10 Nov 2025, 22:49
މިއަދު މަޣުރިބު ނަމާދަށް ދިޔައިރު، އައްޑޫ ސިޓީ ހިތަދޫގެ މިސްކިތަކަށް ގެއްލުންދީފައި ހުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
'ސަން'އިން ސުވާލު ކުރުމުން ހިތަދޫ ކޮރޮވައު ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝިނާޒް ވިދާޅުވީ، ހާދިސާ ހިނގީ މަސްޖިދުލް ޢުމަރުލް ފާރޫގު މިސްކިތުގައި ކަމަށެވެ.
މިސްކިތަށް ގެއްލުންދީފައި ހުރިކަން އެނގުނީ މަޣުރިބު ނަމާދަށް އެ މިސްކިތުގެ މުދިމާއި މަސައްކަތު މީހުން ހަވީރު 17:30 ހާއިރު މިސްކިތަށް ދިޔުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިސްކިތަށް ދިޔައިރު، ގޮނޑިތައް އުކައި، މުޞްޙަފުތަކަށް ފެން އަޅާފައި ހުރި ކަމަށެވެ.

ގެއްލުން ދިން މިސްކިތުގެ ބޭރުގައި ފުލުހުން ކާރެއް މަޑުކޮށްލައިގެން --- ފޮޓޯ/ ޝިނާޒް
މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްގެން މައްސަލަ ބަލަމުން އަންނަކަން ޝިނާޒް ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅިގެން މިހާތަނަށް ފުލުހުން ބަހެއް ލިބިފައެއް ނުވެއެވެ.
ސޯޝަލްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން، އެ މިސްކިތުގެ ތެރޭގައި ގޮނޑިތައް އުކާފައި ހުރި މަންޒަރު ފެނެއެވެ. އަދި، ބައެއް ތަކެއްޗަށް ގެއްލުންދީފައިވާ ތަން ވެސް ފެނެއެވެ.
މީގެ ކުރިން ވެސް މިސްކިތްތަކަށް ގެއްލުން ދިން މައްސަލަތައް ފެންމަތިވެފައި އެބަހުއްޓެވެ.