އެންމެންނަށް ވެސް ހަމަހަމަކަމާއެކު ވަޒީފާއަދާކުރުމުގެ ހައްގު އޮންނާނެ ކަމަށާއި، ވަކި ކުލައަކަށް ނިސްބަތްވާތީކަމަށް ބުނެ، ވަޒީފާ ނުދިނުމަކީ ގަބޫލުކުރައްވާނެ ކަމެއް ނޫންކަމަށް އެމްޑީއޭގެ ރައީސް، އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހާ ގުޅުވައި ނެރުއްވި ޚިޠާބުގައި ސިޔާމް ވިދާޅުވީ ޖުމްހޫރީ ވެރިކަމެއްގައި ދައުލަތުގެ ވެރީންނަކީ ރައްޔިތުންގެ އަމާނާތްތަކާ ހަވާލުވެ ތިބޭ ބައެއް ކަމަށެވެ. އެހެންވެ އެ އަމާނާތްތަކަށް ވަފާތެރިވެ އިޚްލާސްތެރިކަމާއެކު ޚިދުމަތް ކުރުމަށް ގޮވައިލައްވާ ކަމަށް ވިދާޅުވިއެވެ.

ސިޔާމް ވަނީ، ރާއްޖެއަކީ ވަޒީފާގެ ހަމަހަމަ ފުރުސަތުތައް ލިބިދޭ، ދިރިއުޅުމަށް ޓަކައި މަސައްކަތްކުރުމުގެ ޙައްގު ފުރިހަމައަށް ލިބިގެންވާ ރައްޔިތަކު ދިރިއުޅޭ ގައުމަކަށް ހެދުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކުރައްވައިފައެވެ.

އަދި ވަކި ކުލައަކަށް ނިސްބަތްވާތީ ވަޒީފާ ނުލިބުމާއި، މަސައްކަތް ހޯދައި، ލިބިގަތުމުގެ ހައްގުން އެއްވެސް ރައްޔިތަކު މަހްރޫމުކުރުމަކީ ގަބޫލުކުރައްވާނެ ކަމެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ކޮރަޕްޝަން ހުއްޓުވައި، ދައުލަތުގެ މުދަލުން ވައްކަން ކުރުން ހުއްޓުވުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކުން ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ވެސް ސިޔާމް ވަނީ ގޮވައިލައްވައިފައެވެ.

ސިޔާސީ ފިކުރަށް ބަލައި، ސަރުކާރުތަކުގައި ވަޒީފާ ދިނުމުގެ ކަންބޮޑުވުމަކީ އަބަދުވެސް އޮތް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ޚާއްސަކޮށް، ވަކި ދާއިރާތަކުން ފަންނީ މީހުން ބޭނުންވާ މަގާމުތަކަށް ވެސް ސިޔާސީ ގޮތުން މީހުން އައްޔަންކޮށް، ވަކި ބަޔަކަށް މަންފާވާ ގޮތަށް އެކި ސަރުކާރުތަކުގައި އަމަލުކުރާކަމުގެ ތުހުމަތު އިސްވެރިންނަށް ކުރެއެވެ.