11 Nov 2025, 15:38
ރޯވީ ހުޅުމާލެ ފަޅުތެރޭގައި އޮތް ތެޔޮ ބޯޓެއްގައި ކަމަށާއި، މި ހާދިސާގައި އެކަކުގެ އަތްތިލަ ފިހިފައިވާ ކަމަށް، ފުލުހުން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފަޅުތެރޭގައި އޮތް އުޅަނދަކުން ކަޅު ދުން އަރާ މަންޒަރު ފެނެއެވެ.
އެމްއެންޑީއެފުން އޭރު ބުނީ ހުޅުމާލެ ފަޅުތެރޭގައި އޮތް އުޅަނދެއްގައި އަލިފާން ރޯވެގެން، އަލިފާން ނިއްވުމުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔުގެ ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަޔާފައިޓަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މި ހާދިސާ ހިނގީ މިއަދު މެންދުރު 13:00ހާއިރު ކަމަށެވެ.
ތެޔޮ ބޯޓުގައި ރޯވި އަލިފާން މިހާރު ނިއްވާލާފައިވާކަން ހާމަކޮށް ފުލުހުން ބުނީ، މި ހާދިސާގައި އެ ދޯނީގައި ހުރި ބަންގްލަދޭޝް މީހެއްގެ އަތްތިލަ ފިހިފައިވާ ކަމަށާއި، އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.