޯދުމުގެ ބޭނުމުގައެވެ.
އެރަށުގައި އޭނަ ކިޔަވަން އުޅުނުއިރުގެ ރަޙްމަތްތެރިއެއްގެ ގޭގައި ކުކުޅު ގެންގުޅޭތީ ކުކުޅެއް ހޯދުމަކީ މާ އުނދަގޫކަމަކަށް ނުވިއެވެ. ދެންވެސް ހާމިދު ބުނި އެއްޗެހި އޭނަ ހޯދިއެވެ. އެ ހުރިހާ އެއްޗެއް ހޯދާ ނިމުނުއިރު މެންދުރު ނަމާދަށް ގޮވައިފިއެވެ.
*****
މެންދުރަށް ކައްކަން އުޅުނުއިރުވެސް ރަނީމްއަށް ވިސްނެނީ އޭނާއަށް ފެނުނު ހުވަފެނާ މެދުގައެވެ. އެއީ ހުވަފަނަކަށްވުރެ ބޮޑަށް ވައްތަރީ ހަޤީޤަތަކާއެވެ. އޭރުވެސް ބުރަކަށީގެ ދެފަރާތުގައި ފާޑެއްގެ ވާންކަމެއް ހުރިހެން އޭނައަށް ހީވިއެވެ. ކައްކާފައި މަންމައަށް ކާންދީފައި ރަނީމް ފެންވަރާ ތާޒާވެލަން ފާޚާނައަށް ވަދެފައި ލޯގަނޑުން އޭނާގެ ބުރަކައްޓައް ބަލައިލިއެވެ. ބުރަކަށީގެ ދެފަރާތުން، ނޫކުލައަކަށް ދާ ގޮތަކަށް ފަނޑު ފަނޑު ރޮނގެއް ހުއްޓެވެ. އެ ރޮނގަށް ބަލަހައްޓައިގެން އޭނައަށް ހުރެވުނުއިރު ސުވާލުތަކުން ސިކުނޑި ދިޔައީ ފުނިޖެހެމުންނެވެ. ރޭގެ ހާދިސާއަކީ ހުވަފަނެއް ނޫންކަމުގައި އޭނައަށް ޔަޤީންކުރެވެމުން ދިޔަ ސަބަބަކީ އެއީއެވެ. އެއީ ހަމަ އެކަނި ހުވަފަނެއް ނަމަ އެ ރޮނގު އޭނަގެ ބުރަކަށީގައި ހުރެގެން ނުވާނެއެވެ. ހުވަފެނުގައި ބުރަކައްޓަށް އެރި ވާންކަމާ ފެނުނު މަންޒަރު އޭނާގެ ހަނދާނުގައި ފަނޑުކޮށް ނަމަވެސް އެބަ ހުއްޓެވެ. ފުންނޭވާއެއް ދޫކޮށްލަމުން ލޯމަރައިލުމަށްފަހު، ރަނީމް ހަމަޖެހެން މަސައްކަތްކުރިއެވެ. ނާވީއާ ސުވާލުކުރަން ބޭނުންވިއެވެ. އެހެންނަމަވެސް ދެން އޭނައަށް ނާވީއާ ބައްދަލުވެވޭނީ މިރޭކަމުގައި އެނގޭތީ ކެތްތެރިވާން ރަނީމް ނިންމިއެވެ. އެ ފެނުނު ހުވަފެނުގައި ކޮންމެވެސް އިތުރު މީހަކާ ބައްދަލުވިހެން ހަނދާނަށް އަންނަހެން ހީވުމުން، އޭނަ ސިކުނޑިއަށް ބާރުލީ ނަމަވެސް، ދައިސަމް މަތިން ހަނދާންވާ ގޮތެއް ނުވިއެވެ. އުދާސްކަމުގެ ނޭވާއެއް ދޫކޮށްލެވުނީ ވެސް އެހެންވެގެންނެވެ.
