އާބާދީ ބޮޑު ފުވައްމުލަކު ސިޓީގެ ސަޕްލައި ފެން މެދުކެނޑުނު މައްސަލައިން ދައްކުވައިދެނީ ދެއްކުންތެރި ސަރުކާރެއްގެ ނާގާބިލުކަން ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

ގާތްގަނޑަކަށް 11,000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލަކަށް ފެނުގެ ޚިދުމަތް ފޯރުކޮށްދޭ, ފެނަކައިގެ ޕްލާންޓަށް ދިމާވި މައްސަލައަކާ ގުޅިގެން އިއްޔެއިން ފެށިގެން އެ ރަށަށް ފެން ލިބުމުގައި ވަނީ ދަތިތަކަކާ ކުރިމަތިވެފައެވެ. އެ ރަށު މީހުންނަށް ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.

ފެނަކައިން ނެރުނު ބަޔާނެއްގައި ވަނީ ފުވައްމުލަކުގެ ވޯޓާ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މެއިން ޑިސްޓްރިބިއުޝަން ލައިނެއްގައި ލީކެއް އުޅޭ ކަމަށެވެ.

އެއަށްފަހު އެ ކުންފުނިން ވަނީ އެ ރަށުގެ ފެނުގެ ނެޓްވޯކް ސާފު ކުރުމަށް ޓަކައި މަތީ ޑޯޒެއްގެ ކްލޮރިން އަޅަމުން އަންނަ ކަމަށާއި، އެގޮތަށް ކްލޮރިން އަޅާއިރު ފެން ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ބުނެފައެވެ.

އެ މައްސަލައާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވަނީ، ފުވައްމުލަކުގެ ސަޕްލައި ފެނުުގައި މައްސަލަތަކެއް އުޅޭކަން އެނގޭތާ އެތައް ދުވަހެއް ވީއިރުވެސް، އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާއި ފެނަކަ ނުކުޅެދިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތު މީހާގެ އަސާސީ ހައްގުތައް ރައްކާތެރި ކުރުމާއި، ޚިދުމަތް ފޯރުކޮށްދިނުމުގައި ސަރުކާރު ފެއިލް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވަނީ, މި ސަރުކާރަކީ ދެއްކުންތެރިކަން އިސްކުރާ, ނާގާބިލު ސަރުކާރެއްކަން ފަޅާއަރާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ފުވައްމުލަކާއި އެހެން އަތޮޅުތަކާއި ސިޓީތަކުގައި ވެސް ކެނޑިނޭޅި މިފަދަ މައްސަތައް އިތުރުވަމުން ފުނިޖެހެމުން ދާއިރު، ސަރުކާރުން ކުރި މަސައްކަތާ ދޭތެރޭ ޝާހިދު ސުވާލު އުފެއްދެވިއެވެ.

އެއާއެކު، އޭނާ ވަނީ ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

ފުވައްމުލަކަކީ ޓޫރިސްޓުން ވެސް ގިނަ އަދަދަކަށް ގޮސް ޗުއްޓީ ހޭދަ ކުރާ ވަރަށް ރީތި މަންޒިލެކެވެ.

'ސަން'އިން ސުވާލުކުރުމުން ފުވައްމުލަކު ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރު ޢާއިޝަތު ޢަބްދުލްޤާދިރު މިއަދު ވިދާޅުވީ، ފެނަކައިގެ ޕްލާންޓަށް ދިމާވި މައްސަލަ ހައްލު ކުރުމަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އެކަމަށް ދެ ދުވަސް ނަގާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.