11 Nov 2025, 14:06
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ރަސްމީކޮށް ރީބްރޭންޑްކޮށް, އެ ކުންފުނީގެ ނަން 'އެސްއެމްއީ ޑިޖިޓަލް'އަށް ބަދަލުކޮށްފިއެވެ.
އެސްޑީއެފްސީން ބުނީ، އެ ކުންފުނީގެ ނަން ބަދަލުކޮށްފައި ވަނީ ނިމުނު މަހުގެ 30 ވަނަ ދުވަހު ބޭއްވި ކުންފުނީގެ އާންމު ޖަލްސާގައި ކަމަށެވެ. އެ ޖަލްސާގައި އައު ނަން ފާސްކޮށް، އެމްއެމްއޭގެ ހުއްދަ ހޯދުމަށްފަހު، އިކޮނޮމިކް މިނިސްޓްރީގައި މިއަދު ރަޖިސްޓްރީ ކުރިކަމަށް އެސްޑީއެފްސީން ބުންޏެވެ.
އެސްޑީއެފްސީން ބުނީ އާ ބްރޭންޑް އައިޑެންޓިޓީއާއި އަލަށް ތައާރަފު ކުރާ ޑިޖިޓަލް ވަސީލަތްތައް، އިދާރާތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުމަށްފަހު ތަފާތު މަރުހަލާތަކެއްގެ ތެރެއިން ތައާރަފުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެސްޑީއެފްސީގެ އައު ނަމާއި ލޯގޯ
އެސްޑީއެފްސީއިން ބުނީ އެސްއެމްއީ ޑިޖިޓަލް ވާނީ ހުރިހާ ސިނާއަތެއްގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ތަފާތު އެކި ޚިދުމަތްތައް ފޯރުކޮށްދޭ ޑިޖިޓަލް ޕްލެޓްފޯމަކަށް ކަމަށެވެ. އެ ކުންފުނީގެ ޚިދުމަތްތައް ދެން ބައްޓަންވެގެންދާނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، އެ ވިޔަފާރިތަކުގެ މާލީ މުއާމަލާތްތައް ރަނގަޅަށް ބަލަހައްޓާ ކުންފުންޏަކަށް ކަމަށް އެސްޑީއެފްސީން ބުންޏެވެ.
މީގެ އިތުރުން، ވިޔަފާރީގެ ހިންގުންތެރިކަން މަތިކުރުމަށާއި، މާކެޓަށް ނުކުތުމަށް މަގުފަހިކޮށްދިނުމަށް އެ ކުންފުނިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އެސްޑީއެފްސީން ބުންޏެވެ. އެއާއެކު، ވިޔަފާރިތަކުގެ ދަތުރުގެ ކޮންމެ މަރުހަލާއަކަށް ބޭނުންވާ، އިންޓަގްރޭޓެޑް ވަސީލަތްތައް ފޯރުކޮށްދޭ މާލީ އިދާރާއަކަށް އެސްއެމްއީ ޑިޖިޓަލް ވާނެ ކަމަށް އެކުންފުނިން ބުންޏެވެ.
އެސްޑީއެފްސީއިން ބުނީ ބީއެމްއެލް އާއެކު ކުރެވޭ އިންޓެގްރޭޝަން މަސައްކަތްތަކުގެ ތެރެއިން ބީއެމްއެލްގެ މޯބައިލް ބޭންކިން އެޕާއި އޭޕީއައި އިން ގުޅުވާލައިފައިވާ ކަމަށެވެ. އަދި ބީއެމްއެލްގެ މޮބައިލް އެޕްގެ ތެރެއިން އެސްއެމްއީ ޑިޖިޓަލްގެ ފެސިލިޓީތަކަށް ފައިސާ ދެއްކޭނެގޮތްވެސް ކަސްޓަމަރުންނަށް ފަހިކޮށްދީފައިވާ ކަމަށް އެސްޑީއެފްސީ އިން ބުންޏެވެ.
