ބ. ދަރަވަންދޫގައި އަލަށް ހަދާ އެއާޕޯޓުގެ ހިންގުމަށް، އައިލެންޑް އޭވިއޭޝަންއިން ހަވާލުވުމަށް ނިންމައި އެކަމާ ގުޅުން ހުރި މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ގައުމީ ވައިގެ އުދުހުންތަކުގެ ކުންފުނި، އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓާ އަބްދުލް ހާރިސް ސަން އޮންލައިނަށް މިއަދު ވިދާޅުވީ ކޯސްޓް ލައިން އިންވެސްޓްމަންޓުން ތަރައްގީކޮށް މި އަހަރުގެ ތެރޭގައި ހުޅުވާ އެ އެއާޕޯޓު ހިންގުމުގެ ހުރިހާ ކަމެއް ކުރުމަށް އެ ކުންފުނީގެ ބޯޓުން ނިންމައި އެކަމާ ގުޅުން ހުރި އެއްބަސްވުންތަކުގެ މަސައްކަތް އެ ކުންފުންޏާ އެކު ކުރިއަށްދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ބޯޑުން ބެލުމަށް ފަހުގައި މި ނިންމީ ވެސް އެތަން ނަގަން، މިއީ މި ކުންފުނިން ހަވާލުވާ ފުރަތަމަ އެއާޕޯޓް. އެގޮތުގެ މަތިން އަޅުގަނޑުމެން ސްޑަޑީތައް ހަދާފައި މި އެއާޕޯޓް މި ނެގީ ވެސް،" ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނިން ފުރަތަމަ ފަހަރަށް ހިންގަން ފަށައި އެއާޕޯޓް އޮޕަރޭޝަނަށް އަންނާނީ އަންނަ މަހުގެ ތެރޭގައި ކަމަށެވެ. އަދި ވިދާޅުވީ އެއާޕޯޓް ހިންގައިގެން އެ ކުންފުންޏަށް ރަނގަޅު ފައިދާތަކެއް ހޯދިދާނެ ކަމަށް ދިރާސާތަކުން ވެސް ދައްކާ ކަމަށެވެ.

"އެ ސަރަހައްދުގައި އަށް ރިސޯޓް އެބަ އޮތް، އަޅުގަނޑުމެން އެތަނަށް ހަމަގައިމުވެސް ދަތުރުކުރަން ޖެހޭނެ. އަޅުގަނޑުމެން އެތަން ނުނަގައިފިއްޔާމުން އެބަޖެހޭ އެހެން ހުރިހާ ފީތަކެއް ދައްކައިގެން އޮޕަރޭޓްކުރަން، އެކަމަކު އަޅުގަނޑުމެން އެތަން އޮޕަރޭޓް ކުރަން ފެށީމާ އެ ލޯޑް ކުޑަވާނެ،" ހާރިސް ވިދާޅުވި އެވެ. "ފީސިބިލިޓީ ސްޓަޑީއެއް ނެތި އަޅުގަނޑުމެން މިވަރުކަމެއް ނުކުރާނަން،"

ކޫއްޑޫ އެއާޕޯޓާ އެކު ކުންފުނީގެ މާލީ ހާލަތުވެސް އިތުރަށް ރަނގަޅުވެގެން ދާނެ ކަމަށް ވެސް ހާރިސްވިދާޅުވި އެވެ. އަދި ވިދާޅުވީ އެއީ ކުންފުނި އިތުރަށް ކުރިއަށް ދިޔުމަށް އެޅޭނެ އިތުރު ފިޔަވަޅެއް ކަމަށެވެ.

މިއަހަރުގެ ތެރޭގައި ގއ. ކޫއްޑޫގައި ހަދާ އެއާޕޯޓް ވެސް ހުޅުވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި އިތުރު ހަތް އެއާޕޯޓެއްގެ މަސައްކަތް މިހާރުވެސް ކުރެވެމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ. އެއީ ތ. ތިމަރަފުއްޓާއި ރ. އިފުރާއި އަދި ގދ. މާވަރުލުގެ އެއާޕޯޓްގެ މަސައްކަތެވެ.
ހާރިސް ވިދާޅުވީ އައިލެންޑް އޭވިއޭޝަންގެ މަގުސަދަކީ އަލަށް ހުޅުވޭ އެއާޕޯޓްތަކަށް އެ ކުންފުނީގެ ދަތުރުތައް ފެށުންކަމަށެވެ.

"ކުންފުނީގެ މަގުސަދަކީ އަލަށް ހުޅުވޭ ކޮންމެ ދިމާލަކަށްވެސް ދަތުރުތައް ފެށުން، އެގޮތުން އަޅުގަނޑުމެން މި ބަލަނީ އެ ލަނޑުދަޑިވެސް ހާސިލްވާނެ ކަމަށް،" ހާރިސް ވިދާޅުވި އެވެ.