11 Nov 2025, 17:46
އެންމެ ފުރަތަމަ ދިވެހިރާއްޖެއަށް ޑިގްރީ ސެޓްފިކެޓެއް ގެންނެވީ އައްޝައިޚް އާދަމް ނަސީމެވެ. މިއަދު ތަޢުލީމީ ގޮތުން ރާއްޖެ މި ވަނީ ވަރަށް ކުރިޔަށް ގޮސްފައެވެ. މަތީ ތަޢުލީމުގެ އެންމެ މަތީ ސަނަދު ކަމުގައިވާ ޕީއެޗްޑީ ދިވެހިރާއްޖެއިން ހާސިލުކުރެވޭކަމީ މިކަމުގެ އަލިގަދަ ހެއްކެކެވެ.
އައްޝައިޚް އާދަމް ނަސީމު ދިވެހިންގެ ތެރޭ މަޝްހޫރުވެފައި ވަނީ ބީއޭ ނަސީމުގެ ނަމުންނެވެ. ޝައިޚް ނަސީމަށް މި ނަން ދެވުނު ގޮތެއް ކަމަށް ބުނެވެނީ، ބެޗްލާސް އޮފް އާޓް ޑިގްރީއެއް އެންމެ ފުރަތަމަ ހާސިލުކުރި ދިވެއްސަކީ އޭނާ ކަމުގައި ވާތީއެވެ. ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ ގެނެވުނު މި ޑިގްރީއަކީ އިނގިރޭސި ބަހުގެ ޑިގްރީއެކެވެ. ޝައިޚް ނަސީމް މި ޑިގްރީ ހާސިލުކުރައްވައިފައި ވަނީ 1960ގެ އަހަރުތަކުގެ ކުރީކޮޅެވެ. އެއީ އިންޑިއާގައި ހުންނަ ޢަލީގާ މުސްލިމް ޔުނިވަސިޓީއިންނެވެ.
ބީއޭ ނަސީމު ރާއްޖެއަށް ވަޑައިގެން މަޖީދިއްޔާ ސްކޫލާ ގުޅިވަޑައިގެންނެވީ 1965ވަނަ އަހަރުގެ އޮގަސްޓް މަހުގެ 16ވަނަ ދުވަހުއެވެ. މަޖީދިއްޔާ ސްކޫލުގެ ދަރިވަރުންނަށް ތާރީޚު އުނގަންނަވައިދެއްވާ މުދައްރިސެއްގެ ހައިޘިއްޔަތުންނެވެ.
ބީއޭ ނަސީމުގެ ތަޢުލީމީ ހަޔާތްޕުޅަށް ބަލާއިރު، އެބޭފުޅާއަކީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިން އެންމެ ފުރަތަމަ ކިޔެވުން ނިންމި، ދިވެހިންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. މިއީ އެބޭފުޅާއަށް އައްޝައިޚުގެ ލަގަބު ލިބިވަޑައިގެންނެވި ސަބަބެވެ.
އައްޝައިޚް ބީއޭ ނަސީމަކީ އިސްލާމްދީނުގެ ޢިލްމު ރާއްޖޭގައި ފަތުރުއްވަން ގިނަގުނަ މަސަކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ. ޢިލްމީ ދަރުސްތައް ދެއްވައި މުޖްތަމަޢު ހޭލުންތެރިކުރެއްވިއެވެ. އެބޭފުޅާ ލިޔުއްވި ފޮތްތަކުން ޔުނިވަރސިޓީ ދަރިވަރުން، މިއަދު ވެސް އަންނަނީ ޢިލްމުހޯދަމުންނެވެ.
