10 Nov 2025, 23:46
ފުވައްމުލައް ސިޓީން ފެނުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑި, ފެނަށް ޖެހިއްޖެއެވެ.
އެ ސިޓީއަށް ފެނުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކައިން އެންމެ ފުރަތަމަ މިއަދު ނެރުނު ކަމަށް ސޯޝަލް މީޑިއާގައި ދައުރުވާ ނޯޓިސްއެއްގައި ވަނީ، ވޯޓާ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މެއިން ޑިސްޓްރިބިއުޝަން ލައިނެއްގައި ލީކެއް އުޅޭތީ މިއަދު މެންދުރު 13:00އަށް 18:00އަށް މުޅި ރަށުން ފެނުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށެވެ.
އޭގެފަހުން ފެނަކައިން ނެރުނު ކަމަށް ސޯޝަލް މީޑިއާގައި ދައުރުވާ އިތުރު ނޯޓިސްއެއްގައި ވަނީ، ފެނުގެ ނެޓުވޯކު ސާފުކުރުމަށްޓަކައި، ފެނުގެ ނެޓްވޯކަށް ކްލޮރިން އަޅަމުންދާ ކަމަށެވެ.

ފުވައްމުލަކުގައި ރައްޔިތުން ތަކެއް ފެން ކޭސްތަކެއް ހިފައިގެން --- ފޮޓޯ/ އަލީ ޝަރީފް
އެހެންވެ، ފެެން ބޭނުންނުކުރުމަކީ ރައްކާތެރި ކަމަކަށް ނުވާތީ ފެން ބޭނުން ނުކުރުމަށް އެ ނޯޓިސްގައި އެދިފައިވެއެވެ.
ފެނުގެ ޚިދުމަތް މެދުކެނޑޭ ވަގުތުތަކުގައި ވޯޓާ ޕިއުރިފަޔާ ނިއްވާލުމަށް ހަނދާންކޮށްދީ، ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.
މިކަމާ ގުޅިގެން, 11,000އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލައް ސިޓީގެ ކައުންސިލުން ވަނީ، ފުވައްމުލައް ފެނަކަ އޮފީހާ އެކު މިރޭ ބައްދަލުވުމެއް ބާއްވާފައެވެ.
މި މައްސަލައާ ގުޅިގެން ފުވައްމުލަކު އިރުއުތުރު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރު އަހުމަދު 'ސަން'އަށް ވިދާޅުވީ، އެ ބައްދަލުވުމުގައި މި މައްސަލަ ހައްލުކުރުމަށް ދެ ދުވަހެއް ވަރު ނަގާނެ ކަމަށް ފެނަކައިން ބުނެފައިވާ ކަމަށެވެ.
އެހާ ގިނަ ދުވަހަށް ފެނުގެ ޚިދުމަތް މެދުކެނޑޭނެތީ، ރައްޔިތުން ބޯން ބޭނުންވާ ފެން ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީ (އެންޑީއެމްއޭ)އިން ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެހެމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެއިތުރަށް، ފެނަކައިން ފޯރުކޮށްދޭ ފެނަކީ ގިނަ ކަންކަމަށް ބޭނުންކުރާ ފެނަކަށްވާތީ، ފިހާރަތަކުން ގިނަ އަދަދަކަށް ރައްޔިތުން ފެން ގަންނަމުން އަންނަ ކަމަށް ނާސިރު ވިދާޅުވިއެވެ.