11 Nov 2025, 17:20
މަަސްޖިދު އަލް ސުލްޠާން ހަސަން ޢިއްޒުއްދީން މިސްކިތަށް ގެއްލުން ދިން މައްސަލައިގައި ހައްޔަރުކުރި މީހާ, މިހާރު އޭނާގެ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މިއަދު މި މައްސަލައިގެ ތަހުގީގުކުރުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އުމުރުން 24 އަހަރުގެ ފިރިހެންމީހާ މިހާރު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް އެ މީހާ ގެންގޮސްފައިވަނީ ކުށުގެ ވެށިން ކަމަށް ފުލުހުން ބުންޏެވެ.
ފުލުުހުން ބުނީ މިއަދު މަސްޖިދުލް ސުލްޠާން ހަސަން ޢިއްޒުއްދީން މިސްކިތަށް ދިން ހަމަލާގައި މިސްކިތުގެ ކުޑަދޮރުތަކުގެ ބިއްލޫރިގަނޑު ތަޅާލައިފައިވާ ކަމަށެވެ.
މަންޒަރު ދުށް މީހަކު "ސަން" އަށް މައުލޫމާތުދިން ގޮތުގައި މިއަދު ހެނދުނު 06:45 ހާއިރު އޭނާ މަސްޖިދުލް ސުލްޠާން ހަސަން ޢިއްޒުއްދީން މިސްކިތް ކައިރީގައި ހުއްޓައި، ފިރިހެނަކު އެތަނަށް ހަމަލާދިން މަންޒަރު ފެނުނެވެ. އޭނާ ބުނިގޮތުގައި އެ ފިރިހެން މީހާ ވަނީ ކޮންކްރީޓް ގާބުރިގަނޑެއް ބޭނުންކޮށްގެން މިސްކިތުގެ ތިރީބައިގެ ބައެއް ކުޑަދޮރުތަކުގެ ބިއްލޫރިތައް ތަޅާލައިފައެވެ.
ހަމަލާދިން އެ މީހާގެ އަމަލުތައް ހުރިގޮތުން އޭނާއަކީ ބުއްދި ހަމަަނުޖެހޭ މީހެއް ކަމަށް ބެލެވޭ ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.
ފުލުހުންނަށް މި މައްސަލަ ރިޕޯޓުކޮށްފައިވާއިރު އިއްޔެ އައްޑޫ ސިޓީ ހިތަދޫ މިސްކިތެއްގައި ބަހައްޓާފައި ހުރި, މުސްހަފްތަކާއި ގޮނޑިތަކަކަށް ގެއްލުންދިން މައްސަލައެއް ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.
މީގެ ކުރިން ވެސް މިސްކިތްތަކަށް ގެއްލުން ދިން މައްސަލަތައް ފެންމަތިވެފައި އެބަހުއްޓެވެ. އެގޮތުން މާލޭގެ ފުރުޤާން މިސްކިތަށް ގެއްލުން ދިން މައްސަލައެއް މި މަހުގެ އެއްވަނަ ދުވަހުގެ ދަންވަރު 02:20 އެހާކަށްހާއިރު ފުލުހަށް ރިޕޯޓުކޮށްފައިވެއެވެ.