ސަރުކާރުން ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް ޓަކައި އިންޓްރެސްޓާއެކު ފަހުން ދޭ ގޮތަށް ފައިސާ ހޯދުމަށް، ތިން ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން އިއުލާންކޮށް، 2.37 ބިލިއަން ރުފިޔާގެ ބޮންޑު ވިއްކަން ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ، ހަތަރު ޓީބިލެއް ވިއްކަން އިއުލާން ކޮށްފައެވެ. އެ ހުރިހާ ޓީބިލަކަށް ވެސް އަންނަ ހޯމަ ދުވަހު ފައިސާ ދައްކަން ޖެހޭ ކަމަށް އިއުލާނުގައިވެއެވެ.

އޭގެ ތެރޭގައި ހިމެނޭ ބިލުތަކުގެ އަދަދާއި އިންޓްރެސްޓް ރޭޓަކީ:

  • 1.005 ބިލިއަން ރުފިޔާ - 3.5 ޕަސެންޓް، އަނބުރާ ދެއްކުން 28 ދުވަހުން

  • 50 މިލިއަން ރުފިޔާ - 3.87 ޕަސެންޓް، އަނބުރާ ދެއްކުން 98 ދުވަހުން
  • 989 މިލިއަން ރުފިޔާ - 4.23 ޕަސެންޓް، އަނބުރާ ދެއްކުން 182 ދުވަހުން
  • 907 މިލިއަން ރުފިޔާ - 4.6 ޕަސެންޓް، އަނބުރާ ދެއްކުން 364 ދުވަހުން

އެއީ ޖުމްލަ 2.59 ބިލިއަން ރުފިޔާގެ ޓީބިލެވެ.

އާންމު ގޮތެއްގައި، ސަރުކާރުން ވިއްކާ ޓީބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބޭންކުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ.

ޕެންޝަން އޮފީސް: ސްޓޮކް މާކެޓުގައި ޖެހި ބޮންޑުތަކަކީ ޕެންޝަން އޮފީހުން މީގެ ކުރިން ގަނެފައިވާ ބޮންޑުތަކެއް --

ޓީބިލްތައް ވިއްކަން އިއުލާން ކުރުމުގެ އިތުރަށް، ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ، ސަރުކާރުން ކުރިން ވިއްކައިފައިވާ ހަ ޓްރެޝަރީ ބޮންޑެއް ސްޓޮކް މާކެޓުގައި ލިސްޓުކޮށްފައެވެ. ދައުލަތުގެ ދަރަންޏަށް ޚާއްސަކޮށްފައިވާ، މިނިސްޓްރީގެ ޑިޕާޓްމެންޓުން ސެކަންޑަރީ މާކެޓުގައި ވިއްކަން ލިސްޓުކުރި ހަ ބޮންޑަކީ ވެސް، ޕެންޝަން އޮފީހުން މީގެ ކުރިން ގަނެފައިވާ ބޮންޑުތަކެވެ.

ޕެންޝަން ފަންޑުން ސަރުކާރުގެ ބޮންޑުތަކަށާއި ޓީބިލަށް ބޮޑަށް ބަރޯސާވުމަކީ ބައެއް ވިޔަފާރިވެރިންގެ ކަންބޮޑުވުމެކެވެ. އެއީ ސަރުކާރުގެ ބޮންޑާއި ޓީބިލުން ރިޓާންގެ ގޮތުގައި ކޮންޓިބިއުޓާސްއަށް ލިބޭ އެއްޗެއް ކުޑަވުމުގެ ސަބަބުންނެވެ. އޭގެ ބަދަލުގައި އަމިއްލަ ވިޔަފާރި މާކެޓަށް އެ ފައިނޭންސް ދޫކުރާނަމަ ޕެންޝަން ފަންޑަށް ފައިސާ ލާ މީހުންނަށް މާ ބޮޑު ރިޓާންއެއް ލިބޭނެ ކަމަށް ބައެއް ވިޔަފާރިވެރިން ދެކެއެވެ.

