11 Nov 2025, 09:29
ދިއްލީގެ ރެޑް ފޯޓް ކައިރީގައި ރޭ ހިނގި ހާދިސާގައި އެއްޗެއް ގޮވި ހިއުންޑާއި އައި20 ކާރުގެ ވެރިޔާއަކީ ޖައްމޫ ކަޝްމީރުގެ ޕުލްވަމާއަށް ނިސްބަތްވާ މީހެއް ކަމަށް އެންޑީޓީވީން ރިޕޯޓުކޮށްފިއެވެ.
އެޗްއާރު26 ސީއީ 7674 ނަންބަރު ޕްލޭޓް ޖަހާފައިވާ އައި20 ކާރުގެ އަސްލު ވެރިޔާ މުހައްމަދު ސަލްމާން ހައްޔަރުކުރިކަން ކަށަވަރުކޮށްދިންކަން ހަރިޔާނާގެ ފުލުހުން ކަށަވަރުކޮށްދިން ނަމަވެސް އެ ކާރު ޖައްމޫ ކަޝްމީރަށް ނިސްބަތްވާ ތާރިގް ކިޔާ މީހަކަށް ވިއްކާލާފައިވާ ކަމަށް ސަލްމާން ވަނީ ބުނެފައެވެ.
ތާރިގު އެ ކާރު ތިންވަނަ ފަރާތަކަށް ވިއްކާލި ކަން ސާފެއް ނޫނެވެ.
ނަމަވެސް ކަށަވަރުވެފައިވާ ކަމަކީ އިއްޔެ އިރުއޮއްސި 6.52 ހާއިރު ލާލް ކިލާ މެޓްރޯ ސްޓޭޝަންގެ ގޭޓް-1 ކައިރީގައި ހުރި ޓްރެފިކް ސިގްނަލަކާ ކައިރިވުމުން ކާރުގެ ދުވެލި މަޑުކުރި ކަމަށާއި، ސިކުންތުކޮޅެއްގެ ތެރޭގައި ކާރުގައި އެއްޗެއް ގޮވުން ކަމަށް މަސްދަރުތަކާ ހަވާލާދީ އެންޑީޓީވީން ރިޕޯޓުކޮށްފައިވެއެވެ.
ގޮވުމުގެ ބާރުގަދަކަމުން އޮޓޯ ރިކްޝާއެއް ހިމެނޭ ގޮތަށް ގާތްގަނޑަކަށް ހަ ވެހިކަލްގައި އަލިފާން ރޯވެފައިވާއިރު، އަލިފާންގަނޑު ކޮންޓްރޯލު ކުރެވުނީ ގާތްގަނޑަކަށް 40 މިނެޓް ފަހުން ކަމަށްވެސް އެ ނޫހުގައި ބުނެފައިވެއެވެ.
އެ ހާދިސާ ހިނގާފައި ވަނީ ހަރިޔާނާގެ ފަރީދުއާބާދުގައި މީހުން ދިރިއުޅޭ ދެ އިމާރާތަކުން ގާތްގަނޑަކަށް 3،000 ކިލޯގެ ގޮވާތަކެތި ފެނި، ދިއްލީގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވަނިކޮށެވެ.
އެ ތަކެތި އަތުލައިގަތީ ހައްޔަރުކޮށްފައިވާ ޖައްމޫ ކަޝްމީރުގެ ޑޮކްޓަރު، އަދީލް ރަތަރު ދިން މައުލޫމާތުގެ މައްޗަށެވެ.
ހާދިސާ ހިނގަން މެދުވެރިވި ސަބަބު ސާފު ނޫން ކަމަށާއި ކަމަބެހޭ ގުޅޭ ފަރާތްތަކާއެކު ތަހުގީގު ފަށާފައިވާ ކަމަށް ދިއްލީ ފުލުހުން ބުނެއެވެ.
އިންޑިއާގައި މިހާތަނަށް ދިން އެންމެ ވަރުގަދަ ޓެރަރިސްޓް ހަމަލާތަކުގެ ތެރެއިން އެއް ހަމަލާ ދީފައިވަނީ ޕުލްވާމާގައެވެ. ޖަމްމު-ސްރީނަގަރު ނޭޝަނަލް ހައިވޭގައި އަސްކަރީ ކޮންވޯއީއަކަށް އަމާޒުކޮށް ފެބްރުއަރީ 14، 2019 ގައި ދިން ހަމަލާގައި، ޓެރަރިސްޓް އަދީލް އަހުމަދު ދާރާއި ސާޅީސް ސިފައިން ވަނީ މަރުވެފައެވެ. އެ ހަމަލާއަކީ މާރޫތީ އީކޯ ވޭނެއްގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެކެވެ.