އައިއެސް ހަތިޔާރު އެޅި ޖަމާއަތާ ދެކޮޅަށް މަސައްކަތްކުރުމަށް އެމެރިކާ އިސްވެ އޮވެ އޮންނަ ބައިނަލްއަގުވާމީ ކޯލިޝަންގައި ބައިވެރިވުމަށް ސީރިއާއިން ސޮއިކޮށްފިއެވެ.

އައިއެސް ބަލި ކުރުމަށް ބައިނައަގުވާމީ ފުޅާ ކޯލިޝަނެއް އުފެއްދުމަށް އެމެރިކާއިން އިއުލާނުކޮށްފައި ވަނީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހުއެވެ.

ސީރިއާގެ އިންފޮމޭޝަން މިނިސްޓަރު ހަމްޒާ އަލް މުސްތަފާއާއި އެމެރިކާގެ އޮފިޝަލުން އެކަން އިއުލާން ކުރެއްވީ ސީރިއާގެ ރައީސް އަހުމަދު އަލް ޝަރާ އެމެރިކާއަށް ވަޑައިގެންނެވިތާ މާ ގިނައިރުތަކެއް ނުވަނީހެވެ.

"މި އެއްބަސްވުމަކީ ސިޔާސީ އެއްބަސްވުމެއް. މިހާތަނަށް އައިއިރު އަސްކަރީ އެއްވެސް ބައެއް ނުހިމެނޭ އެއްބަސްވުމެއް،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ލިޔުއްވާފައިވެއެވެ.

މި އެއްބަސްވުމާއެކު މުޅި މެދުއިރުމަތިން އައިއެސްގެ އެންމެ ފަހުގެ ޖަމާއަތްތައް ނައްތާލައި، ބޭރުގެ ހަނގުރާމަވެރިން އެ ޖަމާއަތާ ގުޅުން ހުއްޓުވުމަށް މަސައްކަތްކުރާ އިއްތިހާދުގައި ހިމެނޭ 90 ވަނަ ގައުމަށް ސީރިއާ ވަނީ ވެފައެވެ.

ސީރިއާގެ ދައުލަތުގެ އަލް އިޚްބާރިއްޔާ ޓީވީން ބުނާ ގޮތުގައި ސީރިއާގެ ސަލާމަތީ ބާރުތަކުން 61 ރެއިޑް ހިންގާފައިވާއިރު، 71 މީހުން ހައްޔަރުކޮށް ގޮވާތަކެތި އަދި ހަތިޔާރު ވަނީ އަތުލައިގެންފައެވެ.

ހަމައެއާއެކު ސީރިއާއިން ވަނީ އެ ގައުމުގެ ރައީސް އަލް ޝަރާ އަވަހާރަކޮށްލުމަށް އައިއެސްއިން ރާވާފައިވާ ދެ ރޭވުމެއް ނާކާމިޔާބުކޮށްފައި ކަމަށް ވެސް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.

އުމުރުން 43 އަހަރުގެ ޝަރާ ސިރިއާގެ ރައީސްކަމާ ހަވާލުވެވަޑައިގަތީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އަލްގައިދާއާ ގުޅިފައިވާ ހަތިޔާރު އެޅި އިސްލާމިސްޓް ހަޔާތު ތަހުރީރު އަލް ޝާމް (އެޗްޓީއެސް) އިސްކޮށް އޮވެ ދިން ހަމަލާތަކުގައި، ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލުމުންނެވެ.

މި އަހަރާ ހަމައަށް ވެސް ޝަރާ ހުންނެވީ އެޗްޓީއެސް ލީޑަރުގެ ގޮތުގައެވެ. އެ ޖަމާއަތަކީ މީގެ ހަތަރު މަސް ކުރިއާ ހަމައަށް އެމެރިކާއިން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާއަތެކެވެ.

ނަމަވެސް އަލް ޝަރާ އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ޓްރަމްޕް ވަނީ އެމެރިކާ ސަރުކާރުން ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޝަރާއަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ. އަދި ޓްރެޜަރީ ޑިޕާޓްމަންޓުން ޝަރާ ޓެރަރިސްޓް ލިސްޓުން އުނިކުރީ މިދިޔަ ހަފުތާއެވެ.

ސީރިއާގެ ވަގުތީ ރައީސް ކަމަށް ވަޑައިގެންނެވި ފަހުން އަލްޝަރާ ވަނީ 13 އަހަރުގެ ހަނގުރާމައަށް ފަހު، ބޭރުގެ ތާއީދާއެކު ސީރިއާ އަލުން ބިނާކުރަން މަސައްކަތް ކުރައްވަން ފައްޓަވާފައެވެ.

ސީރިއާއާއި އެމެރިކާއާ ދެމެދު އޮންނަ ޑިޕްލޮމެޓިކް ގުޅުން 2012 ވަނަ އަހަރުން ފެށިގެން މެދުކަނޑާލާފައިވާއިރު، އެމެރިކާއިން މިހާރު ވަނީ ވޮޝިންޓަންގައި ހުންނަ ސީރިއާގެ އެމްބަސީ އަލުން ހުޅުވުމުގެ ހުއްދަ ދޭން ނިންމާފައެވެ.