11 Nov 2025, 15:54
އދ. ބޮޑުފިނޮޅުގައި އޮންނަ ބާސެލޯ މޯލްޑިވްސް ރިސޯޓުގެ ފުއްޓަރު ފަރާތާ ދިމާލުން ބޭރުގައި، ފަތުރުވެރިންތަކެއް ގޮވައިގެން އެކްސްކާޝަނަށް ދިޔަ ދެ ދޯންޏެއް ޖެހިއްޖެއެވެ.
ފުލުހުން ބުނީ އދ. ފެންފުށީގެ ހުޅަނގު އުތުރަށް ވާ ގޮތަށް އޮންނަ ބާސެލޯ މޯލްޑިވްސް ރިސޯޓު ކައިރިން އެކްސިޑެންޓެއް ހިނގީ އެކްސްކާޝަނަށް ގޮސް އުޅުނު ދެ ދޯންޏެއް ޖެހިގެން ކަމަށެވެ.
މި ހާދިސާ ހިނގިކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 12:30 ހާއިރު ކަމަށް، ފުލުހުން ބުންޏެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވި ނަމަވެސް، އެކްސިޑެންޓުވި ދެ ދޯނީގެ ތެރެއިން އެއް ދޯނި އަޑިއަށް ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ދެވަނަ ދޯނީގެ ޑެކަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެ ދެ ދޯނީގައި ތިބީ ކިތައް ފަތުރުވެރިންނެއް ކަމެއް ފުލުހުން ނުބުނެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.