ސައުތު ސިނަމާގެ މަޝްހޫރު ބަތަލާ ސަމަންތާ ރުތު ޕްރަބޫ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނަމުން އަންނަ ޑައިރެކްޓަރު ރާޖް ނިދިމޯރްގެ ގުޅުން ކަށަވަރުކޮށްފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސަމަންތާ ދާދިފަހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ނިދި މޯރްއާ އެކު އަތާ އަތް ގުޅާލައިގެން ހުރި ފޮޓޯއެއް ހިމަނާފައިވާތީ މިއީ ދެ މީހުންގެ ގުޅުން އާއްމުކުރީ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ހަމައެއާއެކު ދާދިފަހުން ބޭއްވި ފިލްމީ ހަފްލާއެއްގައި ވެސް ސަމަންތާ ވަނީ ރާޖްއާ އެކު ގައިގޯޅިކޮށް ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައެވެ.

މި ފޮޓޯތައް ހިއްސާކުރަމުން ސަމަންތާ ބުނީ، ވޭތުވެދިޔަ އަހަރުން ފެށިގެން މިހާތަނަށް އާއިލާގެ މެމްބަރުންނާއި ހެޔޮއެދޭ ގާތް ރަހްމަތްތެރިންގެ ފަރާތުން ލިބެމުން އަންނަ ލޯތްބާއި އަޅާލުމުގެ ސަބަބުން ދިރިއުޅުން ވަރަށް އުފާވެރިވެފައިވާ ކަމަށެވެ.

ދިރިއުޅުމުގައި ވަރަށް ބޮޑެތި ނިންމުންތައް ނިންމައިފި ކަމަށާއި އަމިއްލަ ނަފުސަށް އޮތް އިތުބާރު ބޮޑުވެ ކުރިން ތަޖުރިބާނުކުރެވޭ ގިނަ ކަންކަން ތަޖުރިބާ ކުރެވިއްޖެ ކަމަށް ސަމަންތާ ވަނީ ބުނެފައެވެ.

ސަމަންތާ އާއި ރާޖް އެކީގައި ނަގާފައިވާ ފޮޓޯއެއް ދާދިފަހުން ބަތަލާ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައި--ފޮޓޯ/ފިލްމުފެއަ

ސަމަންތާ ސަޕޯޓަރުންނާ އެކު ހިއްސާކުރި މި ފޮޓޯތައް ބެލުމަށްފަހު ވަރަށް ގިނަ ބަޔަކު ވަނީ ސަމަންތާގެ ދިރިއުޅުމަށް އުފާވެރިކަން އައުމުން އެކަމާ އުފާކުރާ ކަމަށް ބުނެފައެވެ.

ހާއްސަކޮށް ސަމަންތާގެ ހަޔާތަށް ބައިވެރިއަކު ލިބިފައިވާ ކަމުގެ އިޝާރާތެއް ބަތަލާގެ ފަރާތުން ލިބުމުން އަބަދުވެސް އެދެނީ ސަމަންތާގެ ދިރިއުޅުމަށް އުފާވެރިކަން ވެރިވުން ކަމަށް ބަތަލާގެ ސަޕޯޓަރުން ވަނީ ބުނެފައެވެ.

ސަމަންތާ އާއި ރާޖްގެ ލޯބީގެ ގުޅުން ފެށުނީ ދެ މީހުން އެކީގައި މަސައްކަތްކުރި އެމެޒޯން ޕްރައިމްގެ މަގުބޫލު ވެބް ސީރީސް "ދަ ފެމިލީ މޭން" އަދި "ސިޓަޑެލް: ހަނީ ބަނީ"ގެ ޝޫޓިންގް ތެރެއިންނެވެ.

ރާޖް އަކީ މި ދެ ވެބް ސީރީސްގެ ވެސް ޑައިރެކްޓަރުންގެ ޓީމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެކަކެވެ.