11 Nov 2025, 14:37
އެންމެ ދަށް ފަންތިއާއި މެދު ފަންތީގެ ވަޒީފާތައް އަދާކުރާ މީހުން ކޮރަޕްޝަންގައި ބައިވެރިވެ، އަމަލުތައް ހިންގަމުންދާ ފަދަ މޭރުމަކުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވާހަކަފުޅު ދައްކަވައިފިއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލަ ހައްލުކުރުމަށްޓަކައި މި ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށާއި، ހުރިހާ ގައުމެއްގައިވެސް ކޮރަޕްޝަން އޮތީ މޫ ލައިފައި ކަމަށެވެ.
"ހިންގުމުގެ ނިޒާމު ދެފުށް ފެންނަ ގޮތަށް ހެދުން، ޖަވާބުދާރީވެވޭ ވަރު އިތުރުކުރުން، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ކަންކަން ނައްތާލުން އެއީ ސަރުކާރު ހަރުދަނާކުރަން ނިޒާމު ހަރުދަނާކުރަން އަދުލުވެރިކުރަންޏާ ކުރަންޖެހޭ އެއް ކަމަކީ،" ރައީސް ވިދާޅުވިއެވެ.
އެގޮތުން މި ކުރެވޭ މަސައްކަތުގެ ތެރެއިން އަންނަ އަހަރަކީ ސަރުކާރުގެ ހިންގުން ހަރުދަނާކުރަން ފެށޭ އެންމެ މުހިންމު އެއް އަހަރު ކަމަށާއި އެއީ މޯލްޑިވްސް 2.0 ގެ ބޮޑު މަސައްކަތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ގިނަ ފަހަރަށް ކޮރަޕްޝަންގެ އަމަލު ހިންގެނީ، ނޫނީ ހިންގަނީ އެކަން ކުރުމުގަ ބައިވެރިވުމުގެ ފުރުސަތު އޮންނަ ފަރާތްތަކަށް، އެންމެ ދަށު ލެވެލްގެ ވަޒީފާއިން ފެށިގެން މެދުފަންތިއާ ހަމައިގަ އާންމުކޮށް އެންމެ ގިނައިން އަދި އެންމެ މަތީގަވެސް އެބަ ހިނގާ،"ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ވިދާޅުވީ ޚިދުމަތަކަށް އެދި ރައްޔިތަކު ގޮސް ބައްދަލުކުރާ މުވައްޒަފުގެ އަތުން ޚިދުމަތް ދިނުމުގައި އަމިއްލަ ފައިދާ ނެގުމުގެ ފުރުސަތު އޮންނަ މީހާ ކޮރަޕްޝަން ހިންގާލެއް ގިނަ ކަމަށާއި އެގޮތުން މަސައްކަތުގެ ހުއްދައާއި ވިސާގެ ކަންކަން އާ ކުރުން ފަދަ ކަންކަމަކީ ކޮރަޕްޝަން އެންމެ ގިނަ އެއް ކަންކަން ކަމަށެވެ.
އިމިގްރޭޝަންގެ ޚިދުމަތްތައް އިއްޔެ އެއްކޮށް ޑިޖިޓަލްކުރި ކުރުމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، ކޮރަޕްޝަނަށް ފުރުސަތު ނޯންނާނެހެން އޮޓޯ ސިސްޓަމަކުން އެ ޚިދުމަތްތައް އޮޓޯ ނިޒާމަކުން ޑިޖިޓަލައިޒްކޮށް، ޚިދުމަތްތަކުގެ އަދާހަމަ ލިބޭ ގޮތަށް ހެދުމުން ޚިދުމަތް ލިބުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ނައްތާލެވިއްޖެ ކަމަށެވެ.
"މޯލްޑިވްސް 2.0 ވެގެން ދާނީ އިރާދަކުރެއްވިއްޔާ ގަވަނަންސް ނިޒާމު، ސަރުކާރުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލުމަށް މި ސަރުކާރުން ކުރާނެ އެންމެ ބޮޑު މަސައްކަތަށް،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކަކީ އެންމެ އަވަސް، ރަނގަޅު، ކޮރަޕްޝަން ނެތް ޚިދުމަތްތަކަށް ހެދުމަށެވެ. މޯލްޑިވްސް 2.0 ގެ މަސައްކަތް ފެށީ އެ މަގުސަދުގައިކަމަށް ވިދާޅުވެ ރައީސް ވިދާޅުވިގޮތުގައި ސަރުކާރު ހިންގުން ހަރުދަނާކުރުމަކީ އަންނަ އަހަރުގެ އެންމެ ބޮޑު އެއް އަމާޒެވެ.