11 Nov 2025, 15:16
އެގާރަ ހާހަށްވުރެ ބޮޑު އާބާދީއެއް އޮތް ފުވައްމުލައް ސިޓީގެ ފެން ސަޕްލައި ނެޓްވޯކް ތަޣައްޔަރުވެ، ފެނުގެ ޚިދުމަތް ހުއްޓިފައި އޮތްއިރު، މިހާރު ނެޓްވޯކް ސާފުކޮށްފައިވާކަމަށާއި، ހައެއްކަ ގަޑިއިރު ތެރޭ މައްސަލަ ހައްލުވާނެ ކަމަށް ސަރުކާރުން މިއަދު ވިދާޅުވެއްޖެއެވެ.
އެ ސިޓީއަށް ފެނުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކައިން އެންމެ ފުރަތަމަ އިއްޔެ ނެރުނުކަމަށް ސޯޝަލް މީޑިއާގައި ދައުރުވާ ނޯޓިސްއެއްގައި ވަނީ، ފެން ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މެއިން ޑިސްޓްރިބިއުޝަން ލައިނެއްގައި ލީކެއް އުޅޭތީ އިއްޔެ މެންދުރު 13:00އަށް 18:00އަށް މުޅި ރަށުން ފެނުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށެވެ.
އޭގެފަހުން ފެނަކައިން ނެރުނު ކަމަށް ސޯޝަލް މީޑިއާގައި ދައުރުވާ އިތުރު ނޯޓިސްއެއްގައި ވަނީ، ފެނުގެ ނެޓުވޯކު ސާފުކުރުމަށް ޓަކައި، ފެނުގެ ނެޓްވޯކަށް ކްލޮރިން އަޅަމުންދާ ކަމަށެވެ.
ފެން ނުލިބި ލަސްވެ ރައްޔިތުންނަށް ދަތިތައް ދިމާވަމުން އަންނައިރު އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ގޮސްފައި އޮތް ހިސާބުގެ ތަފްސީލް ދެއްވަމުން ހީނާ ވިދާޅުވީ، ފުވައްމުލަކުގެ ފެން ސަޕްލައި ތަޣައްޔަރުވުމާ ގުޅިގެން ފެނަކައިގެ ފަރާތުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިތީ (އެމްއެފްޑީއޭ)އާއި ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ)ގެ އިރުޝާދާއެކު މުޅި ޕައިޕްލައިން ސްޓެންޑަޑާ އެއްގޮތަށް ޑިސްއިންފެކްޓްކޮށްފައިވާ ކަމަށެވެ. އަދި ފެން ރައްކާކުރާ ތާނގިތައް ސާފުކޮށް، ފްލަޝްކޮށް، ފެން އުފެއްދުމުގެ މަސައްކަތް އަލުން ފަށައިފައިވާކަމަށް ވިދާޅުވިއެވެ.
"ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ފުވައްމުލައް ސިޓީއަށް ކުރިއެކޭ އެއްފަދައިން ފެން ދޫކުރަން ފަށާނެ،" ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ ފުވައްމުލަކަށް ފެން ފޯރުކޮށްދިނުމަށް ކަނޑާއި ވައިގެ މަގުން ސިފައިން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން މިހާތަނަށް ފަސް ލީޓަރުގެ 500 ކޭސް ފެނާއި، 1.5 ލިޓަރުގެ 1300 ކޭސް ފެނާއި، 500 މިލިލިޓަރުގެ 1000 ކޭސް ފެން ވައިގެ މަގުން ފުވައްމުލަކަށް ގެންދެވިފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.
މިހާތަނަށް 1200 ކޭސް ފެން ރައްޔިތުންނަށް ފޯރުކޮށްދީފައިވާ ކަމަށާއި އިތުރު ބޯފެން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ މި މައްސަލަ ވީ އެންމެ އަވަހަކަށް ހައްލުކުރަން ކަމާބެހޭ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ކުއްލިއަކަށް މިފަދަ ބޮޑު މައްސަލައެއް ދިމާވެފައިވާއިރު ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމާއި ނުރުހުން ވެސް އަންނަނީ ސަރުކާރަށް އަމާޒުވަމުންނެވެ.