11 Nov 2025, 16:40
ހައްޖުވުމަށް ކުރާ ދަތުރު ލުއިކޮށްދޭ އިންތިޒާމެއް ކަމަށްވާ މައްކާ ރޫޓު އިނިޝިއޭޓިވް ރާއްޖެއަށް ދާއިމީކުރުމަށް ސަޢުދީ އަރަބިއްޔާގެ ސަރުކާރުން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ސަޢުދީ ޢަރަބިއްޔާއަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުރައްވާ ރަސްމީ ދަތުރުގައި މިއަދު މައްކާ ރޫޓް އިނީޝިއޭޓްގެ ސުޕަވައިޒަރީ ކޮމެޓީއާ ބައްދަލުކުރެއްވި ކަމަށެވެ.
އެ ބައްދަލުވުމުގައި މައްކާ ރޫޓާ ބެހޭ އެންމެ މަތީ ކޮމިޓީން ވަނީ، މައްކާ ރޫޓްގެ ދަށުން ޙައްޖުގެ ޚިދުމަތް ރާއްޖެއަށް ދާއިމީކޮށް ކުރިއަށް ގެންދަން ނިންމަވާފައިވާކަން ހާމަކޮށްފައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މައްކާ ރޫޓް އިނީޝިއޭޓްގެ ސުޕަވައިޒަރީ ކޮމެޓީއާއިއެކު ރާއްޖެއިން ބޭއްވި ބައްދަލުވުމުގެ ތެރެއިން: އިމިގްރޭޝަން މަރުހަލާ ލުއިކޮށްދޭ މައްކާ ރޫޓު ރާއްޖެއަށް ދާއިމީކުރުމަށް ސަޢުދީ އަރަބިއްޔާގެ ސަރުކާރުން ނިންމައިފި ---ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން، ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓްގައި ތިބެ ނިންމެއެވެ. ނަތީޖާއަކީ ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ހޮޓަލަށް ދެވުމެވެ. ހައްޖުވެރިންގެ ލަގެޖްތައް ވެސް ލިބޭނީ ސީދާ ހޮޓަލަށެވެ. އެއާޕޯޓުން ހޮޓަލަށް ދިއުމުގެ ކަންކަން ވެސް ފަސޭހަވާނެއެވެ.
މިދިޔަ ހައްޖުގައި ރާއްޖެއަށް މައްކާ ރޫޓްގެ ފަސޭހަތައް ލިބުނެވެ. އެ ތަޖުރިބާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ދިވެހި ސަރުކާރުގެ މުއައްސަސާތަކާއި އެއާޕޯޓާއި ކަަަސްޓަމްސްއާއި އިމިގްރޭޝާނާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންއާއި އޭވިއޭޝަން ސެކިއުރިޓީއާއި ރައްޔިތުން، ދެއްވި އެއްބާރުލެއްވުމާއި މުހިންމުކަން ސައުދީ ސަރުކާރުން ފާހަގަކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީގައި ހިމެނޭ ސައުދީގެ ހައްޖު މިނިސްޓްރީއާއި ފޮރިން މިނިސްޓްރީއާއި އޭވިއޭޝަނާއި އިމިގްރޭޝަނާއި ދާޚިލީ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. ދާއިމީ ގޮތެއްގައި މައްކާ ރޫޓް ރާއްޖެއަށް ހަމަޖެހުމަކީ ހައްޖުގެ އަޅުކަމުގެ ދަތުރު ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ފަސޭހަވާނެ ކަމެއް ކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ.
މައްކާ ރޫޓްގައި ރާއްޖެ ހިމަނައިދިނުމަށް ސައުދީ ސަރުކާރު އަރިހުގައި އިސްލާމިކް މިނިސްޓްރީން ރަސްމީކޮށް އެދިފައިވަނީ މި އަހަރުގެ މާރިޗު މަހުގަވެ. އެއީ މިކަމާ ގުޅޭ ގޮތުން ސަޢޫދީ އަރަބިއްޔާގެ ޙައްޖު މިނިސްޓްރީއާއެކު ކުރި ގިނަ މަޝްވަރާތަކަށް ފަހުގައެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން އެ ގައުމުގެ ޙައްޖު މިނިސްޓްރީއާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ އިނީޝިއޭޓިވް އެކެވެ.