11 Nov 2025, 18:22
ފަލަސްޠީނުގެ ޒުވާން ގައުމީ ޓީމު ރާއްޖޭގައި ކޭމްޕުކުރީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރުމުގެ ކުރިން އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުންނެވެ.
މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގައި ކޭމްޕުކުރުމަށް ކުރި މި ދަތުރުގައި ގިނަ ކަންތައްތަކެއް ކުރުމަށް ފަލަސްޠީނުގެ ޓީމުން ނިންމާފައިވާއިރު، ރާއްޖޭގައި ކޭމްޕުކުރުމުގެ ހުއްދަ އެ ޓީމަށް ދެއްވައިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ މަތިންނެވެ.
އެ ޓީމަށް އިއްޔެ ހުޅުލޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީއިން މަރުހަބާ ދެންނެވީ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި ފުޓްބޯޅާ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަޙުމަދު ޠާރިގެވެ.
ރައީސް ދެއްވި ހުއްދައިގެ ދަށުން އެ ޓީމުން ރާއްޖޭގައި ފަރިތަކުރުންތައް ބާއްވާއިރު، ޓީމުގެ ހުރުމާއި، ކެއުން ހަމަޖައްސަނީ ކުޅިވަރު ވުޒާރާއިންނެވެ. އަދި ލޮޖިސްޓިކްސްއާ ގުޅޭ ހުރިހާ ޚަރަދެއް ބަލަހައްޓާނީ އެފްއޭއެމުންނެވެ.

ފަލަސްތީނުގެ ޒުވާން ގައުމީ ފުޓުބޯޅަ ޓީމު ރާއްޖޭގައި---
ފަލަސްތީން ޓީމުގެ މި ދަތުރުގައި އެކުވެރިކަމުގެ ޖުމްލަ ދެ މެޗު ކުޅެން ހަމަޖެހިފައިވެއެވެ. އެ ދެ މެޗު ކުޅޭނީ އަންނަ ބުރާސްފައްޗާއި ހޮނިހިރުގައެވެ.
މީގެ އިތުރުން ފަލަސްތީނުގެ ފުޓްބޯޅައަށް އެހީތެރިވުމުގެ ގޮތުން ރާއްޖެއާއި، ފަލަސްޠީނު ބައްދަލުކުރާ ދެ މެޗުގައި ސްވެނިއާ ޓިކެޓު ވިއްކުމަށްވެސް އެފްއޭއެމުން މިހާރުވަނީ ނިންމާފައެވެ.
މި ޓިކެޓުތައް ވިއްކައިގެން ލިބޭ ފައިސާ ފަލަސްޠީނު ޓީމަށް ހަދިޔާ ކުރުމަށް ނިންމައިފައިވާއިރު ސްވެނިއާ ޕްލެޓިނަމް ޓިކެޓެއް ވިއްކާ އަގަކީ 1000 ރުފިޔާއެވެ. މިއީ ވީވީއައިޕީ (ރޮސްޓްރަމް) ގެ 50 ޓިކެޓެވެ. އަދި 200 ސްވެނިއާ ގޯލްޑް ޓިކެޓްވެސް ވިއްކުމަށް ހަމަޖެހިފަވާއިރު މި ޓިކެޓުގެ އަގަކީ 500 ރުފިޔާއެވެ.

ފަލަސްތީނުގެ ޒުވާން ގައުމީ ފުޓުބޯޅަ ޓީމު ރާއްޖޭގައި---
މީގެ އިތުރުން ފަލަސްތީނުގެ ޓީމުގެ ކަންކަން ބަލަހައްޓަން ހަތަރު އިދާރާއެއްގެ މަންދޫބުން ހިމެނޭ ޓާސްކުފޯހެއް ވަނީ އެކުލަވާލާފައެވެ. މި ޓާސްކުފޯހުގައި ހިމެނެނީ ސްޕޯޓްސް މިނިސްޓްރީގެ ހަ އޮފިޝަލުންނާއި އެފްއޭއެމްގެ ހަތަރު އޮފިޝަލުންނާއި ފުލުހުންގެ ފަސް އޮފިޝަލުންގެ އިތުރުން އެމްއެންޑީއެފްގެ އޮފިޝަލެކެވެ.
އޭޝިއަން ކަޕް 17 އަހަރުން ދަށުގެ ކޮލިފައިންގައި ފަލަސްތީނު ހިމެނޭ ގުރޫޕް ޑީގެ މެޗުތައް ކުޅޭނީ އިންޑިއާގައެވެ. ފަލަސްތީނުގެ ޓީމުގެ މުޅި ޑެލިގޭޝަންގެ ޚަރަދުތަކަށް 546،000 އެއްހާ ރުފިޔާ ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.