ބޮލީވުޑްގެ ގިނަ ފިލްމުތަކަށް ކޮސްޓިއުމް ތައްޔާރުކޮށްދޭ އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްހޯތުރާ ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމު "ގުސްތާކު އިޝްގް"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

ވަރަށް ރީތި އަސަރު ގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމު ބެލުންތެރިންނަށް ގެނެސްދޭ ތާރީޚަކީ މި މަހުގެ 28އެވެ.

މަނީޝްގެ އަމިއްލަ ފިލްމު ކުންފުނި ސްޓޭޖް5 ޕްރޮޑަކްޝަންގެ ފުރަތަމަ ފިލްމުގެ ލީޑް ތަރިންނަކީ ފާތިމާ ސަނާ ޝޭހް އަދި ވިޖޭ ވަރުމާއެވެ. މީގެއިތުރުން މި ފިލްމުގެ ވަރަށް މުހިއްމު ރޯލަކުން ކުރީގެ މަޝްހޫރު އެކްޓަރު ނަސީރުއްދީނު ޝާހް ފެންނާނެއެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ ބޮލީވުޑް އެކްޓަރު އަޔުޝްމާން ކުރާނާ ލީޑް ރޯލް ކުޅުނު 2015 ވަނަ އަހަރުގެ ފިލްމު "ހަވާއީޒާދާ" ގެނެސްދިން ވިބޫ ޕޫރީއެވެ.

"ގުސްތާގް އިޝްގް"ގެ މަންޒަރެއްގައި ވިޖޭ އަދި ފާތިމާ--ފޮޓޯ/ބޮލީވުޑްހަންގާމާ

ލޯބީގެ ފިލްމުތަކަށް ލޯބިކުރާ މީހުންނަށް ހާއްސަކޮށްގެން ގެނެސްދޭ "ގުސްތާގް އިޝްގް" ގެ މިއުޒިކް ތައްޔާރުކުރީ "އޯމްކާރާ" އާއި "ކަމީނޭ" އަދި "ހައިދަރު" ފަދަ ކާމިޔާބު ފިލްމުތަކުގެ ޑައިރެކްޓަރު ވިޝާލް ބަރަދްވާޖެވެ. އަދި ފިލްމުގެ ލަވަތަކުގެ ޅެން ހެދީ މަޝްހޫރު ޅެންވެރިޔާ ގުލްޒާރެވެ.

މި ފިލްމުގައި ލީޑް ތަރިންގެ ގޮތުގައި ފެންނަ ވިޖޭ އާއި ފާތިމާ އަކީ މިހާރު ލޯބިވެރިން ކަމަށް ވެސް އިންޑިއާގެ މީޑިއާތަކުން ވަނީ ބުނެފައެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ރަސްމީގޮތުން ވަކި އެއްޗެއް މިހާތަނަށް ދެ ތަރިން ބުނެފައެއް ނުވެއެވެ.

މިހާތަނަށް ވިޖޭ ގިނައިން ފެނިފައި ހުރީ އެކްޝަން ތުރިލާ ފިލްމުތަކުން ކަމަށްވެފައި މި ފިލްމުގެ ވިޖޭ ލޯބީގެ ރޯލަކުން ފެންނާތީ ބެލުންތެރިން ތިބީ ފިލްމު ރިލީޒްކުރާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ފިލްމު "ގުސްތާކް ދިލް"ގެ ޓްރެއިލާ ދައްކާލުމާ އެކު ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވަނީ މަނީޝް ފިލްމު އިންޑަސްޓްރީއާ ގުޅޭ ފުރަތަމަ ފިލްމަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކާފައެވެ.