މިމަހު 25 ވަނަ ދުވަހު ސްރީލަންކާގައި ފެށުމަށް ހަމަޖެހިފައިވާ އަށް ވަނަ އޭޝިއަން ޗެމްޕިއަންޝިޕް ނެޓްބޯލް މުބާރާތުގަޔާއި، އަންނަ ސެޕްޓެމްބަރ މަހުގެ އެއް ވަނަ ދުވަހު ސްރީލަންކާގައި ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ބީޗް ނެޓްބޯލް މުބާރާތުގައި ރާއްޖެ ތަމްސީލު ކުރާ ޤައުމީ ޓީމާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙަންމަދު ވަޙީދު އިއްޔެ ހަވީރު ބައްދަލުކުރައްވައި، އެ ޓީމަށް ހިތްވަރު ދެއްވައިފި އެވެ.

ޓީމާ ބައްދަލު ކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅުގައި، މި ދެ މުބާރާތުގައި މޮޅަށް ކުޅެ، ރާއްޖެއަށް ރަނގަޅު ކާމިޔާބީއެއް ހޯދައިދިނުމަށް ހުރިހާ ކުޅުންތެރިން ވެސް މަސައްކަތް ކުރުމަށް އެދިވަޑައިގެން ހިތްވަރު ދެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ނެޓްބޯލް އެސޯސިއޭޝަނުން ހިންގަވަމުން ގެންދަވާ އެކި ހަރަކާތްތަކާބެހޭ މަޢްލޫމާތާއި އެސޯސިއޭޝަން ހިންގުމުގައި ހުރި ބައެއް ދަތިތަކުގެ މަޢްލޫމާތު އެސޯސިއޭޝަންގެ ނައިބު ރައީސް މުޙަންމަދު ނަބީލް ރައީސަށް އެރުވި އެވެ. އަދި ސްރީލަންކާގައި މި ބާއްވާ ދެ މުބާރާތުގައި ބައިވެރިވާ ޤައުމީ ޓީމަށް ޔޫތު މިނިސްޓްރީންނާއި ސަރުކާރުން ވެދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުން އޭނާ ފާހަގަކުރެއްވި އެވެ.