އޭގެ ތެރޭގައި ހިމެނޭ ބޮންޑުތަކުގެ އަގާއި ސަރުކާރުން އަނބުރާ ފައިސާ ދައްކަން ޖެހޭ މުއްދަތަކީ:

  • 550 މިލިއަން ރުފިޔާ - 17 އޮކްޓޫބަރު 2032

  • 503 މިލިއަން ރުފިޔާ - 16 މެއި 2033
  • 309 މިލިއަން ރުފިޔާ - 14 އޮގަސްޓު 2033
  • 300 މިލިއަން ރުފިޔާ - 14 އޭޕްރިލް 2029
  • 459 މިލިއަން ރުފިޔާ - 14 ޑިސެންބަރު 2027
  • 250 މިލިއަން ރުފިޔާ - 25 ނޮވެންބަރު 2029

އެއީ ޖުމްލަ 2.37 ބިލިއަން ރުފިޔާގެ ބޮންޑެވެ.

ސަރުކާރުން މި ފައިސާގެ މުއާމަލާތުތައް އިއުލާންކޮށްފައިވަނީ، ދައުލަތުން ވިޔަފާރިތަކަށް ފައިސާ ދެއްކުމަށް 2.5 ބިލިއަން ރުފިޔާ ޗާޕު ކުރަން އުޅޭ ކަމަށް އިދިކޮޅުން ތުހުމަތު ކުރަމުން ދަނިކޮށެވެ. އެގޮތުން، ޕެންޝަން އޮފީހުގެ ބޮންޑުތައް ގަންނާނީ އެމްއެމްއޭއިން ކަމަށާއި، އެ މުއާމަލާތުން ލިބޭ ފައިސާއިން ޕެންޝަން އޮފީހުން އިންވެސްޓުކޮށް ސަރުކާރަށް ފައިސާ ދޭނެ ކަމަށް ވަނީ ހާމަވެފައެވެ.

އެ މުއާމަލާތާ މެދު ނުރުހުން ފާޅުކޮށް، ޕެންޝަން އޮފީހުގެ ބޯޑުން އަހުމަދު ސަރުވަޝް އާދަމް ވަނީ މިދިޔަ މަހުގެ 22ގައި އިސްތިއުފާ ދެއްވައިފައެވެ. އޭނާ ވެސް ވަނީ، އެ ބޮންޑުގެ މުއާމަލާތުގެ ނަތީޖާއަކީ ފައިސާ ޗާޕު ކުރުން ކަމަށް ވިދާޅުވެފައެވެ.

އޭގެ ފަހުން، ސީދާ ސަބަބެއް ވިދާޅުނުވެ، ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ.

އެ ތުހުމަތުތައް ފެންމަތިވިއިރު، މިދިޔަ މަހުގެ ދެވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، ފަސް ހަފުތާ ތެރޭ، ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ނުދައްކާ ހުރި ފައިސާ ދައްކައި، ޚަލާސްކުރާނެ ކަމަށް ވިދާޅުވެފައެވެ. އޭގެ ފަހުން ރައީސް ވަނީ، އެ ވިޔަފާރިތަކަށް ދައްކަން ޖެހެނީ 2.3 ބިލިއަން ރުފިޔާކަން ވެސް ހާމަކުރައްވައިފައެވެ.

ރައީސް ވިދާޅުވި މުއްދަތު ހަމަވާން ކައިރިވެފައިވަނިކޮށް އެ މަނިކުފާނާއި ފިނޭންސް މިނިސްޓްރީން ވަނީ ވިޔަފާރިތަކަށް ފައިސާ ދޫކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

މި ސަރުކާރުން އަދިވެސް އަންނަނީ، ރައީސް ފައިސާ ޗާޕު ނުކުރުމަށް ވެވަޑައިގެންފައިވާ ވައުދުފުޅާ ޚިލާފުނުވާ ކަމަށް ބުނަމުންނެވެ.