11 Nov 2025, 09:18
ޓެކްނޮލޮޖީގެ ދުނިޔެއަށް އިންޤިލާބީ ބަދަލެއް ގެނައުމަށް އަމާޒުހިފައި، މައިކްރޮސޮފްޓުން އެ ކުންފުނީގެ ކޯޕަރޭޓް ކަސްޓަމަރުންނަށް ޚާއްސަކޮށްގެން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެޖެންޓުންގެ މުޅިން އާ ބާވަތެއްގެ ގޮތުގައި ޑިޖިޓަލް މުވައްޒަފުން ތަރައްޤީކުރަމުން އެބަދެއެވެ.
"އޭޖެންޓިކް ޔޫޒާސް" ގެ ނަމުން ނަންދީފައިވާ މި އޭއައި އެޖެންޓުންނަކީ ކުންފުނިތަކުގެ އެތެރޭގައި އަމިއްލަ، މުވައްޒަފުންގެ ގޮތުގައި މަސައްކަތްކުރުމުގެ ގާބިލުކަން ލިބިފައިވާ ބައެއްކަން މައިކްރޮސޮފްޓް 365 ގެ ރޯޑްމެޕުން ވަނީ ހާމަވެފައެވެ.
މި އޭއައި އެޖެންޓުން އެހެން އެޖެންޓުންނާ ތަފާތުވަނީ، ވަކި ކަމަކަށް ޚާއްސަވުމުގެ ބަދަލުގައި، ޢާންމު މަސައްކަތްތައް ކުރުމަށް ފަރުމާކޮށްފައިވުމެވެ. އެގޮތުން، ކޮންމެ އެޖެންޓަކަށް ވަކި ޑިޖިޓަލް އައިޑެންޓިޓީއެއް ލިބިގެންދާނެއެވެ. މި އައިޑެންޓިޓީގެ ސަބަބުން، އިންސާނީ މުވައްޒަފުން ފަދައިން، ކުންފުނީގެ ނިޒާމުތަކަށާއި އެކި އެޕްލިކޭޝަންތަކަށް ވަނުމުގެ ހުއްދަ އެ އެޖެންޓުންނަށް ލިބިގެންދާނެއެވެ.
މި އެޖެންޓުންގެ ގާބިލުކަމުގެ ތެރޭގައި އަމިއްލައަށް މީޓިންތަކަށް ހާޒިރުވެ މަޢުލޫމާތު ނެގުމާއި، ޑޮކިއުމެންޓްތަކަށް ބަދަލުގެނެސް އެޑިޓްކުރުން، އަދި އީމެއިލް އާއި ޗެޓް މެދުވެރިކޮށް އެހެން މުވައްޒަފުންނާ މުޢާމަލާތްކުރުން ހިމެނެއެވެ. މީގެ އިތުރުން، އިންސާނުންނާއި އެހެނިހެން އޭއައި އެޖެންޓުންނާ ގުޅިގެން މަސައްކަތްކުރުމުގެ ކުޅަދާނަކަންވެސް އެ އެޖެންޓުންނަށް ލިބިގެންވެއެވެ.
މި އެޖެންޓުންނަކީ ކުންފުނީގެ މުވައްޒަފުންގެ ތެރޭގައި ހިމެނޭ ބައެއްކަން އިތުރަށް ހާމަކުރުމުގެ ގޮތުން، އެ އެޖެންޓުންނަށް އަމިއްލަ އީމެއިލް އެޑްރެސްއެއް، ޓީމްސް އެކައުންޓެއް، އަދި ކުންފުނީގެ އޯގަނައިޒޭޝަން ޗާޓުން ވަކި މަޤާމެއްވެސް ލިބިގެންދާނެ ކަމަށް މައިކްރޮސޮފްޓް ލައިސަންސިންގެ މާހިރެއް ކަމަށްވާ ރިޗް ގިބަންސް ވިދާޅުވެފައިވެއެވެ.
އެޑްމިނިސްޓްރޭޓަރުންނަށް ފޯރުކޮށްދީފައިވާ މަޢުލޫމާތުގައި 'އޭ365' ގެ ނަމުން ނިސްބަތްކޮށްފައިވާ މި އެޖެންޓުން ބޭނުންކުރުމަށްޓަކައި، އެޑްމިނިސްޓްރޭޓަރުން ލައިސަންސެއް ދޭންޖެހޭނެއެވެ. ނަމަވެސް، އިތުރު ލައިސަންސެއް ގަންނަން ނުޖެހިދާނެ ކަމަށާއި، ކުރިމަގުގައި ތަފާތު މަސައްކަތްތަކަށް ޚާއްސަ ލައިސަންސްތައް ތައާރަފުކުރުމަކީ އެކަށީގެންވާ ކަމެއްކަމަށް މާހިރުން ލަފާކުރެއެވެ.
މައިކްރޯސޮފްޓުން މި އާ ޚިދުމަތް ތަޢާރަފުކުރުމަށް ވަގުތީ ގޮތުން ނޮވެމްބަރު މަސް ކަނޑައަޅާފައިވީ ނަމަވެސް، ކުންފުނިތަކުގެ ޔޫޒަރުންނަށް މި ޚިދުމަތް ރަސްމީކޮށް ލިބިގެންދާނެ ވަކި ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.