21 Aug 2012, 16:20
ސިޔާސި އެކިއެކި ފިކުރުތަކުގެ ތެރޭގައި އެބަޔަކު ގަބޫލުކުރާ މީޑިއާއެއް ފިޔަވައި އެހެން މީޑިޔާތަކަށް ހަބަރާއި މައުލޫމާތު ހިއްސާ ނުކުރުމާއި މީޑިއާތަކަށް ހުރަސްއެޅުމުގެ ނުރަނގަޅު ސިފަތަކެއް ރާއްޖޭގައި އަށަގަންނަމުންދާތީ އެކަމާ ކަންބޮޑުވާ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފި އެވެ.
އެމްޖޭއޭ އިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރައީސް އޮފީހުން ރާއްޖެ ޓިވީ އަށް އެއްބާރުލުންނުދޭ ވާހަކައަކާއި ފުލުހުން އެ ޓީވީ އަށް އެއްބާރުލުންނުދޭން ނިންމާފައިވަނިކޮށް އެންމެ ފަހުން ރައީސް ނަޝިދު ރާއްޖެ އިން ބޭރަށް ކުރެއްވި ދަތުރުފުޅު ނިންމާލުމަށް ފަހު މާލެ ވަޑައިގެތް ރޭ އެހެން މީޑިއާތައް އެއްފަރާތްކޮށް ރާއްޖެ ޓީވީ އެއާޕޯޓަށް ގެންގޮސް އިންޓަވިއު ދެއްވާފައިވާ ކަމުގެ ޝަކުވާ އެ ޖަމިއްޔާއަށް ބައެއް މީޑިއާތަކުން ކޮށްފައިވާ ކަމަށެވެ.
އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ކަވަރުކުރުމުގައި ވެސް ރާއްޖެޓިވީ އަށް އެކަނި ފުރުސަތުދޭ ކަމުގެ މައުލޫމާތު އެ ޖަމިއްޔާ އަށް ލިބިފައިވާ ކަމަށް އެމްޖޭގެ ބަޔާނުގައިވެ އެވެ. އަދި ބުނެފައި ވަނީ އެކަންތައްތަކަކީ އެ ޖަމިއްޔާ އިން ގަބޫލްކުރާކަމެއް ނޫން ކަމަށާއި ސަރުކާރާއި އެކިއެކި މުއައްސަސާތަކާއި ސިޔާސީ ޕާޓީތަކުން ވެސް ހުރިހާ މީޑިޔާއަކަށް ހަމަހަމަ ފުރުސަތު ދިނުމަށް ގޮވާލާ ކަމަށެވެ.
"ސިޔާސީ އެކިއެކި ފިކުރުތަކުގެ ތެރޭގައި ތަފާތު އަމިއްލަ މީޑިޔާތަކުގެ ވިސްނުމާއި އެމީޑިޔާއެއްގެ "ސްޓޭންޑް" ތަފާތު ވާނެކަމީ ގަބޫލްކުރަން ޖެހޭ ހަގީގަތަކެއް ކަމުގައިވާ އިރު، މީޑިޔާއަކުން ފަތުރާ ހަބަރަކާއި ގުޅިގެން އެމީޑިޔާއެއް "ބޮއިކޮޓް" ކުރުމުގެ ވިސްނުން ގެންގުޅުމަކީ ތަހުޒީބު މުޖުތަމައުތަކުގައި ކޮށްގެންވާނެ ކަމެއް ކަމަކަށް މިޖަމިއްޔާ އިން ނުދެކެން،" އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.
އަދި ބުނެފައި ވަނީ ރާއްޖޭގައި ވެސް މީޑިއާގެ ކަންތައްތައް ބެލުމަށް ދެ މުއައްސަސާ އުފެއްދިފައިވާ އިރު މީޑިޔާތަކުން ފޮނުވާ ހަބަރުތަކާއި މައުލޫމާތުގެ ސައްހަކަން ނުވަތަ ނޫންކަން އެހުންތެރިނާއި ބެލުންތެރިނާއި ސިޔާސީ ފަރާތްތަކަށް ޔަގީން ނުކުރެވޭ ނަމަ އެކަމާ ގުޅޭ ޝަކުވާ ބެލުމަށް އުފައްދާފައިވާ މުއައްސަސާތަކުގެ ބޭނުން ހިފުމަކީ ތަހުޒީބް މުޖުތަމައުތަކުގައި ކަންކޮށް އުޅެގޮތްކަން ހަނދާންކޮށްދޭ ކަމަށެވެ.
އަދި ސިޔާސީ އެކިއެކި ފިކުރުތަކުގެ ތެރޭގައި މީޑިއާތަކުން ކުޅޭ ދައުރަކީ ޒިންމާދާރުކަމާ އެކު ހަބަރު ފެތުރުމުގެ ދައުރުކަމުގައި ވުން ކަމުގައި ދެކި މީޑިޔާތަކުން ވެސް ތެދު ހަބަރާއި މައުލޫމާތު ނޫނީ ނުފެތުރުމަށް ގޮވާލާ ކަމަށެވެ.