10 Nov 2025, 23:55
ދެ ސައިކަލު ޖެހި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އެކަކު މަރުވެއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، މި އެކްސިޑެންޓު ހިނގީ ނިކަގަސްމަގުގައި ދެ ސައިކަލު ޖެހިގެން ކަމަށެވެ.
މި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެފައިވާއިރު، އޭގެ ތެރެއިން އެކަކު މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައިނުވެއެވެ.
މި އެކްސިޑެންޓާ ގުޅިގެން ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ދެ ސައިކަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރާ އަޅައިބަލާއިރު މި އަހަރު އެކްސިޑެންޓުތައް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 2374 އެކްސިޑެންޓު ރިޕޯޓުކޮށްފައިވާއިރު، މި އަހަރުގެ އެ މުއްދަތުގައި 2487 ޓްރެފިކް އެކްސިޑެންޓް ފުލުހަށް ރިޕޯޓުކޮށްފައިވެއެވެ. އެއީ 113 އެކްސިޑެންޓްގެ އިތުރުވުމެކެވެ.