މިދިޔަ މަހު މީރާއިން ދެ ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.

މީރާއިން ބުނީ، މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ބަލައިގަތް ފައިސާގެ އަދަދަށްވުރެ 16.7 ޕަސެންޓު އިތުރު އަދަދެއް ކަމަށެވެ. އަދި މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށްވުރެ، 1.2 ޕަސެންޓު އިތުރު އަދަދެއް ކަމަށެވެ.

މިދިޔަ މަހު ބަލައިގަތް ފައިސާ އިތުރުވީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީއާއި ގްރީން ޓެކުހުގެ ގޮތުގައި ބަލައިގަތް ފައިސާ އިތުރުވުމުން ކަމަށް މީރާއިން ބުނެއެވެ.

މިދިޔަ މަހުގައި މީރާއަށް ބަލައިގަތް ފައިސާގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 1.23 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ގިނައިން ބަލައިގަތީ ގްރީން ޓެކުހެވެ. އެއީ 172.3 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، އާމްދަނީ އިން ނަގާ ޓެކުހުގެ ގޮތުގައި 146.1 މިލިއަން ރުފިޔާ ލިބުނުއިރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 138 މިލިއަން ރުފިޔާ ވަނީ މީރާއަށް ލިބިފައެވެ.

އެއާއެކު، ޑިޕާޗާ ޓުކުހުގެ ގޮތުގައި 135.9 މިލިއަން ރުފިޔާއާއި ވޯކް ޕާމިޓް ފީގެ ގޮތުގައި 7.2 މިލިއަން ރުފިޔާ މީރާއިން ނިމުނު އޮކްޓޫބަރުގައި ވަނީ ބަލައިގެންފައެވެ. މިދިޔަ މަހުގެ އާމްދަނީގެ ތެރޭގައި 85.96 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

މީގެއިތުރުން، މިދިޔަ މަހު އަންދާޒާކުރި ވަރަށްވުރެ ބަލައިގަތް ފައިސާގެ އަދަދު އިތުރުވީ، ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީއެސްޓީއާއި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ އިތުރުން ވޯކް ޕާމިޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުން ކަމަށް މީރާއިން ފާހަގަކުރިއެވެ.

މިދިޔަ މަހު މީރާއަށް ލިބުނު ފައިސާގެ 21 ޕަސެންޓަކީ ކުރީގެ މުއްދަތުތަކަށް ޓެކްސް ދައްކާ ފަރާތްތަކުން ދައްކާފައިވާ ފައިސާއެވެ. އަދި ބަލައިގަތް ފައިސާގެ ހަތް ޕަސެންޓު ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ކަމަށާއި މިއީ ވެސް މި މުއްދަތުގައި ލިބުނު ފައިސާ އިތުރުވުމުގެ ސަބަބެއް ކަމަށް މީރާއިން ވަނީ ބުނެފައެވެ.