11 Nov 2025, 09:07
އިންޑިއާގެ ވެރިރަށް ދިއްލީގެ ރެޑް ފޯޓް މެޓްރޯ ސްޓޭޝަން ކައިރީގައި އެއްޗެއް ގޮވައި، 10 މީހަކު މަރުވި ހާދިސާގައި މިހާތަނަށް 100 އަށްވުރެ ގިނަ ސީސީޓީވީ ފުޓޭޖް ބަލައި ފާސްކޮށްފައި ވާނެ ކަމަށް ދިއްލީ ފުލުހުން ބުނެފިއެވެ.
އޭގެތެރޭގައި އެ ސަރަހައްދާ ކައިރީގައި ހުންނަ ޓޯލް ޕްލާޒާތަކުން ނަގާފައިވާ ވީޑިއޯތައް ހިމެނޭ ކަމަށް ފުލުހުންނާ ހަވާލާދީ އޭއެންއައި އިން ރިޕޯޓުކޮށްފައިވެއެވެ.
ފުލުހުންގެ މަސްދަރުތަކާ ހަވާލާދީ އޭއެންއައި އިން ބުނީ ޝައްކު ކުރެވޭ މީހާގެ ކާރު ޕާކިން އޭރިއާއަށް ވަދެ ނުކުމެ އުޅޭ ފުޓޭޖުން ފެންނަ ގޮތުގައި ހަމަލާ ދިން ވަގުތު ޝައްކު ކުރެވޭ މީހާ އުޅުނީ އެކަނި ކަމަށެވެ.
ތަހުގީގު ކުރާ ފަރާތްތަކުން މިހާރު ދަނީ ދިއްލީގެ ދަރިޔާގަންޖާ ދިމާއަށް ވެހިކަލް ދަތުރުކުރި މަގު ޓްރެކް ކުރަމުންނެވެ.

އެ ހާދިސާ ތަހުގީގު ކުރުމަށް މިހާތަނަށް 100 ސީސީޓީވީ ފުޓޭޛް ވަނީ ބަލާފައި. ފޮޓޯ/ރޮއިޓާސް
ރޭ ހިނގި އެ ހާދިސާގައި އެއްޗެއް ގޮވައިފައިވަނީ، ރެޑް ފޯޓް މެޓްރޯ ސްޓޭޝަންގެ އެއް ވަނަ ގޭޓު ކައިރީގައި އޮތް ކާރެއްގައެވެ. އެ ހާދިސާގައި 10 މީހަކު މަރުވެ، 24 މީހަކަށް އަނިޔާވި ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
ދިއްލީގެ ފުލުހުންނާ ހަވާލާދީ ސީއެންއެންގައިވާ ގޮތުން އެ ހާދިސާގައި ނުވަ އުޅަނދެއްގައި ރޯވެފައިވެއެވެ.
އެ ހާދިސާއާ ގުޅިގެން ދިއްލީއާއި ކޮލްކަތާ އާއި ހަރިޔާނާއާއި އުއްތަރަ ޕްރަދޭޝް ވެސް އެލާޓަށް ގެނެސް، ސަލާމަތީ ކަންތައްތައް ވަރުގަދަކޮށްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައިވެއެވެ.

އެ ހާދިސާގެ ތަހުގީގު މިހާރު އަންނަނީ ކުރަމުން. ފޮޓޯ/ރޮއިޓާސް
މިއީ ޓެރަރިސްޓު ހަމަލާއެއް ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް ރަސްމީ އިދާރާއަކުން އަދި އެފަދަ ވާހަކައެއް ހާމަކޮށްފައެއްނުވެއެވެ.
ރެޑް ފޯޓް ސަރަހައްދަކީ އިންޑިއާގެ މަޝްހޫރު ލޭންޑްމާކެކެވެ. ސަތާރަ ވަނަ ގަރުނުގައި ބިނާކޮށްފައިވާ އެ ތަނަށް އިންޑިއާ މީހުންނާއި ޓޫރިސްޓުންގެ އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކު ޒިޔާރަތްކުރެއެވެ.