11 Nov 2025, 10:22
ރޮހިންޔާ ދަރިކޮޅަށް ނިސްބަތްވާ ގިނަ އަދަދެއްގެ މީހުން ގޮވައިގެން މިޔަންމާއިން ދަތުރުކުރި އުޅަނދެއް މެލޭޝިޔާއާއި ތައިލޭންޑުން ހިއްސާކުރާ ސަރަހައްދީ ރޮނގު ކައިރިއަށް އަޑިއަށް ދިޔަ ހާދިސާގައި މިހާތަނަށް 13 މީހުން ސަލާމަތްކޮށްފައިވާ ކަމަށް މެލޭޝިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
އެ ހާދިސާގައި މިހާތަނަށް 13 މީހުން މަރުވެފައިވާ ކަމަށް ވެސް ފުލުހުން ކަށަވަރުކޮށްދީފައިވާ ނޫސްތަކުން ބުނެއެވެ.
މެލޭޝިޔާގެ ދައުލަތުގެ ނޫސް އެޖެންސީ ބާނާމާއިން ބުނި ގޮތުގައި މެލޭޝިޔާގެ ކަމާބެހޭ ފަރާތްތަކުން ހަތް ހަށިގަނޑު ހޯދާފައިވާއިރު، ތައިލެންޑްގެ އޮފިޝަލުންނަށް އިތުރު ހަ ހަށިގަނޑު ވަނީ ފެނިފައެވެ.
"މީހުން ހޯދަމުންދާ ސަރަހައްދުގައި ކަނޑުގެ އޮއި ހުންނަ ގޮތުން އެމީހުން މެލޭޝިއާގެ ކަނޑުގެ ސަރަހައްދާ ދިމާއަށް ދަތުރުކުރަމުންދާ ކަމަށް ދައްކާތީ، އަޅުގަނޑުމެން އުންމީދު ކުރަނީ މިއަދު އިތުރު މީހުން ހޯދިދާން ކަމަށް," މެލޭޝިޔާގެ ކަނޑުދަތުރުފަތުރާ ބެހޭ އިދާރާގެ އިސްވެރިޔާ، ރޮމްލީ މުސްތަފާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މީހުން ހޯދާ ސަލާމަތްކުރުމުގެ އޮޕަރޭޝަން ފުޅާކޮށް 250 އަކަމީޓަރަށްވުރެ ބޮޑު ސަރަހައްދެއް ކަވަރުކޮށްފައިވާ ކަމަށެވެ.
މުސްތަފާ ވިދާޅުވީ 300 މީހުން ގޮވައިގެން އެ ބޯޓު މިޔަންމާގެ ރަޚާއިން ސްޓޭޓުން ފުރާފައި ވަނީ މީގެ ތިން ދުވަސް ކުރިން ކަމަށެވެ. ހާދިސާގައި ކަނޑު މައްޗަށް ގެއްލުނު މީހުން ހޯދުމަށް މެލޭޝިޔާގެ ލަންކާވީ ކައިރިން ކަނޑުގެ ސަރަހައްދެއް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިޔަންމާގެ ސްޓޭޓެއް ކަމަށްވާ ރަޚާއިން ސްޓޭޓުގައި ހަމަނުޖެހުންތަކާއި ތަޅާފޮޅުންތައް ހިނގައި، ބަނޑުހައިހޫނުކަމާއި ފަގީރުކަން ފެތުރެމުންދާތާ އެތައް އަހަރެއް ވަނީ ވެފައެވެ. އެ ސްޓޭޓުގައި އަނިޔާވެރިކަން އެންމެ ބޮޑަށް ތަހައްމަލުކުރާ އެއް ބަޔަކީ ރޮހިންޔާ މުސްލިމުންނެވެ.
ދެހާސް ސަތާރަ ވަނަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން މިޔަންމާގެ ސަރުކާރުން ދަނީ ރޮހިންޔާ މުސްލިމުން ނައްތައިލުމަށް މަސައްކަތް ކުރަމުންނެވެ. އަނިޔާގެ ސަބަބުން އަމިއްލަ ވަޒަން ދޫކޮށް ދިޔުމަށް މަޖުބޫރުވެ، 1.3 މިލިޔަނަށްވުރެ ގިނަ ރޮހިންޔާ ރެފިޔުޖީން ބަންގްލަދޭޝްގެ ކޭމްޕުތަކުގައި ވެސް ދިރިއުޅެއެވެ.