ތާޒާވެލައިގެން ނުކުމެ ނަމާދުކޮށްލައިގެން ސަމްރާ ނަމާދުކުރުމަށްވެސް ރަނީމް އެހީވިއެވެ. އޭނައަށް މަންމަގެ މޫނުމަތީން ކަމަކާ ފިކުރު ބޮޑުވެފައިވާކަމުގެ ލިސާންތައް ފެންނަމުން ދިޔައެވެ.
"މަންމާ... ކަމެއްވީތަ؟" ރަނީމްއަށް ސުވާލުކޮށްލެވުނެވެ. އެއާއެކު ސަމްރާ ދެފަރާތަށް ބޯ ހޫރައިލިއެވެ. ރަނީމް ސަމްރާއަށް ބޭސްދީފައި، ގޭތެރެ ފޮޅާ ސާފުކުރަން އުޅުނު އިރުވެސް އޭނައަށް ހަމަ ވިސްނެނީއެވެ. ރަނީމްއަށް ނުފެނުނު ނަމަވެސް، އޭނަ ފެންނަ ހިސާބުގައި ރައާބިލް ހުއްޓެވެ. ރަނީމްގެ މޫނުމަތީން ފެންނަމުން ދިޔަ އުދާސްކަމުގެ ސިއްރަކީ ކޮބައިކަން ރައާބިލްއަށް އެނގުނެވެ. ވަގުތުން ރަނީމްގެ ކުރިމައްޗަށް ގޮސް ހަޤީޤަތް ފާޅުކުރުމަށް ބޭނުންވި ނަމަވެސް، މިރެއަށް އޭނާ އިންތިޒާރުކުރަން ނިންމިއެވެ.
*****
އިރުއޮއްސި އަނދިރިވެއްޖެއެވެ. ނާވީއާއި ރައާބިލްއާ ދައިސަމް ތިބީ ރަނީމްމެން ރަށާ މާ ދުރުނޫން ފަޅުރަށެއްގެ ތުނޑިމަތީގައެވެ.
"ރަނީމްއަށް މިރޭ ހުރިހާ ހަޤީޤަތެއް ކިޔައިދޭން ނިންމައިފިން. އެކަމާ ސަމްރާވެސް ޤަބޫލު." ރައާބިލް ހާމަކޮށްލިއެވެ. ނާވީބޯ ޖަހައިލި ނަމަވެސް، އެކަން އެނގުމުން ރަނީމްއަށް ވާނެ ގޮތަކާ މެދު އޭނަ ކަންބޮޑުވިއެވެ. އެކަން ނާވީގެ މޫނުމަތީން ފެންނާކަށް ގިނައިރެއް ނުނެގިއެވެ.
"އަހަރެން ބޭނުން ނާވީވެސް އަހަންނާއެކު ދާން... ރަނީމްއަށް ވާނެގޮތަކާ ދޭތެރޭ ޚުދު އަހަރެންވެސް މިހުރީ ހާސްވެފައި... ހުރިހާވާހަކައެއް ރަނީމްއަށް ކިޔައިދޭނީ ކިހިނަކުން ބާވައޭ ވެސް ހިތަށް އަރާ..." ރައާބިލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.
"އަހަރެން ދާނަން... ރަނީމްއަށް ވިސްނޭނެ. އޭނައަށް ވެސް މިހާރު ކޮންމެވެސް ވަރަކަށް އެނގޭނެ އެ އުޅާ ނެގުމުން އޭނައަށް އެއަންނަނީ އާދަޔާ ޚިލާފު ބަދަލުތަކެއްކަން. އެކަމުގެ ޖަވާބު އެނގުނީމަ އޭނަގެ ހިތަށްވެސް ހަމަޖެހުން ލިބިދާނެ ކަންނޭނގެ." ނާވީ އެހެން ބުނެލީ ރައާބިލްގެ ހާސްކަން ވެސް ފަހުމްވަމުން ދިޔައީތީއެވެ.
