11 Nov 2025, 18:02
އުންމީދީ ތަރި އަޙްމަދު އައިހަމް ގައުމީ ފުޓުބޯޅަ ސްކޮޑުން ވަކިކުރީ ގައުމީ ޓީމުގެ ރަސްމީ ފަރިތަކުރުންތަކުގައި ބައިވެރިނުވާތީއާއި, ހުއްދަ ނުހޯދާ ފުޓްސަލް މުބާރާތެއްގައި ކުޅުމުގެ ސަބަބުން ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ބުނެފިއެވެ.
އެފްއޭއެމްއިން އައިހަމް ސްކޮޑުން ވަކިކޮށްފައިވާއިރު، އޭނާއަކީ ޓީމުގައި މިވަގުތު ތިބި ކުޅުންތެރިންތަކުގެ ތެރެއިން އެންމެ ރަނގަޅު ފޯމެެއްގައި ހުރި އެއް ކުޅުންތެރިޔާއެވެ.
އެފްއޭއެމުން ބުނީ ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ގައުމު ތަމްސީލުކުރާއިރު އެންމެ މަތީ ފަންތީގައި ކަމޭހިތުމާއި، ފަންނީ އަޚުލާގު ހިފަހައްޓާނެ ކަމަށް އެ އިދާރާއިން އުންމީދު ކުރާކަމަށެވެ.
އައިހަމް ވަނީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސްއާއި ދެކޮޅަށް ކުޅުނު މެޗާއި ރާއްޖޭގައި ތަޖިކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރުން ސްރީލަންކާގައި އޮތް ސައުތު އޭޝިއަން ސުޕަކަަޕުގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ.
ފުޓްސަލްގައި ވެސް އައިހަމްއަކީ ވަރުގަދަ ނަމެކެވެ. އޭނާ ވަނީ އޭނާގެ އުފަން ރަށް އުތީމުގައި އޮތް ފުޓްސަލް މުބާރާތެއްގައި ކުޅެފައެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގައި ވެސް ކާމިޔާބު މަސައްކަަތްތަކެއް ކޮށްފައިވާ އައިހަމް ސަސްޕެންޑުކޮށްފައިވާއިރު، އެފްއޭއެމުގެ ހުއްދަ ނެތި މުބާރާތްތަކުގައި ނުކުޅެވޭ ގޮތަށް މީގެކުރިން ވެސް އޮތީ ގަވާއިދެއް ހަދާފައެވެ.
ނަމަވެސް މިކަމުގައި ޚިޔާލު ތަފާތު ބަޔަކު އެބައުޅެއެވެ. އެ މީހުން ބުނާގޮތުގައި އައިހަމް ކުޅުނީ ރަށަށްޓަކާ ކަމަށެވެ. ނަމަވެސް ޚިޔާލު ތަފާތު ބައެއް މީހުން ބުނަނީ އެފްއޭއެމުން އެޅީ ރަނގަޅު ފިޔަވަޅެއް ކަމުގައެވެ.
ކޮލިފައިންގައި ވާދަކުރާ ގައުމީ ފުޓުބޯޅަ ޓީމުގެ ފަރިތަކުރުންތައް މިއަދު ވަނީ ފަށާފައެވެ.