ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑިޖިޓަލް ކަންޓްރީ ޕާޓްނަޝިޕްގެ ދަށުން ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި, އީޖާދީ ބަދަލެއް ގެނައުމަށް ކެނޑިނޭޅި ކުރާ މަސައްކަތް ފާހަގަކޮށް މާސްޓަކާޑުން އެކަމުގެ އަގުވަޒަންކޮށްފިއެވެ.

ސިންގަޕޫރުގައި ބޭއްވި 'ޑިޖިޓަލް ފައިނޭންސް ލީޑަޝިޕް' އިވެންޓުގައި މި އެވޯޑް, ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފާ ހަވާލުކޮށްދެއްވީ މާސްޓަކާޑްގެ ސްރީލަންކާ އަދި ރާއްޖޭގެ ކަންޓްރީ މެނޭޖަރު ސަންދުން ހަޕުގޮޑާއެވެ.

'ޑިޖިޓަލް ކަންޓްރީ ޕާޓްނަޝިޕް' އަކީ ހޯމްލޭންޑް މިނިސްޓްރީއާއި މާސްޓަކާޑު އަދި ބީއެމްއެލްއާއެކު މިއަހަރުގެ އޮގަސްޓް މަހު ސޮއިކުރެވުނު އެއްބަސްވުމެކެވެ. މިއީ ރާއްޖެއަށް ޑިޖިޓަލް ބަދަލުތައް ގެނައުމަށާއި، އީޖާދީ ކަންކަން ކުރިއެރުވުމަށް ބީއެމްއެލްއިން ވެފައިވާ ވައުދު ފުއްދުމަށް ކުރާ މަސައްކަތްތަކުގެ ރަމްޒެއް ކަމަށް އެ ބޭންކުން ބުންޏެވެ.

މި ޕާޓްނަޝިޕްގެ ދަށުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ޒަމާނީކުރުމަށާއި، ރައްކާތެރި، އަދި ހަލުވި ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމަކީ ބީއެމްއެލްގެ އަމާޒެކެވެ. އެގޮތުން، އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި، މުޖުތަމައުތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ބީއެމްއެލްއާއި މާސްޓަކާޑް ގުޅިގެން މަސައްކަތް ކުރާ ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްލްއިން މާސްޓަކާޑުގެ ޕްރިންސިޕަލް މެންބަރަކަށްވީ 2002 ވަނަ އަހަރުގައި ކަމަށް އެބޭންކުން މައުލޫމާތުދީފައިވެއެވެ. އޭގެ ފަހުން، ފައިސާ ދެއްކުމުގެ ނިޒާމަށާއި، މާލީ ދާއިރާއަށް ބޮޑެތި ބަދަލުތައް ގެނައުމަށް ބީއެމްއެލް އާއި މާސްޓަކާޑު ގުޅިގެން ގިނަ މަޝްރޫއުތަކެއްގައި މަސައްކަތްކޮށްފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އެގޮތުން، އީޖާދީ 'ސްމާޓް ސިޓީ' ހައްލުތަކުގެ ތެރެއިން، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގައި ފައިސާ ދެއްކޭނެ ހާއްސަ އިންތިޒާމެއް ހަމަޖެއްސުން ހިމެނޭ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މާސްޓަކާޑްގެ ފަރާތުން މި އެވޯޑް ލިބުމަކީ، ސްޓްރެޓީޖިކް ޕާޓްނަޝިޕްތަކަށް ބިނާކޮށް، އީޖާދީ ޑިޖިޓަލް ހައްލުތައް ހޯދައި ރާއްޖޭގެ އިގްތިސާދާއި ޓެކްނޮލޮޖީ ކުރިއަރުވަން ބޭންކުން އަދާކުރާ އިސް ދައުރުގެ ހެއްކެެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ.