11 Nov 2025, 00:14
އިންޑިއާގެ ދިއްލީގެ ރެޑް ފޯޓް މެޓްރޯ ސްޓޭޝަން ކައިރީގައި އެއްޗެއް ގޮވި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އިންޑިއާ ޓުޑޭގައިވާ ގޮތުން އެއްޗެއް ގޮވައިފައިވަނީ، ރެޑް ފޯޓް މެޓްރޯ ސްޓޭޝަންގެ އެއް ވަނަ ގޭޓު ކައިރީގައި އޮތްް ކާރެއްގައެވެ. އެ ހާދިސާގެ ރިޕޯޓް ދިއްލީ ފަޔާ ޑިޕާޓްމެންޓަށް ލިބުނީ އިރުއޮއްސި، 6:55ހާއިރު ކަމަށް އެ ނޫހުގައިވެއެވެ.
އިންޑިއާ ޓުޑޭއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ހާދިސާގައި 10 މީހަކު މަރުވެ، 24 މީހަކަށް އަނިޔާވިއެވެ. އަދި އެ ސަރަހައްދުގައި ހުރި އުޅަނދުތަކެއްގައި ރޯވެފައިވެއެވެ.
އިންޑިއާއަކީ ދިވެހީން ގިނަ އަދަދަކަށް ދިރިއުޅޭ އަދި ޗުއްޓީއަށާއި ސިއްހީ ފަރުވާއަށް ވެސް ގޮސް އުޅޭ ގައުމެކެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ރެޓް ފޯޓް ކައިރީ ހިނގި ހާދިސާގައި ދިވެއްސަކަށް އަނިޔާއެއް ނުވެއެވެ. އަދި އެ ސަރަހައްދުގައި ދިވެހީންގެ ގިނަ ބަޔަކު ނޫޅޭ ކަމަށް ވެސް އެނގިފައިވެއެވެ.
އެ ހާދިސާއާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ހިތާމަ ފާޅުކުރައްވައި، އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ. އަދި އިންޑިއާގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނާއެކު ދިވެހީން ސާބިތުވެ ތިބޭނެ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން އެ ހާދިސާ ތަހުގީގު ކުރުމުގެ މަސައްކަތް މިިހާރު ދަނީ ކުރަމުންނެވެ.
މީގެ އިތުރުން، ދިއްލީއާއި ކޮލްކަތާ އާއި ހަރިޔާނާއާއި އުއްތަރަ ޕްރަދޭޝް ވެސް އެލާޓަށް ގެނެސް، ސަލާމަތީ ކަންތައްތައް ވަރުގަދަކޮށްފައިވާ ކަމަށް އެ ނޫސްތަކުގައިވެއެވެ.
އިންޑިއާގެ ރަސްކަލުން ދިރިއުޅުއްވި ތާރީޚީ އިމާރާތްތައް ހުންނަ ރެޑް ފޯޓަކީ ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރާ ތަނެކެވެ.