11 Nov 2025, 00:22
ދެ ސައިކަލު ޖެހި މިރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވީ 19 އަހަރުގެ ދިވެއްސެއް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، މި އެކްސިޑެންޓު ހިނގީ ނިކަގަސްމަގުގައި ދެ ސައިކަލު ޖެހިގެން ކަމަށެވެ.
މި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެފައިވާއިރު، މަރުވެފައި ވަނީ ލައިޓް ގާޑެން، ކ. ދިއްފުށި، އިސްމާއީލް ރަޔާން ބިން ނާޒިމް، 19އ ކުއްޖެއް ކަމަށް ފުލުހުން ބުންޏެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާގެ ބޮލަށް ވަނީ ބޮޑެތި އަނިޔާތައް ލިބިފައެވެ. އެ ހާދިސާގައި އަނިޔާވި އަނެއް ދެ މީހުންނަކީ ފިރިހެނުން ކަމަށާއި އެ މީހުންގެ ހާލު ސްޓޭބަލް ކަމަށް އެނގިފައިވެއެވެ.
މީގެ އިތުރުން، އެކްސިޑެންޓު ހިނގައިފައިވަނީ، އެއް ސައިކަލު ނިކަގަސްމަގުން ދުއްވަން ޖެހޭ ގޮތާ ޚިލާފަށް، ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް، އެ މަގަށް އެޅި އެހެން ސައިކަލެއްގައި ޖެހިގެން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މަންޒަރު ދުށް މީހަކު ސަންއަށް ކިޔައިދިން ގޮތުގައި މަރުވި ޒުވާނާ ހުރީ ސައިކަލުގައި އެކަންޏެވެ. އަދި ދެ ސައިކަލު ޖެހުމުން އޭނާ ވިއްސައިގެން ގޮސް ޖެހުނީ އަށެއްކަ ފޫޓު ދުރުގައެވެ.
މި އެކްސިޑެންޓާ ގުޅިގެން ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ދެ ސައިކަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރާ އަޅައިބަލާއިރު މި އަހަރު އެކްސިޑެންޓުތައް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 2374 އެކްސިޑެންޓު ރިޕޯޓުކޮށްފައިވާއިރު، މި އަހަރުގެ އެ މުއްދަތުގައި 2487 ޓްރެފިކް އެކްސިޑެންޓް ފުލުހަށް ރިޕޯޓުކޮށްފައިވެއެވެ. އެއީ 113 އެކްސިޑެންޓްގެ އިތުރުވުމެކެވެ.