11 Nov 2025, 09:49
ފެނުގެ ޚިދުމަތް ކުއްލިއަކަށް މެދު ކެނޑިފައިވާ ފުވައްމުލަކު ރައްޔިތުންނަށް ބޭނުންވާ ބޯފެން އެ ރަށަށް މިހާރު ގެންގޮސްފައިވާ ކަމަށާއި ގޭބިސީތަކަށް ފެން ބެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް, ފުވައްމުލަކު ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.
ގާތްގަނޑަކަށް 11,000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލަކަށް ފެނުގެ ޚިދުމަތް ފޯރުކޮށްދޭ, ފެނަކައިގެ ޕްލާންޓަށް ދިމާވި މައްސަލައަކާ ގުޅިގެން އިއްޔެއިން ފެށިގެން އެ ރަށަށް ފެން ލިބުމުގައި ވަނީ ދަތިތަކަކާ ކުރިމަތިވެފައެވެ. ފުވައްމުލަކީ ޓޫރިސްޓުން ވެސް ގިނަ އަދަދަކަށް ގޮސް ޗުއްޓީ ހޭދަ ކުރާ ވަރަށް ރީތި މަންޒިލެކެވެ.
'ސަން'އިން ސުވާލުކުރުމުން ފުވައްމުލަކު ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރު އާއިޝަތު އަބްދުލްޤާދިރު, މިއަދު ވިދާޅުވީ، ފުވައްމުލަކަށް ސަރުކާރުންނާއި ސިފައިން ފެން ފޯރުކޮށްދީފި ކަމަށާއި، ފެން ބޭނުންވާ ގޭބިސީތަކަށް ފެން ދޫކުރުމުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށެވެ.
އަދި ފެނަކައިގެ ޕްލާންޓަށް ދިމާވި މައްސަލަ ހައްލު ކުރުމަށް މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"ހީވަނީ ދެ ދުވަސް ތެރޭ ހަމަޖެހޭނެހެން، އެއަށްވުރެ އަވަސްވެސް ވެދާނެ ކަމަށް ލަފާކުރެވޭ،" ފެނުގެ މައްސަލަ ހައްލުވާން ނަގާނެ މުއްދަތާ ގުޅޭގޮތުން ސުވާލުކުރުމުން އޭނާ ވިދާޅުވިއެވެ.
ވަޅުފެން ނުލިބޭ ގެތަކުގެ ތެރެއިން ފުވައްމުލަކުގެ ދަނޑިމަގު އަވަށުގައި ދިރިއުޅެމުންދާ މީހުން ބޭނުންކުރަމުން ދަނީ ވަސް ދޮވާ ފެނެއް ކަމަށާއި، އެ މައްސަލަ ހައްލުކުރުމަށްޓަކައި އޮކްސިޖަން ޕަމްޕު ބޭނުންކޮށްގެން ކައުންސިލުން މަސައްކަތްކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިއްޔެ ނެރުނު ބަޔާނެއްގައި، ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ، އެ ސިޓީގެ ރައްޔިތުންނަށް ދެމުން އަންނަ ފެނުގެ ޚިދުމަތަށް ދިމާވަމުންދާ މައްސަލައާ ގުޅިގެން ސަރުކާރުގެ މުއައްސަސާތަކުގެ ސަމާލުކަމަށް މިކަން ގެނެސް މައްސަލަ ހައްލުކުރުމަށްޓަކައި މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އެ ސިޓީއަށް ފެނުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކައިން އެންމެ ފުރަތަމަ އިއްޔެ ނެރުނު ކަމަށް ސޯޝަލް މީޑިއާގައި ދައުރުވާ ނޯޓިސްއެއްގައި ވަނީ، ވޯޓާ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މެއިން ޑިސްޓްރިބިއުޝަން ލައިނެއްގައި ލީކެއް އުޅޭތީ އިއްޔެ މެންދުރު 13:00އަށް 18:00އަށް މުޅި ރަށުން ފެނުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށެވެ.
އޭގެފަހުން ފެނަކައިން ނެރުނު ކަމަށް ސޯޝަލް މީޑިއާގައި ދައުރުވާ އިތުރު ނޯޓިސްއެއްގައި ވަނީ، ފެނުގެ ނެޓުވޯކު ސާފުކުރުމަށްޓަކައި، ފެނުގެ ނެޓްވޯކަށް ކްލޮރިން އަޅަމުންދާ ކަމަށެވެ.
އެހެންވެ، ފެެން ބޭނުންނުކުރުމަކީ ރައްކާތެރި ކަމަކަށް ނުވާތީ ފެން ބޭނުން ނުކުރުމަށް އެ ނޯޓިސްގައި އެދިފައިވެއެވެ.
ފެނުގެ ޚިދުމަތް މެދުކެނޑޭ ވަގުތުތަކުގައި ވޯޓާ ޕިއުރިފަޔާ ނިއްވާލުމަށް ހަނދާންކޮށްދީ، ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.