"އެކަމަކުވެސް، އެ މާޒީގެ ހުރިހާކަމެއް އަހަރެން ކިހިނެއް ރަނީމްއަށް ކިޔައިދޭނީ... އަހަރެން ރަނީމްއަށް އެހުރިހާކަމެއް ސިއްރުކުރަން ބޭނުންވީ ހަމައެކަނި ރަނީމްގެ ރައްކާތެރިކަމަށްޓަކައި..." ރައާބިލްއަށް ބުނެވުނެވެ. ދައިސަމް އެއްޗެއް ނުބުނި ނަމަވެސް، އޭނަވެސް ދިޔައީ ކަނުލާ ނާވީއާ ރައާބިލްގެ ވާހަކަތައް އަޑު އަހަމުންނެވެ.
އެތަކެއް އިރަކު އެމީހުން އެތަނުގައި ވާހަކަ ދައްކަން ތިއްބެވެ. ރަނީމްމެން ގާތަށް ދިޔުމަށްޓަކައި ރައާބިލްމެން ދަތުރު ފެށީ އިޝާވަގުތު ފާއިތުވެގެން ދިޔަފަހުންނެވެ.
އިޝާ ނަމާދަށްފަހު ބޭސް ދިނުމުން ސަމްރާ އާއްމުގޮތެއްގައި ނިދާ ނަމަވެސް، މިރޭ އޭނަ ނިދާކަށް ނޫޅުނެވެ. ރަނީމް ސުވާލުކޮށްލުމުންވެސް، ނިދި ނާންނަކަމުގައި ބުނެ ސަމްރާ އޮތީއެވެ.
"މަންމަ ކަމަކާ ފިކުރުކުރަނީތަ؟ އަހަރެންގެ ގާތުގައި ބުނެބަލަ." ގޮނޑި އެނދާ ކައިރިއަށް ދަމާލާފައު، ރަނީމް، ސަމްރާއާ ސުވާލުކޮށްލިއެވެ. މިއަދު ހަތަރު ދަމު މަންމަގެ މޫނުމަތީން ފެންނަމުން ދިޔަ އަސަރުތަކުން ރަނީމް، އެކަމާ ބެހޭގޮތުން އެތަކެއް ފަހަރަކު ސަމްރާއާ ސުވާލުވެސް ކޮށްފިއެވެ. އެހެންނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް ސަމްރާ ދެފަރާތަށް ބޯ ހޫރައިލަނީއެވެ. ނޫނީ ކަމެއް ނުވާކަމަށް ބުނެ އޮޅުވައިލަނީއެވެ. ރަނީމް ބޭރަށް ދަނީ މަންމަ ނިދީމައިކަމުން އޭނަ މަންމަ ނިދަންދެން އިންތިޒާރުކުރަން ނިންމިއެވެ.
ސަމްރާ ރަނީމްގެ އަތުގައި ހިފައްޓައިލިއެވެ. އެއަށްފަހު އޭނަ އެ އަތަށް ބާރުކޮށްލަން މަސައްކަތްކުރިއެވެ. މަންމަގެ ވަރުނެތް އަތުން އޭނަގެ އަތުގައި ހިފައްޓައިލުމަށްފަހު، އޭނަގެ އަތުގައި އޮތް އުޅާއަށް ބަލައިލި ގޮތުން ރަނީމްއަށް ކުޑަކޮށް ދެބުމަ ގާތްކޮށްލެވުނެވެ. މަންމައާ އެ އުޅާއާ ބެހޭގޮތުން ސުވާލުކުރުމަށް ހިތްވަރު ލިބި އަނގަ ހުޅުވައިލި ވަގުތު، ސަމްރާގެ ނަޒަރު ދޮރާ ދިމާލަށް ހުއްޓުނު ތަން ރަނީމްއަށް ފެނުނެވެ. އޭނަ ފަސްއެނބުރި ބަލައިލިއިރު، އެތަނުގައި ހުރީ ނާވީއެވެ. އޭނައަށް ބަލައިލެވުނީ މަންމައަށެވެ. ނާވީ އެގޮތަށް ފެނުމުން މަންމަ ބިރުގަންނާނެކަމުގައި ރަނީމްއަށް ހީކުރެވުނީ ނާވީ އެތެރެއަށް ވަނީ ދޮރު ނުހުޅުވާކަން އޭނާއަށް އެނގުނީތީއެވެ.
