11 Nov 2025, 08:57
މި މަހުގެ ހަތް ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކޮށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ފިލްމު "ހައްގު"ގައި ބަތަލާގެ ރޯލް ކުޅުނު ޔާމީ ގޯތަމްއަށް ގައުމީ އެވޯޑު ހައްގު މަކަށް ރިޕޯޓުތައް ބުނެފިއެވެ.
ފާޑުކިޔުންތެރިން ވެސް ވަރަށް ބޮޑަށް ތައުރީފުކޮށްފައިވާ ފިލްމު "ހައްގު"ގައި ޔާމީ ކުޅެފައި ވަނީ އެ ފިލްމުގައި ގެނެސްދޭ ވާހަކަ ބިނާކޮށްފައިވާ ޝާޒިއާ ބާނޯގެ ކެރެކްޓާއެވެ.
ފިލްމު "ހައްގު" ބެލުމަށްފަހު ސޯޝަލް މީޑިއާގައި ބެލުންތެރިންގެ ޝުއޫރުތައް ފާޅުކުރަމުން މިއީ ބަތަލާ ޔާމީ ގޯތަމްގެ ކެރިއަރުގެ އެންމެ މޮޅު އެކްޓިންއެއް ދެއްކި ފިލްމު ކަމަށް ވަނީ ބުނެފައެވެ.
މި ފިލްމު ޕްރިމިއާ ބޭއްވި ރޭ ވެސް ގިނަ ނޫސްވެރިން ބައިވެރިވިއިރު ފިލްމުގެ ޕްރީމިއާއަށްފަހު ގިނަ ބަޔަކު ވަނީ އަންނަ އަހަރުގެ ނެޝަނަލް އެވޯޑު ހަފްލާއިން ބައްދަލުވާނެ ކަމަށް ޔާމީ ގާތު ބުނެފައެވެ.

ފިލްމު "ހައްގު" ބެލުމަށްފަހު ބެލުންތެރިން ފިލްމު ރޭޓްކޮށްފައި--ފޮޓޯ/ބޮލީވުޑްހަންގާމާ
ޔާމީ މިހާތަނަށް ކުޅެފައިވާ ފިލްމުތަކުގެތެރެއިން ގިނަ ފިލްމުތަކަކީ ބެލުންތެރިންގެ ތަރުހީބު ބަތަލާއަށް ވަރަށް ބޮޑަށް ލިބި ގިނަ ބައެއްގެ ތައުރީފު ލިބުނު ފިލްމުތަކެކެވެ. އޭގެތެރޭގައި "އޯއެމްޖީ"، "އާޓިކަލް 370"، "ލޮސްޓް"، "ދާސްވީ" އަދި "ކާބިލް" ފަދަ ފިލްމުތައް ހިމެނެއެވެ.
ފިލްމު "ހައްގު"ގައި ޔާމީ ކުޅުނު ޝާޒިއާ ބާނޯގެ ކެރެކްޓާ ކުޅެވޭނީ ވަރަށް ހިތްވަރުގަދަ ކެތްތެރި އަންހެނަކަށް ކަމަށާއި އިންޑިއާގެ ތާރީޚުގައި ގިނަ ބައެއްގެ ސަމާލުކަން ކޯޓު މައްސަލަ ހިނގާދިޔަގޮތް ވަރަށް ރަނގަޅަށް އޮޅުންފިލައިފި ކަމަށް ބެލުންތެރިންގެ ތެރެއިން ގިނަ ބަޔަކު ވަނީ ބުނެފައެވެ.
ޔާމީގެ އިތުރުން އެކްޓަރު އިމްރާން ހާޝިމީ މުހިއްމު ރޯލް ކުޅުނު މި ފިލްމަކީ އިސްލާމީ ޝަރީއަތަށް ފުރައްސާރަކޮށްފައިވާ ފިލްމެއް ކަމަށް ތުހުމަތުކޮށް ފިލްމު ރިލީޒްކުރުން ހުއްޓުވައި ދިނުމަށް ވެސް ޝާޒިއާ ބާނޯގެ ވާރިސުން ވަނީ ކޯޓުގައި އެދިފައެވެ.
ނަމަވެސް އިންޑިއާގެ މަދުޔަ ޕްރަދޭޝްގެ ހައި ކޯޓުން އެ މައްސަލަ ބަލައިނުގަނެ ކޯޓުން މައްސަލަ ވަނީ ބޭރުކޮށްފައެވެ. ކޯޓުން މައްސަލަ ބޭރުކުރި ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ މީހަކު އޭނާ ދުނިޔޭގައި ހުއްޓާ ހޯދާފައިވާ ޕްރައިވެސީ ނުވަތަ އަބުރު މަރުވުމާ އެކު ނިމިގެންދާނެ ކަމަށާއި އެއީ ތަރިކަ މުދަލެއް ފަދައިން ވާރުތަ ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ.
ފިލްމު "ހައްގު" އަކީ އިންޑިއާގެ މުސްލިމު ދެމަފިރިއެއްގެ ވަރިއާ ގުޅިގެން 1985 ވަނަ އަހަރު އިންޑިއާގެ ކޯޓުގައި ހިނގި މަޝްހޫރު "ޝާހް ބާނޫ މައްސަލަ"އިގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމެކެވެ. އެ ފިލްމު އުފައްދާފައި ވަނީ އެ ހާދިސާއާ ގުޅުވައިގެން ބަދަލުތަކަކާ އެކުއެވެ.