11 Nov 2025, 16:22
އެމެރިކާ ސަރުކާރުން, ދިވެހި އަސްކަރިއްޔާއަށް ބޭނުން ހިފޭނެ އިތުރު ވަސީލަތްތަކެއް ހަދިޔާކޮށްފިއެވެ.
ހުޅުމާލޭގައި ހުންނަ އެމްއެންޑީއެފްގެ ކަލާސީނުކޮށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ތަކެތި އެމްއެންޑީއެފްއާ ހަވާލުކޮށްދެއްވީ އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހޫގޯ ޔޫ-ހޯ ޔޮންއެވެ.
އެމެރިކާއިން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ، ހަތަރު ރިބާއި، ރިބް ޝެލްޓަރެއްގެ އިތުރުން ދެ ރޭމްޕް ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އެ ތަކެއްޗަކީ އެމެރިކާގެ ފޮރިން މިލިޓަރީ ފަންޑް (އެފްއެމްއެފް)އާއި ބިލްޑިން ޕާޓްނަޝިޕް ކެޕޭސިޓީ (ބީޕީސީ) ޕްރޮގްރާމްގެ ދަށުން އެމެރިކާއިން ދޭ ގްރާންޓް އެހީއެއް ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
މި ތަކެއްޗާ އެމްއެންޑީއެފްގެ ފަރާތުން ހަވާލުވެލެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ސީނިއާ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމެރިކާއިން ރާއްޖެއަށް ބައެއް އަސްކަރީ ސާމާނުތައް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެެރެއިން---ފޮޓޯ: އެމްއެންޑީއެފް
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ވަނީ، އެމެރިކާއިން ދިވެހިރާއްޖޭގެ ދިފާއީ ދާއިރާ ހަރުދަނާކޮށް، ދިވެހި ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވައި، އެމެރިކާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ވެސް އެމްއެންޑީއެފްގެ ޚާއްސަ އޮޕަރޭޝަންތަކަށް ބޭނުންވާ ވަސީލަތްތަކެއް އެމެރިކާ ސަރުކާރުން ހަދިޔާކުރިއެވެ.
ރާއްޖޭގެ ދިފާއީ ބާރު ވަރުގަދަކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވައެވެ.