ނ. ވެލިދޫގެ ގެއެއްގައި އަލިފާން ރޯވެ، އެ ތަނުގައި ދިރިނޫޅެވޭ ވަރަށް ބޮޑެތި ގެއްލުންތަކެއް މިއަދު ލިބިއްޖެއެވެ.

ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސައިން 'ސަން'އަށް ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގީ، މިއަދު މެންދުރު 13:00އާއި 13:30އާ ދޭތެރޭގެ ވަގުތެއްގައެވެ.

ކުޑަކުއްޖަކު ހިމެނޭހެން ޖުމުލަ އަށް މީހުން ދިރިއުޅޭ އެ ގޭގައި ރޯވިކަން އެނގުނީ ކުރިމަތީގައި ހުންނަ ގޭގައި ދިރިއުޅޭ މީހަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އަލިފާން ރޯވިއިރު، އެ ގޭގައި އެއްވެސް މީހަކު ނެތް ކަމަށާއި މިހާރު އަލިފާން ނިއްވާލާފައިވާކަން އާތިފް ފާހަގަކުރެއްވިއެވެ.

އޭނާ ލަފާކުރެއްވި ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓު ޝޯޓުވުމުގެ ހާދިސާއެއްގެ ސަބަބުންނެވެ.

މި ހާދިސާގައި ދިރިނޫޅެވޭ ވަރަށް ގެއްލުން ލިބިފައިވާ ކަމަށާއި ވަގުތީ ގޮތުން އާއިލާ މީހެއްގެ ގެއަކަށް އެ މީހުން ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރަށް، މި ހާދިސާ ފުލުހުންގެ ފޮރެންސިކް ޓީމުން ތަހުގީގު ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

މިއީ މިއަދު ހިނގި އަލިފާނުގެ ދެވަނަ ހާދިސާއެވެ. އެގޮތުން، ހުޅުމާލޭ ފަޅު ތެރޭގައި އޮތް ބޯޓެއްގައި ރޯވެ، އެކަކުގެ އަތްތިލަ ވަނީ ފިހިފައެވެ.