މިދިޔަ ހުކުރު ދުވަހު ރާއްޖޭގެ ކަނޑުގެ ސަރަަހައްދަށް ގަވާއިދާ ޚިލާފަށް ވަދެ އުޅުމުން ހިފެހެއްޓި ސްރީލަންކާގެ ބޯޓުގައި 355 ކިލޯގެ ހެރޮއިންއާއި މެތަމްފެޓަމިން ހުރި ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

ފުލުހުން ބުނީ، "އަވިޝްކާ ޕުތާ" ނަމަކަށް ކިޔާ ބޯޓު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެފައިވަނީ އެއްވެސް ހުއްދައެއް ނެތި ގާނޫނާއި ގަވާއިދާ ޚިލާފަށް ކަމަށެވެ.

ފުލުހުން ބުނީ އެމްއެންޑީއެފްއިން މި އުޅަނދު ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ގޯނިތަކެއް ހުރިކަން ފާހަގަކުރެވިގެން، އުޅަނދާއި އުޅަނދުގައި ތިބި ފަސް ފަޅުވެރިން އިއްޔެ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

މިއަދު ކޯޓު އަމުރެއްގެ ދަށުން އެ އުޅަނދު ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 24 ގޯނި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 355.9 ކިލޯ ގްރާމް ހުރި ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ ހެރޮއިން ކަމަށް ޝައްކުކުރެވޭ 58.6 ކިލޯ ގްރާމާއި މެތަމްފެޓަމިން ކަމަށް ޝައްކުކުރެވޭ 297.3 ކިލޯ ގްރާމްގެ ތަކެތި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ސްރީލަންކާއަށް ނިސްބަތްވާ ފަސް މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 39 އަހަރާއި 42 އަހަރާއި 28 އަހަރާއި 34 އަހަރާއި 63 އަހަރުގެ ފަސް ފިރިހެނުން ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ފުލުހުން ބުނީ އެ މުއައްސަސާއާއީ އެމްއެންޑީއެފާއި، ސްރީލަންކަން ނޭވީއާއި އެ ގައުމުގެ ފުލުހުން ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.