21 Aug 2012, 15:26
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އަތުން 1- 0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިވި ނަމަވެސް، މެޗުގެ ދެ ވަނަ ހާފުގައި ކުޅެން ނިކުތް ހޮލެންޑްގެ ފޯވަޑް ރޮބިން ވެން ޕާސީގެ ފަރާތުން އެންމެ އެދެވޭ ކަހަލަ ކުޅުމެއް ނުފެންނަ ކަމަށް ޔުނައިޓެޑްގެ ކޯޗް އެލެކްސް ފާގަސަން ބުނެފިއެވެ.
އާ ސީޒަންގައި ރޭ މިދެ ޓީމް ކުޅުނު މެޗަށް ފަހު، ފާގަޝަން ބުނީ، ލަނޑެއް ކާމިޔާބު ނުކުރެވި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލަން ޖެހުނު ކަމުގައި ވިޔަސް، ދެ ވަނަ ހާފަށް ޓީމް ނިކުތީ އުންމީދުތަކާއެކު، އިތުރު ބަދަލު ތަކަކާއެކު ކަމަށެވެ. އެގޮތުން މިސީޒަންގައި އަލަށް ގުޅުނު ފޯވާޑް ވެންޕާސީ ދެ ވަނަ ހާފުގައި ކުޅެން ނެރުނު ކަމުގައި ވިޔަސް، އުންމީދު ކުރިވަރުގެ ކުޅުމެއް އޭނަގެ ފަރާތުން ނުފެނުނު ކަމަށާއި އަދި އޭނަގެ ބޭނުން އެންމެ އެދެވޭގޮތައް ނުހިފުނު ކަމަށެވެ. މިއީ ޔުނައިޓެޑަށް ވެންޕާސީ ބަދަލުވި ފަހުން އޭނާ ކުޅުނު ފުރަތަމަ މެޗެވެ.
"އަހަރުމެންގެ ފެށުން ވަރަށް ހިތި. އެކަމަކު ލިބުނު ފުރުޞަތުގެ ބޭނުން ހިފުންނަމަ އެހެނެއް ނުވާނެ. ވެން ޕަސީގެ ފަރާތުން ފެނުނީ ވެސް އެންމެ އެދެވޭ ކަހަލަ ކުޅުމެއް ނޫން. އޭނަގެ ބޭނުމެއް ވެސް ނުހިފުނު." ފާގަޝަން ބުންޏެވެ.
މި ދެ ކްލަބް ކުޅުނު ފުރަތަމަ މެޗުން އެވަޓަން މޮޅުވީ މެޗުގެ ދެވެނަ ހާފުގެ 57 ވަނަ މިނެޓުގައި ބެލްޖިއަމްގެ ފޯވަޑް މަރުއާނޭ ފެލައިނީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭނާ އެ ލަނޑު ޔުނައިޓެޑް ކޮޅަށް ޖެހީ ބޮލުންނެވެ.