ތޫފާން ފުންގް-ވޮންގް ފިލިޕީންސްގެ ހުޅަނގު އުތުރުން ދުރަށް ގޮސްފައިވާއިރު، އެ ތޫފާންގެ ސަބަބުން އެ ގައުމުގެ 10 މީހުން މަރުވެ 1.4 މިލިއަން މީހުންގެ ގެދޮރު ގެއްލިއްޖެއެވެ.

އެ ތޫފާން ދެން ދާނީ ހުޅަނގު އުތުރުން ޓައިވާނާ ދިމާއަށް ކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.

ފުންގް-ވޮންގް ފިލިޕީންސްއަށް އަރާފައިވާއިރު، މި މަހުގެ ހަތަރު ވަނަ ދުވަހު އެ ގައުމަށް އެރި ތޫފާން ކަލްމައިގީ ގައި 232 މީހުން ވަނީ މަރުވެފައެވެ.

މި ތޫފާނުގެ ސަބަބުން ޕިލިޕީންސްއިން 10 މީހުން މަރުވެފައިވާއިރު، އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ގޮސްފައިވެއެވެ.

މެނިލާގެ އުތުރުން އޮންނަ އިސާބެލާ ޕްރޮވިންސްގެ އިލަގަން ސިޓީގައި ފެންބޮޑުވެފައިވާ ގެއެއްގެ ފުރާޅުމަތީގައި ބަޔަކު މަޑުކޮށްގެން -- ފޮޓޯ/ އޭއެފްޕީ

މަރުވި މީހުންގެ ތެރޭގައި ތިން ކުޑަ ކުއްޖަކު ހިމެނޭއިރު، އިތުރު ހަތަރު ކުއްޖަކު ޒަޚަމްވެފައިވާ ކަމަށްވެސް ފުލުހުންނާ ހަވާލާދީ ދަ އެސޯސިއޭޓެޑް ޕްރެސް ނޫސް އެޖެންސީއިން ރިޕޯޓުކޮށްފައިވެއެވެ. ތޫފާނުގެ ސަބަބުން 4،100 އަށް ވުރެ ގިނަ ގެއަށް ވަނީ ގެއްލުންވެފައެވެ.

ތޫފާން އެރުމުގެ ކުރިން 1.4 މިލިއަނަށް ވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށާއި ގާތްތިމާގެ މީހުންގެ ގެތަކަށް ބަދަލުވެފައިވާއިރު، މިއަދު ގާތްގަނޑަކަށް 240،000 މީހުން ވަނީ ވަގުތީ ހިޔާތަކަށް ގެންގޮސްފައެވެ.

ތޫފާނާ ގުޅިގެން ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއާ ވަނީ ބުރާސްފަތި ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

އެއް ހަފްތާގެ ތެރޭގައި ފިލިޕީންސްއަށް ވަރުގަދަ ދެ ތޫފާން އަރާފައި މިވަނީ އދ ގެ 30 ވަނަ ކްލައިމެޓް ޗޭންގް ކޮންފަރެންސް (ކޮޕް30) ގައި ބައިވެރިވެވަޑައިގަތުމަށް ބްރެޒިލްގެ ބެލެމްއަށް ގައުމުތަކުގެ މަންދޫބުން އެއްވަމުންދާ ދަނޑިވަޅެއްގައެވެ.