"މަންމާ..." ހާސްކަމާއެކު ރަނީމްއަށް ސަމްރާއަށް ގޮވައިލެވުނީ އޭނައަށް ނާވީ ފެންނަކަން ޔަޤީންވާ ޙާލުގައެވެ. ސަމްރާގެ މޫނުމަތީން ހާސްކަން ނުފެނުމުން ޚުދު ރަނީމްވެސް ހައިރާންވިއެވެ. މަންމައަށް ނާވީގެ ހަޤީޤަތް އެނގެނީ ހެއްޔެވެ؟ ސަމްރާ ރަނީމްގެ އަތުގައި މަޑުމަޑުން އަތްޖައްސާލާފައި، ބޯ ޖަހައިލުމުން އެ ސުވާލުގެ ޖަވާބު އޭނައަށް ލިބިގެން ދިޔައެވެ. އެއާއެކު ހިތުގައި ތަފާތު ސުވާލުތައް އުތުރި އަރައިގަތެވެ. ނާވީ ކުރިއަށް ޖެހިލުމާއެކު، ރަނީމް ގޮނޑިން ތެދުވެ ނާވީއާ ކުރިމަތިލިއެވެ.
"ނާވީ..." އޭނައަށް ބުނެވުނެވެ. ރަނީމްއަށް ފަހަރަކު މީހަކަށް ބަލައިލެވުނެވެ.
"ރަނީމް މަންމައަށް މިހާރު އަހަރެންގެ ހަޤީޤަތް އެނގޭ..." ނާވީ އޮޅުން ފިލުވައިދިނެވެ.
"ކިހިނެއް؟" ރަނީމްއަށް ސުވާލުކޮށްލެވުނެވެ.
"ރަނީމް ބޭނުމެއްނު އަތުގައި ތި އޮށް އުޅާގެ ހަޤީޤަތް އެނގެން... އެ ހަޤީޤަތް ކިޔައިދޭނެ މީހަކު ގޮވައިގެން މިއައީ..." ރަނީމްގެ ސުވާލަށް ޖަވާބު ދިނުމެއް ނެތި، ނާވީ އެހެން ބުނުމާއެކު ރަނީމްއަށް ބަލައިލެވުނީ ސަމްރާއަށެވެ. ސަމްރާ ބޯ ޖަހައިލިއިރު، އޭނާގެ ދެލޮލުން ކަރުނައިގެ އަސަރު ރަނީމްއަށް ފެނުނެވެ. އޭނަ ދެން ނާވީއަށް ބަލައިލިއިރު، ނާވީގެ ކައިރިން ފާޅުވި ނޫ އަލިކަމާއެކު އިތުރު މީހަކު އެތަނުން ފާޅުވިއެވެ. ރަނީމްއަށް އެމީހަކަށް ބަލައިލެވުނެވެ. އެއީ ފިރިހެނެކެވެ. އޭނަގެ ފައިން ފެށިގެން ބޮލާ ހިސާބަށް ބަލައިލި ރަނީމްއަށް އޭނަގެ ނޫ ލޮލުގެ އިތުރުން ދެން އެންމެ އަޅައިގަތީ އޭނާގެ އިސްތަށިގަނޑެކޭ އެއްގޮތަށް އެމީހާގެ މުށިކުލައިގެ އިސްތަށިގަނޑެވެ.
(ނުނިމޭ)