މީހަކަށް އަނިޔާ ކުރާ ކަމުގެ ރިޕޯޓަކާ ގުޅިގެން އެމްޕީއެލް ޓަވަރެއްގެ އެޕާޓްމަންޓެއް ބަލައި، ފާސްކުރުމަށް ފަހު، މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، މާލެއަށް ނިސްބަތްވާ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ، މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދަންވަރު 01:31 ހާއިރު ފިރިހެނަކަށް އަނިޔާ ކުރާ ކަމުގެ އަޑު އިވޭ ކަމަށް ބުނާ ރިޕޯޓެއް ލިބުނު ކަމަށެވެ.

އެ ރިޕޯޓާ ގުޅިގެން އެ އެޕާޓްމަންޓު ބަލައި ފާސްކުރިއިރު، ވަގުތީ ބަރުދަނުގައި 17.3 ކިލޯގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެހެންނަމަވެސް އެތަނަށް ދިޔައިރު، އިތުރު މީހަކު ނެތް ކަމަށާއި އެޕާޓްމަންޓު ތެރޭގައި ތަކެއްޗަށް ގެއްލުންދީ، ހަމަނުޖެހުން ހިންގާފައި ހުރިކަން ފާހަގަކުރެވުނު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ތަހުގީގު ކުރަމުން ދަނީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ހުޅުމާލެ ޕޮލިސް ގުޅިގެންނެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައި އޮތް އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާއިރު، މި ފަދަ މައްސަލަތަކުގައި ޒުވާނުން ވެސް ހައްޔަރުކުރެއެވެ.