އުމުރުން ދުވަސްވުމާ ގުޅިގެން ސިއްހީ ޙާލަތު މާ ބޮޑަށް ގޯސްވެ، ހޮސްޕިޓަލުގައި އެޑުމިޓުކޮށް ފަރުވާ ދެމުން އަންނަ އިންޑިއާގެ ލެޖެންޑްރީ އެކްޓަރު ދަރުމެންދުރަ މަރުވި ކަމަށް ބުނެ ބައެއް މީޑިއާތަކުން ދޮގު ޚަބަރުތައް ފަތުރާތީ އާއިލާއިން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

މުމްބާއީގެ ބްރީޗް ކެންޑީ ހޮސްޕިޓަލުގެ އައިސީޔޫގައި ދަރޭއަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށް ވެސް ބައެއް ނޫސްތަކުން ވަނީ ބުނެފައެވެ. އިއްޔެގެ ވަގުތެއްގައި ދަރޭ ހޮސްޕިޓަލަށް ގެންދިޔައީ ހޮސްޕިޓަލުން ދޫކޮށްލިތާ މާގިނަ ދުވަހެއް ނުވެ އަނެއްކާވެސް ހާލު ގޯސްވުމާ ގުޅިގެންނެވެ.

ދަރޭ ހޮސްޕިޓަލުގައި ބޭއްވުމާ ގުޅިގެން އާއިލާގެ ގިނަ ބަޔަކު ހޮސްޕިޓަލަށް ޒިޔާރަތްކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ބައެއް ފިލްމީ ތަރިން ވެސް ވަނީ އެކްޓަރަށް ޒިޔާރަތްކޮށް އާއިލާއާ ބައްދަލުކޮށްފައެވެ.

ހަމައެއާއެކު ފިލްމީ ދާއިރާގެ ގިނަ ބަޔަކު ވަނީ ދަރުމެންދްރަގެ ހާލު ރަނގަޅު ވާނެ ކަމަށް އުއްމީދުކޮށް، ސޯޝަލް މީޑިއާގައި އިހުސާސްތައް ހިއްސާކޮށްފައެވެ.

ދަރޭ މަރުވިކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވާ ޚަބަރުތައް--ފޮޓޯ/އިންސްޓަގްރާމް

ދަރޭގެ އާއިލާއަށް ކުރިމަތިވެފައިވާ މި އުނދަގޫ ދަނޑިވަޅުގައި ވެސް ބައެއް މީޑިއާތަކުން ވަނީ އެކްޓަރު ދުނިޔެ ދޫކުރި ކަމަށް ބުނެ ޚަބަރުތައް ޝާއިއުކޮށްފައެވެ.

ބައެއް ނޫސްތަކުން އެގޮތަށް ޚަބަރު ފަތުރާފައިވާއިރު އާއިލާގެ ފަރާތުން ސަނީ ޑިއޯލް އާއި ދަރޭގެ ހަގު އަނބި އަދި ކުރީގެ ބަތަލާ ހެމާ މާލިނީ ވަނީ ދަރޭގެ ހާލަތު ބަޔާންކޮށް ބަޔާނެއް ވެސް ނެރެފައެވެ.

އޭގައި ބުނެފައިވާގޮތުން ދަރޭގެ ހާލަތު ހޮސްޕިޓަލުގެ ޓީމުން ވަރަށް ގާތުން ބަލަމުން އަންނައިރު އެކްޓަރު އަދިވެސް އޮތީ އޮބްޒަވޭޝަންގައެވެ. ދަރޭއާ އެކު އާއިލާގެ ހުރިހާ މެމްބަރުންވެސް އެބަތިބި ކަމަށާއި އެކްޓަރަށް މިވަގުތު ބޭނުންވަނީ އާއްމުންގެ ހެޔޮ ދުއާ ކަމަށް ހެމާ ވަނީ ބުނެފައެވެ.

ދަރޭގެ ދަރިފުޅު އީޝާ ޑިއޯލްގެ ބަޔާން--ފޮޓޯ/އިންސްޓަގްރާމް

ދަރޭ މަރުވިކަމަށް ބުނެ ބައެއް ނޫސްތަކުން ޚަބަރު ފަތުރަމުން އަންނާތީ ދަރިފުޅު އީޝާ ޑިއޯލް އާއި ހެމާ ވެސް ވަނީ އެކަމާ ގުޅޭގޮތުން ބަޔާން ނެރެ އެފަދަ ދޮގު ޚަބަރުތައް ފެތުރުން ހުއްޓުވުމަށް މީޑިއާތަކުގައި އެދިފައެވެ.

ކުރީގެ ބަތަލާ އީޝާ ޑިއޯލް ނެރުނު ބަޔާނުގައި ބުނެފައި ވަނީ މީޑިއާތަކުން އަވަސް އަރުވާލައިގެން ޚަބަރުތައް ފެތުރުމުގެ ކުރިން އެކަމުގެ ތެދު ދޮގު ބަލާލަންޖެހޭ ކަމަށެވެ.

އީޝާގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ދަރޭގެ ހާލު ކުރިއަށްވުރެ އަންނަނީ ރަނގަޅުވަމުންނެވެ. އާއިލާއަށް މިވަގުތު ބޭނުންވާ ޕްރައިވެސީ ކަމަށް ވެސް އީޝާއާއި ހެމާ ވަނީ އެދިފައެވެ.