ނިޝާން މުލީގެ ޝަރަފުގެ އިއްޒަތް މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙް (ދަމާސް ޞާލިޙް) އަށް މިއަދު އަރުވައިފިއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ޞާލިޙަށް މި ޝަރަފު އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ނިޝާން މުލީގެ އިއްޒަތް ޞާލިޙަށް އެރުވީ ރާއްޖޭގައި ވިޔަފާރީގެ ތަފާތު ޚިދުމަތްތައް ތައާރަފްކުރައްވައި ވިޔަފާރި ކުރިއެރުވުމަށް މަސައްކަތްކުރައްވާފައިވާތީ އާއި ފަތުުވެރިކަން ކުރިއެރުވުމަށާއި ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަން ފުޅާކުރުމަށާއި އެކި ރޮނގުރޮނގުން ހިލޭ ސާބަހަށް އަގުހުރި ޚިދުމަތް ކޮށްދެއްވާތީ އެ ޚިދުމަތްތައް އަގުވަޒަންކުރުމުގެ ގޮތުންނެވެ.

ޞާލިޙް އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ 1961އިން ފެށިގެން 15 އަހަރު ވަންދެން، އައްޑޫ ގަމުގައި އޭރު އިނގިރޭސީން ތިބިއިރު ބްރިޓިޝް އެއާ ފޯސްގައެވެ. އޭރު އުމުރުން 17 އަހަރެވެ.

އޭގެ ފަހުން 1978ވަނަ އަހަރު މާލެ ބަދަލުވެ، ކާގޯ ކްލިއަރެންސާއި ކޮންސްޓްރަކްޝަން މަސައްކަތް ކުރައްވައި، އަލްޓާފް އެންޓަޕްރައިޒަސްގެ ނަމުގައި ފަތުރުވެރިކަމުގެ ދާއިރާއަށް ވަދެވަަޑައިގަތެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހީމް މުހައްމަދު ދީދީ (ސިމްޑީ)އާ އެކު ޑިމްސް ނަމަކަށް ކިޔާ ކުންފުންޏެއް އުފައްދަވައި، ގިނަ ވިޔަފާރިތަކެއް ކުރައްވަން ފެއްޓެވިއެވެ. އަދި ފަހުން 2000ވަނަ އަހަރު ދަމާސްގެ ނަމުގައި އަމިއްލަ ކުންފުންޏެއް އުފެއްދެވުމަށް ފަހު ވިޔަފާރިކުރައްވަން ފެއްޓެވިއެވެ.

މީގެ އިތުރުން ޞާލިޙް ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި، ފަތުރުވެރިކަން ކުރިއެރުވުމަށް އުފެއްދި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ އެންމެ ފުރަތަމަ މެނޭޖިން ޑިރެކްޓަރުކަން ކުރައްވައި، ވިޔަފާރީގެ އެހެން ބޯޑުތަކުގައި 1990ގެ އަހަރުތަކުގައި މަސައްކަތްކުރައްވައިފައެވެ.

ހަމަ އެހެންމެ، 2012ވަނަ އަހަރު މެޑިކާ ހޮސްޕިޓަލުގެ ޚިދުމަތްވެސް ދޭން ފައްޓަވާފައިވެއެވެ.