މަސްތުގެ ހާލަތުގައިހުރެ، މަންމައަކު ފިރިހެން ދަރިފުޅަށް ޖިންސީ އަނިޔާ ދިން ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންގެ މުއައްސަސާއަށް ހުށަހެޅުމުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ އެ މުއައްސަސާއަށް މި ހާދިސާ ރިޕޯޓުކޮށްފައިވަނީ އޮކްޓޫބަރު 28 ގައި ކަމަށެވެ. މިއީ މާލެ ސަރަަހައްދުން ރިޕޯޓުކުރި ހާދިސާއެއް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން މައުލޫމާތުދިން ގޮތުގައި މި ހާދިސާގައި އަނިޔާ ވީ ކުޑަކުއްޖަކަށެވެ.

ފުލުހުން ބުނީ ކުއްޖާގެ މަންމަގެ ފަރާތުން އެ ކުއްޖާއަށް ޖިސްމާނީ އަނިޔާ ލިބިފައިވާ ކަމަށް ސޯޝަލް މިނިސްޓްރީން ތުހުމަތުކޮށްފައިވާ ކަމަށެވެ. އަދި އެ މަންމަ ކުއްޖާއަށް ޖިންސީ އަނިޔާދީފައިވަނީ ބަނގުރާ ބޮއެގެން ހުރެ ކަމަށް ތުހުމަތުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ އުމުރުން 50 އަހަރުގެ އަންހެންމީހާ އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުުހުން ބުންޏެވެ. ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކުރި ކަމަށެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

ރާއްޖެއަކީ ޒަމާނުއްސުރެ ވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ގިނަ ގައުމެކެވެ. އެގޮތުން އެފަދަ މައްސަލަތައް އެންމެ ގިނައިން ފެންމަތިވަނީ އާއިލާގެ ތެރެއިން ނުވަތަ ގާތް މީހުންގެ ފަރާތުން ކަމަށްވާއިރު، އެފަދަ ކުށް ކުރާ މިންވަރާ އަޅައިބަލާއިރު ރިޕޯޓު ކުރުން މަދެވެ.