ނިއުދިއްލީ (11 ނޮވެންބަރު 2025) : އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި އިއްޔެ ކާރެއްގައިބޮން ގޮއްވާލި ޖަރީމާގެ ފަހަތުގައިވާ މީހުން ހޯދައި އެ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމަށް އިންޑިއާގެ ދިފާއީ ވަޒީރު ރަޖްނަތު ސިންގް ވިދާޅުވެއްޖެއެވެ.

ނިއުދިއްލީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރަޖްނަތު ސިންގް ވިދާޅުވީ އިންޑިއާގެ އަމަނާބެހޭ މައި އެޖެންސީތަކާއި އިދާރާތަކުން ގެންދަނީ މި ޖަރީމާއާބެހޭ ޝާމިލު ތަހްގީގެއް ހިންގަމުން ކަމަށެވެ.

މިއީ މިކަމާބެހޭ ވަރަށް ފުން ވަރަށް ކޮންޕްރެހެންސިވްކޮށް ހިންގާ ތަހުގީގެއް ކަމަށާއި ލަސްތަކެއް ނުވެ ތަހުގީގު ނިންމާލައި އެކަމާ ގުޅުންހުރި ހުރިހާ މީހުން, އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރާނެކަމަށް ސިންގް ވިދާޅުވިއެވެ.

ދިއްލީ ގައި އިއްޔެ ކާރުބޮން ގޮއްވާލި ސަރަަހައްދު

ނިއުދިއްލީގައި އިއްޔެ ކާރުބޮން ގޮއްވާލީ އެ ސިޓީގައިވާ ތާރީޚީ ބިނާއެއް ކަމަށްވާ ރެޑް ފޯޓްއާ ކައިރީގައެވެ. ކާރުބޮން ގޮއްވާލާފައިވަނީ އިންޑިޔާ ގަޑިން އިރުއޮއްސި ހަތެއް ޖަހަން ގާތްވެފައި ވަނިކޮށެވެ. މިއީ މެޓްރޯ ސްޓޭޝަނެއްގެ ކައިރީގައިވާ މީހުން ގިނަ ސަރަހައްދެކެވެ.

މި ޖަރީމާގައި އަށް މީހުން މަރުވެ 19 މީހުން ޒަޚަމްވެފައިވެއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ވަނީ އިންޑިއާގެ ދާޚިލީ ސަލާމަތާބެހޭ ކަންކަން ދާޚިލީ ވަޒީރު އަމިތް ޝާހް އާއެކު ވަރަށް ގާތުން ބަލަމުން ގެންދާކަމަށް ވިދާޅުވެ މަރުވި މީހުންގެ އާއިލާތަކަށް މޯދީ ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހޫލް ގާންދީ ވަނީ މިއީ ކުއްލި ސިހުމެއް ލިބިވަޑައިގެންނެވި ކަމެއްކަމަށް ވިދާޅުވެ މި ޖަރީމާ ކުށްވެރި ކުރައްވާފައެވެ. ކާރު ބޮން ގޮއްވާލުމާއެކު ހަ ވެހިކަލެއްގައި ރޯވިއެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ރެޑްފޯޓް ސަރަހައްދަކީ އިންޑިއާގެ އުތުރާއި މެދުތެރޭގެ ބޮޑު ސަރަހައްދެއްގައި މޮގޮލް ދަރިކޮޅުގެ މީހުން ގާއިމް ކުރި ރަސްކަމުގެ ނިޒާމުގައި 1648 ވަނަ އަހަރު ބިނާކުރި އިސްލާމީ ބިނާއެކެވެ.