11 Nov 2025, 12:08
ގިނަ ދުވަހު ދައުލަތަށް ޚިދުމަތްކުރެއްވި ބޭފުޅުންގެ ތެރެއިން 35 އަހަރާއި 39 އަހަރާ ދެމެދު ޚިދުމަތްކުރެއްވި 97 ބޭފުޅަކަށް ގައުމީ އިނާމު މިއަދު އަރުވައިފިއެވެ.
މިއަދު އޮތް ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި، ދައުލަތަށް އެ ބޭފުޅުން ކޮށްދެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި އެ ބޭފުޅުންނަށް ގައުމީ އިނާމު އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމުގެ ގޮތުގައި އަރުވާފައިވަނީ ޝަރަފުގެ އައްޑަނައަކާއި ބެޖަކާއި ހަނދާނީ ލިއުމެކެވެ.
މި އިނާމު ލިބުނު ބޭފުޅުންގެ ތެރޭގައި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގު ހިމެނެއެވެ.
މީގެ އިތުރުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު 33 މީހަކަށް ދީފައިވެއެވެ.
މުޅިން އަލަށް ދިވެހިބަހުން ޕީއެޗްޑީ ސަނަދު ހާސިލްކުރެއްވި ޑރ. އާމިނަތު ޒާހިރަށްވެސް މިއަދުގެ ޖަލްސާގައި އެ ޝަރަފު އަރުވާފައިވެއެވެ.
މިއީ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ހަތްވަނަ ލެވަލުން ނުވަވަނަ ލެވަލަށް އެންމެ މަތީ ސަނަދު ހާސިލްކުރި ފަރާތްތަކުގެ ތެރެއިން އެންމެ މަތީ ވަނަ ހޯދި ފަރާތްތަކަށާއި، 10ވަނަ ލެވެލްގެ ސަނަދު ހާސިލްކުރި ފަރާތްތަކަށާއި، ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް ދޭ އިނާމެވެ.