ސިއްހީ ދާއިރާއަށް ޚިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު، މޫސާ އަންވަރު (ތުއްތީދީ)އަށް މިއަދު އަރުވައިފިއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި އަންވަރަށް މި ޝަރަފު އެރުވީ، ސިއްހީ ދާއިރާގެ ކުރިއެރުމަށާއި މީހުން ތަރައްގީކުރެއްވުމަށާއި އާންމުން ހޭލުންތެރިކުރުވަން ކުރެއްވި މަސައްކަތް އަގުވަޒަންކުރުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އުމުރުން އެންމެ 16 އަހަރުގައި އިނގިރޭސިވިލާތުގެ ރޯޔަލް އެއާ ފޯސްގެ އައްޑޫ ގަމުގެ ބޭސްގައި ހުރި ރީޖަނަލް މެޑިކަލް ސެންޓަރުން މަސައްކަތް ފެއްޓެވި އަންވަރު ވަނީ ސިއްހީ ދާއިރާއިން މީހުން ތަމްރީނުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ.

އެގޮތުން 1977ވަނަ އަހަރު މާލެ ބަދަލުވެ، އެލައިޑް ހެލްތު ސާވިސަސްގެ ޕްރެކްޓިކަލް ނާސް ޓީޗަރެއްގެ ގޮތުން ނަރުހުންނާއި ކޮމިއުނިޓީ ހެލްތު ވޯކަރުންނާއި ފާމަސިސްޓުންނާއި ފޫޅުމައިންނަށް ތަމްރީނު ދެއްވާފައި ވެއެވެ.

އޭގެ ފަހުން ހެލްތު މިނިސްޓްރީގައި މަސައްކަތްކުރައްވައި، ސެންޓްރަލް ހޮސްޕިޓަލުގެ ޚިދުމަތް ސަރުކާރު ހޮސްޕިޓަލް އައިޖީއެމްއެޗަށް ބަދަލުކުރި މަރުހަލާއާއި އެކި ރަށްރަށުގެ ސިއްހީ މަރުކަޒުތައް ބިނާކުރުމުގެ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.

އަންވަރު އެންމެ ފަހުން މަސައްކަތްކުރެއްވީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގައެވެ.