މި މަހުގެ 21ގައި ސިނަމާތަކަށް ގެންނަން ތައްޔާރަށް އޮތް ފިލްމު "120 ބަހާދުރު"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

މި ފިލްމުގެ ޓްރެއިލާ ބެލުމަށްފަހު ގިނަ ބައެއްގެ ތައުރީފު ފިލްމުގެ ލީޑް އެކްޓަރު ފަރުހާން އަހްތަރަށާއި ޕްރޮޑިއުސަރު ރިތޭޝް ސިދުވާނީއަށް ލިބެމުން އަންނައިރު އޭގެތެރޭގައި އެކްޓަރު ރިތިކް ރޯޝަން ވެސް ހިމެނެއެވެ.

ރިތިކް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ފަރުހާން އާއި ރިތޭޝް ގުޅިގެން އުފައްދާފައިވާ "120 ބަހާދުރު" އަކީ ވަރަށް މޮޅު އެހާމެ ޖަޒުބާތީ ފިލްމެއް ކަމަށެވެ. ފިލްމުގެ ޓްރެއިލާ ބެލުމަށްފަހު ފަރުހާންއާ އެކު ރިތިކް މަސައްކަތްކުރި ފިލްމު "ލަކްޝްޔަ"ގެ ހަނދާންތައް އާވެއްޖެ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

ފިލްމު "ލަކްޝް" އުފެއްދިއިރު ވެސް ފަރުހާން އާއި ރިތޭޝް ދިޔައީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ކަމަށާއި އެކަމަށް އަދިވެސް ބަދަލެއް ނާންނަ ކަމަށް ރިތިކް ވަނީ ބުނެފައެވެ. އެކަން ފިލްމު "120 ބަހާދުރު"ގެ ޓްރެއިލާ ބަލާލުމުން ވަރަށް ރަނގަޅަށް އެނގިގެން ހިނގައްޖެ ކަމަށް ރިތިކް ވަނީ ބުނެފައެވެ.

ފިލްމު "120 ބަހާދުރު"ގެ ޕޯސްޓަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ޑައިރެކްޓަރު އަދި އެކްޓަރު ފަރުހާން އަހުތަރު ލީޑް ރޯލް ކުޅޭ "120 ބަހާދުރު" އަކީ ފަރުހާންގެ އަމިއްލަ ފިލްމު ކުންފުނި އެކްސެލް މޫވީސް އާއި ޓްރިގަ ހެޕީ ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

ޑައިރެކްޓަރު ރަޒްނީޝް ގާއީގެ މި ފިލްމަކީ 1962ވަނަ އަހަރު އިންޑިއާ އާއި ޗައިނާއާ ދެމެދު ކުރި ހަނގުރާމައިގެ ހާދިސާގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

ފަރުހާންގެ އިތުރުން ފިލްމުގެ ކާސްޓުގައި ހިމެނޭ މުހިއްމު ތަރިންގެތެރޭ ސައުތު ބަތަލާ ރާޝީ ކަންނާ އާއި ވިވިއަން ބަޓޭނާ އަދި އަންކިތު ސިވަޗް ހިމެނެއެވެ. މި ފިލްމު ސިނަމާތަކަށް ގެންނާނީ މި މަހުގެ 21ގައެވެ.