ކުންފުނީގެ ރީބްރޭންޑިންއާއެކު އެސްއެމްއީ ޑިޖިޓަލްގެ މޯބައިލް އެޕް ވަރަށް އަވަހަށް ތައާރަފު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެސްޑީއެފްސީ އިން ބުންޏެވެ. އެގޮތުން، މި އެޕްގެ ތެރެއިން ކަސްޓަމަރުންގެ ޕްރޮފައިލްގެ މައުލޫމާތު އަޕްޑޭޓްކުރުމާއި ފައިނޭންސިން ފެސިލިޓީތަކުގެ މައުލޫމާތު ލިބެން ހުންނާނެ ކަމަށް އެކުންފުނިން ބުންޏެވެ.
ހަމައެއާއެކު، މުޅި ރާއްޖެއަށް ހުޅުވާލެވޭ ޑިޖިޓަލް މާކެޓްޕްލޭސްއެއް ކުރިއަށް އޮތް އަހަރު ތެރޭގައި ތައާރަފު ކުރުމަށްވެސް އެސްޑީއެފްސީއިން ނިންމާފައިވެއެވެ. މި އެޕްލިކޭޝަނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވިޔަފާރިވެރިންނާއި، ޚިދުމަތް ހޯދާ ފަރާތްތަކާއި، ވިޔަފާރީގެ ބައިވެރިން ގުޅުވައިދޭނެ މަގެއް ކަމަށް އެސްޑީއެފްސީއިން ބުންޏެވެ.
ރީބްރޭންޑިންއާއި ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ މި ރީބްރޭންޑިންއަކީ ވިޔަފާރިތަކަށް އީޖާދީ ހައްލުތަކާއި، ޒަމާނީ ޓެކްނޮލޮޖީ ފޯރުކޮށްދިނުމުގެ ފެށުމެއް ކަމަށެވެ. އަދި ހުރިހާ ފަރާތްތަކުގެ ފުރިހަމަ ބައިވެރިވުން ހިމެނޭގޮތަށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ މުޅި ނިޒާމު އަލުން ބައްޓަންކުރުމަށް ކުންފުނިން ވެފައިވާ ވައުދުގެ ފެށުމެއް ކަމަށްވެސް ބަދުރުދުއްދީން ވިދާޅުވެފައިވެއެވެ.
"މިއަދުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުން ވަނީ ހަމައެކަނި މާލީ އެހީތެރިކަމެއް ނޫން، މީގެ އިތުރުން، ވިޔަފާރި ގުޅުންތައް ބިނާކުރުމާއި، ފަންނީ މައުލޫމާތު ހޯދުމާއި، ޑިޖިޓަލް އުމްރާނީ ވަސީލަތްތަކާއި، އަދި ދެމެހެއްޓެނިވި އެހީތެރިކަން ބޭނުންވޭ. އެސްއެމްއީ ޑިޖިޓަލް މިދަނީ މި ހުރިހާ ހިދުމަތެއް ފޯރުކޮށްދިނުމަށް ތައްޔާރުވަމުން." ބަދުރުއްދީން ވިދާޅުވެފައިވެއެވެ.
އެސްއެމްއީ ޑިޖިޓަލްއަކީ ރާއްޖޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް މަގުފަހިކޮށްދޭ ކުންފުންޏެކެވެ. އަދި އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ، އިސްލާމީ ޝަރީޢާއާއި އެއްގޮތްވާގޮތަށް ގާއިމުކުރާ ފުރަތަމަ މާލީ މުއައްސަސާ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.
އެސްޑީއެފްސީގެ ނަން މިގޮތަށް ރީބްރޭންޑްކޮށްފައިވަނީ އެ ކުންފުނި ބީއެމްއެލްގެ ސަބްސިޑިއަރީއަކަށް ބަދަލުކުރި ފަހުންނެވެ. މިދިޔަ ޖުލައި މަހުގައި ސަރުކާރުން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަސް އަހަރުން 1.9 ބިލިއަން ރުފިޔާގެ ލޯނު ދޫކުރާ ގޮތަށް، އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ، ބީއެމްއެލްއަށް ވިއްކާލައިފައެވެ.