11 Nov 2025, 08:53
ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިންޑިއާގެ ލެޖެންޑް އެކްޓަރު ދަރުމެންދުރަގެ ހާލު ކުރިއަށްވުރެ ރަނގަޅު ކަމަށާއި އެކްޓަރު ވެންޓިލޭޓަރަށް ނުލާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ބައެއް މީޑިއާތަކުން ދަރޭ މަރުވިކަމަށް ބުނެ ޚަބަރު ފަތުރަމުންދާތީ އެފަދަ ޚަބަރުތައް ނުފެތުރުމަށާއި އާއިލާގެ ޕްރައިވެސީއަށް އިހުތިރާމް ކުރުމަށް ދަރޭގެ ދަރިފުޅު ސަނީ ވަނީ ގޮވާލާފައެވެ.
ސަނީގެ އިތުރުން ދަރޭގެ އަންހެނުން ހެމާ މާލިނީ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އުމުރުން 89 އަހަރުގެ އެކްޓަރުގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި އަދިވެސް އޮތީ އޮބްޒަވޭޝަންގައި ކަމަށެވެ.
މިހާތަނަށް ދަރޭއަށް އާއްމުންގެ ފަރާތުން ލިބެމުން އަންނަ ލޯތްބަށް ޝުކުރު އަދާކުރާ ކަމަށާއި ބައްޕައަށް އަވަސް ޝިފާއެއް ލިބުމަށް އެދި ދުއާކޮށް ދިނުމަށް ސަނީ ވަނީ އާއްމުންގެ ފަރާތުން އެދިފައެވެ.

ދަރޭގެ ދެ ކައިވެންޏަށް ލިބިފައިވާ ކުދިން. އޭގެތެރޭގައި ފިލްމީ ތަރިން ކަމަށްވާ ސަނީ ޑިއޯލް، ބޮބީ ޑިއޯލް އަދި އީޝާ ޑިއޯލް ހިމެނޭ--ފޮޓޯ/ހިންދުންސްތާންޓައިމްސް
އިއްޔެ ހަވީރުގެ ވަގުތެއްގައި އިތުރަށް ހާލު ގޯސްވެ ދަރޭއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު މިދިޔަ މަހުގެ ފަހުކޮޅު ވެސް އެކްޓަރު ވަނީ ހޮސްޕިޓަލުގައި ބާއްވާފައެވެ.
ދަރޭ ހޮސްޕިޓަލުގައި ބޭއްވުމާ ގުޅިގެން އާއިލާގެ މެމްބަރުންގެ އިތުރުން ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވަނީ އެކްޓަރަށް އިހުތިރާމްގެ ޒިޔާރަތްކޮށްފައެވެ. އޭގެތެރޭގައި ސަލްމާން ޚާން އަދި ޝާހްރުކް ޚާން ހިމެނެއެވެ.
އިންޑިއާގެ ކަޅާއި ހުދުގެ ސިނަމާގެ އެންމެ މަގުބޫލު އެކްޓަރުންގެތެރޭ ހިމެނޭ ދަރޭ އަކީ މިހާތަނަށް ވަރަށް ރީތި އެހާމެ ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދިން އެކްޓަރެކެވެ. ބަތަލާ ހެމާ މާލިނީއާ ކައިވެނިކޮށްގެން އުޅޭ ދަރޭ އަންނަނީ މިހާރުވެސް ބައެއް ފިލްމުތަކުގައި މަސައްކަތް ކުރަމުންނެވެ.
އޭގެތެރޭގައި މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ތޭރީ ބާތޯ މެ އޭސަ އުލްޖާ ޖިއާ" އަދި ދަރުމާއިން ގެނެސްދިން ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ހިމެނެއެވެ. ދަރޭ ދެން އެންމެ އަވަހަށް ފެންނާނީ މި މަހު ރިލީޒްކުރާ ބޮލީވުޑް ފިލްމު "އިއްކީސް"ގެ ރޯލަކުންނެވެ.
މި ފިލްމަކީ ދަރޭއާ އެކު ވަރަށް ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ އެކްޓަރު އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތިޔާ ނަންދާގެ ފުރަތަމަ ބޮޑު ސްކްރީން ފިލްމެވެ.