ޝައިޚް ބީއޭ ނަސީމަކީ ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙުގައި ވެސް ވިދައިލި ތަރިއެކެވެ. ދިވެހިރާއްޖޭގައި މަލްޓިޕާޓީ ޑިމޮކްރެޓިކް ނިޒާމު ޤާއިމުކުރެވުނު އިރު ހުންނެވީ އެމް.ޑީ.ޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުގެ ރައީސްކަމުގެ މަޤާމުގައެވެ. 2009ވަނަ އަހަރު އެ ޕާޓީން ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ސަރުކާރުގެ ފަރާތުން ކުރައްވާ ބައެއް ކަންކަމާ ހިތްޕުޅާވެވަޑައިނުގެން ނަސީމު ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ.
އައްޑޫލައިވް އޮންލައިން ނޫހުގައި 18 ސެޕްޓެމްބަރ 2022ގައި ޙަސަން ރަޝީދު ލިޔުއްވައިފައި ވެއެވެ. "ޝައިޚް ނަސީމަކީ އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުގެ ރައީސްކަން ކުރައްވައިފައިވާ ފަރާތެކެވެ. ނަމަވެސް އެމްޑީޕީގެ ފުރަތަމަ އުފެދުނު ސަރުކާރުގައި އިސްލާމްދީނުގެ ހަމަތަކާއި ޚިލާފަށް ތަޢުލީމީ ނިޒާމް ރާވައި ތަންފީޒުކުރަމުންދާތީ އެކަމާމެދު ހިތްހަމަނުޖެހިގެން ފަހުން ނަސީމް ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ." މިފަދަ ވާހަކައެއް މިހާރު އޮންލައިން ނޫހުގައި ހުސައިން ހަބީބު ވެސް ލިޔުއްވައިފައި ވެއެވެ. 18 ސެޕްޓެމްބަރު 2022ގައި އެ ނޫހުގައި ޝާއިޢު ކޮށްފައި ވަނީ "އެމްޑީޕީން އޭނާ ވަކިވެވަޑައިގަތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހިނގައިދިޔަ ބައެއް ކަންކަމާ މެދު ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އުފެދި، 2010 ވަނަ އަހަރު" ކަމަށެވެ.
އެމްޑީޕީއިން ވަކިވެވަޑައިގެން، ޢަދާލަތުޕާޓީއާ ގުޅިވަޑައިގެންނެވި ކަމަށާއި އެޕާޓީއާ އެކު ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙު އިޞްލާޙުކުރެއްވުމުގެ މަސަކަތްޕުޅު ކުރެއްވި ކަމަށް ވެސް ނޫސްތަކުން ރިޕޯޓުކޮށްފައި ވެއެވެ.
ބީއޭ ނަސީމު ވަނީ އެބޭފުޅާގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ މަތީ ދަރަޖައަށް ދިވެހި ރާއްޖެއަށް ޚިދުމަތް ކުރައްވައިފައެވެ. ތަޢުލީމީ ރޮގުންނާއި ދީނީ ރޮގުންނާއި ސިޔާސީ ރޮނގުން ވެސް މެއެވެ.
ކ. ތުލުސްދޫއަށް އުފަން އާދަމް ނަސީމުގެ އަޖަލު، މާތް ﷲ ލިޔުއްވައިފައި އޮތީ 2022ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18ވަނަ ދުވަހާ ހަމައަށެވެ. އެ ދުވަހުގެ ފަތިހު އެބޭފުޅާގެ ފުރާނަ ހަށިގަނޑާ ވަކިވެ، މި ފަނާވަނިވި ދުނިޔެ ދޫކޮށް ދިޔައިރު ނަސީމުގެ އުމުރުފުޅަކީ 83 އަހަރެވެ. އައްޝައިޚު އާދަމް ނަސީމުގެ ފުރާނަފުޅަށް ހެޔޮ ރަޙުމަތްލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވާނދޭވެ! އިސްލާމްދީނަށާއި މި ޤައުމަށް އިޚުލާޞްތެރިކަމާ އެކު ޚިދުމަތްކުރުމުގެ ތައުފީޤު އަޅަމެންނަށް ވެސް ދެއްވާނދޭވެ! آمين.